ބަރުލަމާނީ މަސައްކަތާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދެއްކޭނީ ރައީސް ސޯލިހާ މަޝްވަރާ ކުރުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"ހައެއް ފަހެއް" ގެ ހަމަލާއަށް ފަހު ރާއްޖެ ވަޑައިގެން މިއަދު ރައްޔިތުން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭއަށް އެންމެ އެކަށީގެންވާ ނިޒާމަކީ ރައްޔިތުން މަޖިލީހުގެ ދައުރު ބޮޑުކޮށް އޮންނަ ބަރުލަމާނީ ނިޒާމު ކަމަށެވެ. އަދި ނިޒާމު ބަދަލު ކުރުމާ ބެހޭ މަޝްވަރާތައް ރައީސް ސޯލިހާ އެކު ވަރަށް ގާތުން ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ނިޒާމު ބަދަލުކުރުމުގެ ގޮތުން ވަކި ހާއްސަ މަސައްކަތެއް އަދި ނުކުރާ ކަމަށާއި ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން އިތުރު އެއްވެސް ވާހަކަފުޅެއް ދައްކަވާނީ ރައީސް ސޯލިހާ ފުރިހަމައަށް މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

"އާދެ އަޅުގަނޑު އަބަދުވެސް އެދެނީ ރާއްޖޭގައި އެންމެ އޮތުން އެކަށީގެންވާ ރައްޔިތުން މަޖިލީހުގެ ދައުރު ބޮޑުކޮށް އޮތް ވެރިކަމެކޭ، ދެން މި މަޝްރޫއުގެ މި މަސައްކަތަކީ އަޅުގަނޑު ރައީސާ މަޝްވަރާކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއް. އެހެންވީމާ މި މައުލޫގައި އަޅުގަނޑު އިތުރަށް އެއްޗެއް ދަންނަވާނަމަ ދަންނަވާނީ ރައީސާ އެކަމާ ގުޅޭގޮތުން ފުރިހަމައަށް މަޝްވަރާކުރެވުނީމަ،" ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ރައީސް ސޯލިހާ އެކު ނިޒާމު ބަދަލު ކުރުމުގެ މަޝްވަރާގެ ކަންތައް ކުރިއަށްދާ ގޮތް ނަޝީދު ވިދާޅެއް ނުވެއެވެ.

މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ، މިހާރު ރާއްޖޭގައި މިއޮތް ރިޔާސީ ނިޒާމަކީ ރައްޔިތުން ވޯޓުލައި ކަނޑައަޅާފައިވާ ނިޒާމެއް ކަމަށްވުމުން އަލުން އަނެއްކާވެސް ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުން އެގޮތަށް ބޭނުންވުމުން ކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން މިހާރު ވެސް ގެންދަވަނީ ބަރުލަމާނީ ނިޒާމަށް ތާއިދުކޮށް ވާހަކަ ދައްކަވަމުންނެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުމާ ދިމާކޮށް ނަޝީދު ވިދާޅުވެފައި ވަނީ، ބަރުލަމާނީއަށް ތާއިދުކުރާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ނަޝިދާ ވަރަށް ގާތްގުޅުމެއް އޮންނަ އެމްޑީޕީގެ އެކްޓިވިސްޓުން ދަނީ ބަރުލަމާނީ ޕެޓިޝަނެއް ތައްޔާރުކޮށް ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.