އދ. ދަނގެތީގައި މަރާލުމަށްފަހު ފަޅުގެއެއްގެ ވަޅަކަށް ވައްޓާލާފައި އޮތް މަހުމޫދު އަބޫބަކުރު (55އ)ގެ ހަށިގަނޑުގެ އިތުރު ތަހުލީލުތަކެއް ހެދުމަށް މާލެއަށް ގެނައުމަށްފަހު އަނބުރާ އެ ރަށަށް ގެންގޮސްފިއެވެ.

ދަނގެތީ ކައުންސިލު ރައީސް މުއާވިޔަތު ރަޝީދު މިއަދު "ވަން" އަށް ވިދާޅުވީ، މަހުމޫދުގެ ހަށިގަނޑު އިތުރު ތަހުލީލުތަކެއް ހެދުމަށް މާލެ ގެނައުމަށްފަހު އަލުން އަނބުރާ އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އެހެން ނަމަވެސް މަހުމޫދުގެ ޖަނާޒާ ބާއްވާނެ ގަޑިއެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް މުއާވިޔަތު ވިދާޅުވިއެވެ.

"ހަމަ ދެންމެ ހަށިގަނޑު އެ ގެނައީ. ގާތްގަނޑަކަށް 2 ޖަހާނީ އޭރު. އަދި ޖަނާޒާ ބާއްވާނެ ގަޑިއެއް އަޅުގަނޑުމެންނަށް ނޭންގޭ. އެކަމުގައި އަޅުގަނޑުމެން މި އުޅެނީ މިވަގުތުވެސް،" މުއާވިޔަތު ވިދާޅުވިއެވެ.

މަހުމޫދު ގެއްލިގެން ހޯދަން ފެށީ ސާފް ޗެމްޕިއަންޝިޕުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެއާއި އިންޑިއާ މެޗަށްފަހު ގެއިން ނުކުތް ގޮތަށް އޭނާގެ ހަބަރެއް ނުވާތީއެވެ. މަހުމޫދު ހޯދުމަށް ގެތައް ފާސްކުރަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ ފަޅު ގޯއްޗެއްގައި ހުރި ފެންވަޅެއްގެ ތެރެއިން އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.

އެ ސަރަހައްދުގައި އެވަގުތު ހުރި މީހަކު "ވަން" އަށް ބުނީ އޭނާ ވަޅުން ނެގި ވަގުތު ބޮލުން ވަރަށް ގިނަ އަދަދެއްގެ ލޭ ފޭބި ކަމަށެވެ. އަދި އެ ވަޅު މައްޗާއި ވަޅު ކައިރީގައިވެސް ވަރަށް ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް އޭނާ ބުންޏެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މަހުމޫދުގެ ހަށިގަނޑު ހިނަވާން ގެންދިޔަ ފަހުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، މަހުމޫދުގެ ވައިނޮޅީގެ ދެފަރާތަށް ވަނީ ވަޅި ޖަހައިފައެވެ. އޭގެ އިތުރުން ބޮލުގެ އެތައް ތަނަކަށް ވެސް ތޫނު އެއްޗެއް ހަރާފައި ހުއްޓެވެ. އެތަންތަނުގެ ފުންމިން ބޮލުގެ ނާށިގަނޑާ ހަމަޔަށް ހުރި ކަމަށް ވެސް ބުންޏެވެ. މަހުމޫދު ނެގި ވަޅުގައި ހުރި ފެން ވެސް ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ލެޔަށް ބަދަލުވެ، ފެންގަނޑު ކުނިވެފައި ކަމަށް ވެސް ބުންޏެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގައި ރައްޔިތުން ނުކުމެ ދެ މީހަކު ފުލުހުންނާ ހަވާލުކޮށްފައިވާއިރު މަހުމޫދުގެ މަރުގެ އެންމެ ބޮޑު ތުހުމަތެއްވެސް ވަނީ އެ ދެމީހުންނަށެވެ. އެތަނުން އެއް ޒުވާނަކީ ތޮއްޑު އާއި ދަނގެއްޗަށް ނިސްބަތްވާ ޒުވާނެކެވެ. އަނެއް ޒުވާނާއަކީ ތޮއްޑޫ ޒުވާނެކެވެ. އެ ދެ ޒުވާނުންނަކީވެސް ވަރަށް އެކުގައި އުޅޭ ދެ ޒުވާނުން ކަމަށް ދަނގެތިން މައުލޫމާތު ދިން މީހަކު ބުންޏެވެ.

މީގެ އިތުރުން އެ ދެ މީހުންނާއެކު އެއް ގެއެއްގައި އުޅުނު އަންހެނަކުވެސް ވަނީ ފުލުހުންގެ ހިމާޔަތުގެ ދަށަށް ގެންގޮސްފައެވެ. އެ ތިން މީހުންވެސް މިހާރު ވަނީ އެ ރަށުން ބާލައިފައެވެ.

މަހުމޫދު މަރާލި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ހާއްސަ އިންވެސްޓިގޭޝަން ޓީމަކުން މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އެ ތަހުގީގު ކުރިއަށްގެންދަނީ ހުރިހާ ކަމަކަށް ސަމާލުވެ މި ލާއިންސާނީ އަމަލު ހިންގުމުގައި ބައިވެރިވި ކުށްވެރިން ހައްޔަރު ކުރުމަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.