215 ކިލޯގެ ޑްރަގް އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަަށްވާ ހެރޮއިންނެވެ.

ސީޕީ ހަމީދު ވިދާޅުވީ، އެ އޮޕަރޭޝަން ފެށީ ބުދަ ދުވަހު ކަމަށާއި އެ އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަންޑް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިހާއި ފޮރެންސިކްސް އަދި ރ. އަތޮޅު ފުލުހުންނާއި އިންޓެލިޖެންސް ޓީމްތައް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަންގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ އޮޕަރޭޝަނަށް ދިވެހި ސިފައިންނާއި އިންޑިއާގެ ކަމާގުޅޭ އިދާރާތަކުން އެހީތެރިވެދިން ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު އިއްޔެގެ ވަގުތެއްގައި ވަނީ 100 ކިލޯގެ މަސްތުވާތަކެތިވެސް އަތުލައިގެންފައެވެ. އެ މައްސަލަައި ފުލުހުން ވަނީ ބިދޭސީން ހިމެނޭހެން 19 އަހަރާއި 61 އަހަރާ ދެމެދުގެ ދިހަ މީހަކު ހައްޔަރުކޮށްފައެވެ. އެ މީހުންނަށް ބަންދުގެ މުއްދަތު ޖެހުމަށް ގެންދިއުމުން ކޯޓުން ހަތަރު މީހަކަށް 15 ދުވަސް އަދި ތިން މީހަކަށް ދިހަ ދުވަސް ޖަހައި ދެ މީހަކު ދޫކޮށްލާފައެވެ.