ރ. ކިނޮޅަސް ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
ކިނޮޅަސް ނެރުމައްޗަށް ފަސް އަރައި، ބަނދަރުން އޮޑިދޯނިފަހަރު ނުކުތުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ، ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
އެމްޓީސީސީން މިއަދު ބުނީ، ކިނޮޅަސް ނެރުމައްޗަށް ފަސް އަރައި، ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އެ ކުންފުނިން އިއްޔެ އެރަށަށް ގޮސްފައިވާ ކަމަށެވެ. އަދި ނެރުމައްޗަށް އަރާފައިވާ ފަސްތައް ނަގައި، މި މައްސަލައަށް އަވަސް ހައްލެއް ގެންނާނެ ކަމަށްވެސް ބުންޏެވެ.
ކިނޮޅަސް ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަޝްރޫއުގެ ޑިޒައިން މަސައްކަތް ނިންމައި ހައްލުކުރާނެ ފަރާތެެއް ހޯދުމަށް ބީލަން ހުށަހެވާޅުމަށް ފުރަތަމަ ހުޅުވާލީ މިއަހަރުގެ މާޗު މަހުގެ ތެރޭގެވެ. ނަމަވެސް ކައުންސިލުން ޑިޒައިނަށް އިތުރު ބަދަލު ގެނައުމަށް އެދުމުން، އެ ބަދަލުތަކާއެކު ޖުލައި މަހުގެ ތެރޭގައި އަލުން ބީލަމަށް ހުޅުވާލިއެވެ.
ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކަށް ބީލަން ހުށަހަޅާފައި ނުވުމުން، ޑައިރެކްޓް އެވޯޑުގެ އުސޫލުގެ ދަށުން ބިޑަށް ހުޅުވާލުމެއް ނެތި އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ކިނޮޅަހު ބަނދަރު މައްސަލައިގައި މިދިޔަ ބުދަ ދުވަހު އެރަށުގެ ރައްޔިތުން ވަނީ މުޒާހަރާވެސް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު