ސަރުކާރުގެ އިގުތިސޯދީ ސިޔާސަތާއި މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ ތައުރީފު ކުރައްވައިފި އެވެ
މަޖިލިސް ރައީސް މިމޭރުމުން ވާހަކަ ދެއްކެވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންނާ ބައްދަލު ކުރައްވައިއެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލީހުގައި ކުރިއަށްއޮތް ދުވަސްތަކަށް ބަލާއިރު އެންމެ މުހިއްމު ކަމަކަށް އޮތީ، އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ކުރިއަށްދާއިރު ވީ މިންވަރަކުން ދައުލަތުގެ ބަޖެޓް ބެލެންސް ކޮށްފައި ބޭއްވުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ކޮވިޑާ ގުޅިގެން ދައުލަތުގެ އާންމުދަނީ އެކުގައިހެން ހުއްޓިގެން ދިއުމާ ގުޅިގެން ވަރަށް ބޮޑެތި އުނދަގޫތަކަކާ ސަރުކާރަށް ކުރިމަތިލާން ޖެހިފަވާއެވެ. ނަމަވެސް ހުއްޓުމެއް ނެތި އޮމާންކަމާއެކު ސަރުކާރުން ކަންކަން ވަނީ ކުރިއަށް ގެންގޮސްފައި ކަމަށް ވިދާޅުވިއެވެ.
ހާއްސަ ގޮތެއްގައި މުވައްޒިފުން މަދު ކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ގެންގުޅެފައި ނުވާ ކަމަށާއި ސިވިލްސާވިސް މުވައްޒިފުންނަށްވެސް އެއްވެސް ބަދަލެއް ގެނަސްފައިނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެދަތިކަމާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކަަށްވެސް އެއްވެސް އަދި އިޖުތިމާއީ ރައްކާތެރިކަމުގެ މަސައްކަތަކަށްވެސް އެއްވެސް ބަދަލެއް ނުގެނެސް، ކޮވިޑްގެ ދަތިކަމާއެކުވެސް އެ ހިދުމަތްތައް ސަރުކާރުން ދިޔައީ ދެމުންނެވެ.
"އަޅުގަނޑު އެކަމަށްޓަކައި ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ އިގުތިސާދީ ސިޔާތަށް ތައުރީފު ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރާ ގުޅިގެން ކޮވިޑަށްފަހު އެންމެ ކުރީގައި ޓޫރިޒަމަށް ހުޅުވާލެވުނު އެއް މަންޒިލްގެ ގޮތުގައި ވެގެންދިއުމަކީ ލިބުނު ކާމިޔާބެއް ކަމަށެވެ. އެގޮތަށް ޓޫރިޒަމް ހުޅުވައި ނުލެވުނުނަމަ އެތައްބައެއްގެ ވަޒީފާ އާއި އެއްތައް ބައެއްގެ ދިރިއުޅުމާއި އެތައް އާމްދަނީއެއް ހުއްޓިގެން ދިޔައީސް ކަމަށްވެސް ވިދާޅުވިއެވެ.
"އެކަން އެހެންވީކަމީ މިއަދު އަޅުގަނޑުމެނަށް އޭގެ މަންފާ، ނަތީޖާ ރަނގަޅަށް ލިބެމުންދާކަމެއް، އެތައްބައެއްގެ ވަޒީފާ، އެއްތައް ބައެއްގެ ދިރިއުޅުން، އެތައް އާމްދަނީއެއް ހުއްޓިގެން ދިޔައީސް ޓޫރިޒަމް ހުޅުވައި ނުލެވި އަޅުގަނޑުމެނަށް ކުރިއަށް ގެންދާން ޖެހުނުނަމަ،" ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު