ރާއްޖޭގައި ފްލައިން ސްކޫލު ހިންގަން ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑަމީއާ ހަވާލުކޮށްފިއެވެ.
ފްލައިން ސްކޫލުގެ ކަންކަން ރާއްޖެއިން ބަލަހައްޓާނީ ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނާއި އާއި ގުޅިގެންނެވެ.
އައިލެންޑް އޭވިއޭޝަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް މިރޭ "ވަން" އަށް ވިދާޅުވީ ރާއްޖޭގެ ފްލައިން ސްކޫލް ހިންގަން ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އާ ގުޅިގެން ޑިސެމްބަރުގައި ފްލައިން ސްކޫލުގެ ކިޔެވުން ފެށޭ ވަރަށް މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން، މިހާރު އިންޖިނިއަރުންނާއި ޓެކްނީޝަނުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަން މޫސަ ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވީ ފްލައިން ސްކޫލުގެ ދަރިވަރުންގެ އިންހައުސް ކިޔެވުން އޮންނާނީ އައްޑޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަސްގައި ކަމަށެވެ. އަދި ފްލައި ކުރުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ކަމަށެވެ. މި މަސައްކަތް ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއާ ހަވާލު ކޮށްފައިވާއިރު، ކުރިޔަށް އޮތް ދޮޅުމަސް ދުވަހުގެ ތެރޭގައި އެ އެކަޑަމީގެ ޓީމެއް ވަޑައިގަންނަވާނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
"ޑިސެމްބަރުގައި ކިޔެވުން ފެށޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. ކޯސްތައް ވަރަށް އަވަހަށް އާންމުންނަށް ހުޅުވާލާނެ. ކޯސްތަކުގައި ފުރަތަމަ އިސްކަން ދޭނީ ތަފާތު ސަބަބުތައް ކުރިމަތިވެ، މިހާރު ކިޔެވުން މެދުކެނޑިފައި ތިބި ކުދިންނަށް،" މޫސަ ވިދާޅުވިއެވެ.
ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއަކީ ފްލައިން ސްކްލޫތައް ހިންގުމުގައި މުޅި ޔޫރަޕްގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ 12 އަހަރު ފްލައިން ސްކޫލު ހިންގާފައިވަނީ، އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިންނެވެ. ނަމަވެސް ތަފާތު އެތައް މައްސަލަތަކެއް ދިމާވުމާ ގުޅިގެން، މިދިޔަ ޖުލައި 31 ވަނަ ދުވަހު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރުން ވަނީ އޭއޭއޭއާ އެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރަން ނިންމައިފައެވެ.
އޭއޭއޭ އައިގެ 178 ދަރިވަރުންނަށް މައްސަލަތައް ކުރިމަތިވެ ކިޔެވުން މެދުކެނޑިފައި އޮންނަތާ އެތައް ދުވަހެއް ވެފައި ވަނިކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ވަނީ އޭއޭއޭގެ ދަރިވަރުންނާ ބައްދަލުކުރައްވައި ޑިސެމްބަރުގައި ދަރިވަރުންގެ ކިޔެވުން ފެށޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ރައީސް ވިދާޅުވީ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ ދަށުން ރާއްޖޭގައި ހިންގާ ފަލައިން ސްކޫލް ހިންގާނީ ޕްރޮފެޝަނަލް ޔޫރަޕިއަން ފްލައިން ސްކޫލަކުން ކަމުގައިވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ދަރިވަރުންނަށް ދިމާވެފައިވާ މާލީ ދަތިތައް ހައްލުކޮށްދިނުމަށް ޓޮޕްއަޕް ލޯން ތަކެއް ދިނުމާއި މިކަމުގައި އިތުރަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބެއްލެވުމަށްފަހު މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު