ނުވަ މީހަކު ޕޮޒިޓިވްވެ، ބ. ކުޑަރިކިލު މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިއަދު 2:00 ހާއިރުއެވެ.

ކުޑަރިކިލު ހެލްތު ސެންޓަރުގެ އެޑްމިނިސްޓްރޭޓާ އޮފް ހެލްތު ސާވިސަސް މާހިދާ އަބްދުއްސައްތާރު މިއަދު "ވަން" އަށް ވިދާޅުވީ އެންމެ ފުރަތަމަ އެރަށުން ޕޮޒިޓިވްވީ ރޯގާގެ އަލާމާތްތައް ހުރެގެން މިދިޔަ އަންގާރަ ދުވަހު އެރަށު ހެލްތު ސެންޓަރަށް ދެއްކި މީހެއް ކަމަށެވެ.

އެ ކޭސްއާ ގުޅިގެން އެ ރަށުން 35 ސާމްޕަލެއް ނަގާފައިވާ ކަމަށާއި އެ ސާމްޕަލްތަކުގެ ތެރެއިން އިތުރު އަށް މީހަކު އިއްޔެ ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މާހިދާ ވިދާޅުވިއެވެ.

"ރޯގާގެ އަލާމާތްތައް ހުރެގެން ރަށުގެ ހެލްތު ސެންޓަރަށް ދެއްކި މީހަކު ފުރަތަމަ ޕޮޒިޓިވްވީ، އެ ކޭސްއާ ގުޅިގެން މިދިޔަ ބުދަ ދުވަހުން ފެށިގެން ރަށުން 35 ސާމްޕަލެއް ނަގާފައިވަނީ. އޭގެ ތެރެއިން އަށް މީހަކު އިއްޔެ ވަނީ ޕޮޒިޓިވްވެފަ،" މާހިދާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ކޭސްތަކާ ގުޅިގެން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްތައް އެރަށުގައި ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިރޭވެސް އެ ރަށުން ރެންޑަމް ސާމްޕަލް ނެގުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މާހިދާ އިތުރަށް ވިދާޅުވީ ކޭސްތަކާ ގުޅިގެން ރަށުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމަށެވެ. އެގޮތުން އެއްވެ އުޅުން މަނާކޮށް، މާސްކް އަޅައިގެން ނޫނީ ބޭރަށް ނުކުތުންވެސް މަނާކޮށްފައިވާ ކަމަށެވެ. އަދި ރަށުގެ ސްކޫލް ބަންދުކޮށް، ވިޔަފާރިތަކާއި ކެފޭ، ރެސްޓޯރެންޓްތަކުންވެސް ޑެލިވަރީގެ ހިދުމަތް އެކަނި ދިނުމަށް އަންގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.