ވާހަކަ

ޖޫދް - 31

އެއް ތިރީސްވަނަ ބައި

އެނދުގައި އޮތް ކުޑަ ދަރިފުޅަށް ބަލަހައްޓައިގެން އޮތް ރިކްޒާ ދެލޮލުގެ އަރިމަތިން ކަރުނައެއް ފައިބައިގެން ދިޔައެވެ. އެދަރިފުޅުގެ މޫނުމަތިން ދަރިފުޅުގެ ބައްޕަގެ ސިފަ އޭނާއަށް ފާހަގަވަމުން ދިޔައެވެ. އެހިނދު އޭނާ ހިތުގައި އިންތިހާއަށް ރިއްސައިގަތެވެ. އެއް އެކުވެރިޔަކު އަނެއް އެކުވެރިޔަކަށް ދުވަހަކުވެސް ނުދޭނެ ދެރައެއް އޭނާއަށް އަންބަރަށް ދެވިއްޖެއެވެ. ކައިރީގައި އޮތް ފޯނު ނަގާފައި ކޮންޓެކްޓް ލިސްޓުން އަންބަރްގެ ނަން ހޯދާލިއެވެ. މިހުރިހާ ދުވަހު އޭނާ އިނީ އަންބަރްގެ ފޯނު ނަންބަރު ބްލޮކް ކޮށްފައެވެ. އެހެންނަމަވެސް މިހާރު ހަގީގަތާ ކުރިމަތިލައި ދިރިއުޅުން ބަދަލުކުރަންވީ ވަގުތު ޖެހިއްޖެއެވެ.

ކޮޓަރީގެ ދޮރުހުޅުވާލި އަޑަށް ރިކްޒާ ބަލައިލިއެވެ. ސީނާ ވަދެގެން އާދެއެވެ. ހަރުކަށިކަމާއި ޒީލަގަދަކަމުން އަބަދުވެސް ފުފިފައި ހުންނަ ސީނާގެ ފުށުން މިފަހަރު ރިކްޒާއަށް ފެނުނީ މަޑުމޮޅީކަމާއި ހިމޭންކަމެވެ. އެ މޫނު މަތީގައި އެއްވެސް ދިރުމެއްނެތެވެ. ރިކްޒާ ހެޑްބޯޑުގައި ލެގިނލިއެވެ. ސީނާ އިށީނީ ރިކްޒާގެ މަގަތުންނެވެ. އޭނާގެ އަތުތެރޭގައި ހުރި އާވިއަރަމުން ދިޔަ ނޫޑްލްސް ސޫޕްތަށިން ސަމްސަލުން ރިކްޒާއަށް ކާންދޭން ފެށިއެވެ. ރިކްޒާއަށް އިހުސާސްވީ ލަދުވެތި ކަމެކެވެ. ބަހެއްވެސް ނުކިޔާ އިނދެ ރިކްޒާ ކައި ނިމުމުން ކާންދިން ތަށިތައް ހިފައިގެން އޭނާ ނުކުމެއްޖެއެވެ. ފުން ނޭވައެއްލާފައި ރިކްޒާ ފޯނު ނެގިއެވެ. ދަރިފުޅުގެ ބައްޕައަށް ދަރިފުޅު ދުނިޔެއަށް އައިކަން އެނގެން ޖެހޭނެއެވެ. ރިކްޒާ ނަމްބަރަކަށް ގުޅާލާފައި ކަންފަތުގައި ފޯނު ޖެހިއެވެ.

ފިރިހެން އަޑެއް ކަންފަތުގައ ޖެހުމާއެކު ރިކްޒާއަށް ދެލޯ މަރާލައި ބާރުކޮށްލެވުނެވެ. އެ ފާފައަށް އަރައިގަނެވުނު ދުވަސް ލޯމަތީގައި ތަމްސީލުވެލިއެވެ. އެފަދަ ނުބައި ފާފައަކަށް އެ ފިރިހެނާ އާއެކުގައި އޭނާއަށް އަރައިގަނެވުނީ އެއްގޮތަކަށްވެސް އެ ފިރިހެނާ ދެކެ ލޯބިވެގެނެއް ނޫނެވެ. ހާލަތުގެ ފައިދާ އެ ފިރިހެނާ ނެގީއެވެ. އިންކާރު ކުރެވުނު ނަމައޭ މިހާރު އޭނާގެ ހިތަށް އެރިއެވެ. ދުވަހަކުވެސް ފިރިހެނަކާ ކައިރި ނުވާ މިންވަރަށް ކައިރިވާން އެއްބަސްވީ ރުހުމުގައެވެ. ޝައިތާނާގެ ބަހަށް ހެއްލެވުނީއެވެ.

"ދަރިފުޅު ދުނިޔެއަށް އައިސްފި" ރިކްޒާ ބުންޏެވެ.

"ހެހެހެ... ތިހެން ނުކިޔާ. އަހަރެންގެ ދަރިއެއް ދުނިޔޭގެ އެއްވެސް ތަނެއްގައި ނުހުންނާނެ" އިވިގެން ދިޔަ އެ ބަސްތަކާއެކު ރިކްޒާ ކަންފަތާ ފޯނު ދުރުކޮށްލައިފިއެވެ. ދަރިއަކު ބަފަޔަކާ ނުލައި ދުނިޔެއަށް ގިނަވާތީ އޭނާ ދެރަވެ ހިތުގައި ޖެހުނެވެ. ދަރިފުޅާ އެ ދަރިފުޅުގެ ބައްޕަ ހަވާލުނުވީތީ އޭގެ ރުޅިވެރިކަން ކުށެއް ނެތް އެ މައުސޫމު ފުރާނައަށް ބާލާކަށް އެއްބަހެއް ނުވެވުނެވެ. ދަރިއަކު އުފަންވިކަން އެނގުމުން އެއީ ކޮންކަހަލަ ކުއްޖެއްތޯ ވެސް ބަލައިނުލިއެވެ. ކޮންކަހަލަ ނުބައި ނުލަފާ ފިރިހެނެއް ހެއްޔެވެ؟

ސްކޫލު ގޭޓުން ޖިޔާ އެތެރެއަށް ވަނުމާއެކު ގެއަށް ދިޔުމަށް ނީލަމް ހިނގައިގަތެވެ. ފަހަތުން މީހަކު އަންނަހެން ހީވެގެން އެނބުރުނުއިރު އައްމާރު އަރާ ހަމަވެއްޖެއެވެ. ނީލަމް ކަންބޮޑުވިއެވެ. އައްމާރަށް ފިލައިގެން އުޅެން އޭނާ ކުރާ އެއްވެސް ކަމެއް ކާމިޔާބެއް ނުވެއެވެ. ނީލަމްއާ އެއް ހަމައެއްގައި ހުރެ ހިނގާފައި ދިޔަސް ކުރިން އައްމާރު ހުރީ ބަހެއް ނުކިޔާށެވެ.

"އައްމާރު ކީއްވެތަ ތިހެން ތިއުޅެނީ؟" އެންމެފަހުން ނީލަމް އެހިއެވެ. އެހެންނަމަވެސް އޭނާގެ ހިނގުމުގެ ސްޕީޑަށް ބަދަލެއް ނާދެއެވެ.

"ތަންކޮޅެއް މަޑުން ހިނގާފާނަންތަ. އަހަރެން ވަރުބަލިވެއްޖެ" ނީލަމް ކުރި ސުވާލުގެ ޖަވާބު ދިނުމެއްނެތި އައްމާރު ބުންޏެވެ.

"އެހެންވިއްޔާ އަނބުރާލާފައި ގެއަށް ދޭ" ނީލަމް ބުންޏެވެ.

"އުނހު. މި ރޭހުގައި ނީލަމްއާ އެއްހަމައެއްގައި ހިފަހައްޓާލާނަން" އައްމާރު ބުންޏެވެ. "ފަހު ނޭވާ އާއެކު ވެއްޓެންދެން"

އައްމާރު ބުނި ދެ މާނަ އެކުލެވޭ ޖުމްލައާއެކު ނީލަމްގެ ފިޔަވަޅުތަކަށް ކުޑަ ލަސްކަމެއް އައެވެ. ވަރަށް ރަނގަޅަށް އައްމާރު މާނަކުރި ގޮތް ނީލަމްއަށް ފަހުމްވިއެވެ.

"ހަގީގަތުގައިވެސް ތިއީ އައްމާރު ބޭނުންވާ ގޮތް ނަމަ އަހަރެން ކުރާ ސުވާލަކަށް ޖަވާބުދީފާނަންތަ؟" ނީލަމް އެހިއެވެ. އައްމާރު ވަގުތުން ބޯ ޖަހާލިއެވެ.

"އަހަރެންނާ އިނދެގެން ގޮވައިގެން ތިއާއިލާ ތެރެއަށް ނުގެންދެވިގެންތަ ތިއުޅެނީ؟ އައްމާރަށް ނުފެނޭތަ އެމީހުން އަހަރެންނަށް ހެދި ގޮތް. އަހަރެންނާ ދިމާލަށް ކިއި އެއްޗެހި އަޑެއް ނީވޭތަ؟ އަހަރެން ރުއި ރުއިން ނުދެކެންތަ؟ އެހުރިހާ ކަމެއް އެނގިހުރެ އައްމާރު އަހަރެންނާ އިންނަން ބޭނުންވެގެން ތިއުޅެނީ ކީއްވެތަ؟ އައްމާރުގެ މައްޗަށް އާއިލާގެ ނުފޫޒު އޮތްވަރު އަހަރެންނަށް އެނގޭ" ނީލަމް ވާހަކަދެއްކިއެވެ. އެވަރަށް ވެސް ނީލަމް ވާހަކަދައްކާލީތީ އައްމާރު ހިތްހަމަޖެހުނެވެ.

"އަހަރެން ތިހުރިހާ ސުވާލުގެ ޖަވާބުދީފާނަން. އެކަމަކު މިތަނުގައި ނުދެވޭނެ. އަންހެނެއްގެ ފަހަތުން ހުއްޓުމެއްނެތި ފިރިހެނަކު ހިނގާތީ ހާދަ މީހުނެއް އެބަ ބަލައޭ. އަހަރެމެން ދެމީހުންނަކީވެސް މިރަށަށް ބީރައްޓެހި ބައެއް. ނީލަމްއާ ވާހަކަދައްކާލަން އަހަރެންނާ ތިގެއިން ބައްދަލުކޮށްފާނަންތަ؟' އައްމާރު ބުންޏެވެ.

"އިށީނދޭ" އައްމާރަށް އިށީންނަންވީ ގޮނޑި ދައްކާފައި ނީލަމް އެތެރެއަށް ދިޔައެވެ. ކޮޓަރީގައި އުޅުނު ޒަހާ ކައިރީގައި ބުނެލާފައި އޭނާ އަލުން އައިސް އައްމާރު ކައިރީގައި ހުއްޓުނެވެ.

"ސައި ބޮއެގެންތަ ތިއުޅެނީ؟" ނީލަމް އެހިއެވެ.

"ތިކަމާ އަދި ނޫޅެވޭ. ޔޫނުސް ހޭނުލާތީ. ޖޫދު ރަށުގައި ނެތީމަ އެނގޭ ނީލަމް ކަން ޖިޔާ ގޮވައިގެން ސްކޫލު ކައިރިއަށް ދާނީ. އެހެންވެ އެތަނަށް ދިޔައީ ނީލަމްއާ ބައްދަލުކުރަން" އައްމާރު ވާހަކަދެއްކިއެވެ.

"އާދޭ ސައިބޯން" އެހެން ބުނެފައި ނީލަމް ހިނގައިގަތެވެ. ފަހަތުން ދާން ތެދުވި އައްމާރަށް ހެވުނެވެ. ހުވަފެނެއް ކަމަށް ހީކޮށް އެއް އަތުން އަނެއް އަތުގައި ވިކައިވެސްލިއެވެ.

އައްމާރަށް ތަށި ކައިރިކޮށްދީފައި ނީލަމް ދިޔައީ ޒަހާ ބަލައެވެ. މޭޒު ކައިރީގައި ތިބީ ތިން މީހުން އެކަންޏެވެ. އެކަކު އަނެކަކަށް ބަލައިލާފައި ހީލުން ފިޔަވާ އިތުރު ކަމެއް ސައިމޭޒުގައި ނުހިނގައެވެ.

"އިބާ މިހާރު ކިހިނެއް؟" އައްމާރު އެހިއެވެ.

"ރަނގަޅު ވަމުން އަންނަ ކަމަށް ޑޮކްޓަރުން ބުނަނީ. އެއްކޮށް ރަނގަޅުވާން އަދި ނަގާނެތާ ދުވަސް" ޒަހާ ބުންޏެވެ.

ސަޔަށްފަހު ޒަހާ ދާން އުޅުމުން ނީލަމް ކަންބޮޑުވިއެވެ. ވާހަކަދައްކަން އެކަނި އިންނަން އޭނާ ބޭނުމެއްނުވިއެވެ. އެއީ ރަނގަޅު ގޮތެއްވެސް ނޫނެވެ. ޒަހާއަށް ނީލަމް ބަދަލުކޮށްލި ނަޒަރުންވެސް ޒަހާ އެކަން ދެނެގަތެވެ.

"ޒަހާއްތަ ސޯފާ ގޮނޑި ކައިރީ މީނީ. ދެކުދިން ވާހަކަދައްކާލާ. މީނީ ފެންނަ ހިސާބުގަ" ޒަހާ ބުންޏެވެ.

"ނީލަމް ހާދަ ބިރުން ތިއުޅެނީ. އަހަރެން މިއުޅެނީ ދައްކައިގެން ނުވާނޭ ވާހަކަތަކެއް ދައްކާކަށް ނޫން. ނީލަމް ކުރި ސުވާލުތަކުގެ ޖަވާބުދޭން" އައްމާރު ބުންޏެވެ. ނީލަމް އިށީނީ އައްމާރާ ޖެހިގެން އެއްގޮނޑި ދޫކޮށްފައެވެ.

"ނީލަމް ކުރި ސުވާލުތަކަށް ޖަވާބުދިނުމުގެ ކުރިން އަހަރެން ސުވާލެއްކޮށްލަންތަ؟" އައްމާރު އެހިއެވެ. ނީލަމް ބޯޖަހާލިއެވެ.

"ނީލަމް ކީއްވެތަ އަހަރެންދެކެ ތިހާ ނަފުރަތުކުރަނީ؟ އެދުވަސްކޮޅުގައި އަހަރެން ކަންތައްކުރި ގޮތް ރަނގަޅެއް ނޫންކަން އަހަރެންނަށް އެނގޭ. އެކަމަކު ފަހުން އަހަރެން ހުއްޓާލީމެއްނު" އައްމާރު ވާހަކަދެއްކިއެވެ.

"އަހަރެން އެއްވެސް މީހެއްދެކެ ނަފުރަތެއް ނުކުރަން. އެހެންމީހުން އަހަރެންނަށް ނަފުރަތު ކުރަނީ އަހަރެންނަކީ ނިކަމެއްޗަކަށް ވީތީ. އަހަރެން އަތުގައި ފައިސާ އާއި މުދާ ނެތީމަ ހުރިހާ މީހުންވެސް ހީކުރަނީ އަހަރެން ބޭނުންވެގެން އުޅެނީ އެ ކަމަށް. އެކަމަކު އަހަރެންނަކީ ފައިސާ އާއި މުދަލަށް ދަހިވެތިވާނެ މީހެއް ނޫން. އެއީ އަހަރެންގެ ދިރިއުޅުމުގައި މުހިންމު އެއްޗެއްވެސް ނޫން. އަހަރެން ހަމައެކަނި ބޭނުންވީ އަހަރެންގެ ފިރިމީހާއާއެކު އުފާވެރި ހަޔާތެއް. އެ ނަސީބު އަހަރެންގެ ތަގުދީރުގައި ނެތީތީ އަހަރެންނަށް ނުލިބުނު. ދެން ތިބުނީ އައްމާރުދެކެ ނަފުރަތުކުރާ ކަމަށް. އަހަރެން އައްމާރާ ގުޅިއްޖެނަމަ އަނެއްކާވެސް އެމީހުންނަށް ހީވާނީ އަހަރެން ފައިސާ ބޭނުންވެގެން އުޅެނީ ކަމަށް" ނީލަމް ވާހަކަދެއްކިއެވެ. އޭނާގެ ހިތުގައިވި ހުރިހާ އެއްޗެއް އެއްވެސް އުނދަގުލަކާނުލައި އައްމާރާ ހިއްސާކުރެވިއްޖެއެވެ.

"އަހަރެން އެފުރުސަތު އެމީހުންނަށް ނުދީފިއްޔާ" އައްމާރު އެހިއެވެ.

"ތިއީ ވާނެ ކަމެއްނޫން. މިހާރު ތިއުޅެނީ އައްމާރުގެ ހިތުގައި އެދުމެއް އޮތީތީ އެކަން ހާސިލުކުރަން. އެހެންވެ ތިގޮތަށް ތިބުނެވުނީ" ނީލަމް ބުންޏެވެ.

"އަހަރެން އެކަން ސާބިތުކޮށްދޭނަން. ތިބުނާ ފައިސާ އާއި މުދަލާ ލިބިހުރެވެސް އެހުރިހާ އެއްޗެއް ދޫކޮށްލައިގެން އަހަރެން މިހުރީ" އައްމާރު ބުންޏެވެ. "ހަމައެކަނި ނީލަމަށްޓަކައި"

އެހެން ބުނުމާއެކު ނީލަމް އަށް ދެލޯ މަރާ ބާރުކޮށްލެވިއްޖެއެވެ. ދެލޮލުން ކަރުނަ ހިލުވާލިއެވެ.

"އަހަރެންނާ މެދު ތި އާއިލާ އިން ދެކޭގޮތް އެގޭއިރުވެސް އައްމާރު އަހަރެންނާ އިންނަން ބޭނުންވަނީ ކީއްވެ؟ ތަނެއްގައި ހުރި ނިކަމެތި އަންހެނަކަށްޓަކައި އައްމާރު ތިހާވަރުން ތިއުޅެނީ ކީއްވެ؟ އަހަރެންނަށް ވުރެ މާ ރަނގަޅު މާ ރީތި ތަނަވަސް ކުދިން އެބައުޅޭ. މިރަށުގައިވެސް އެބައުޅޭ. އެހުރިހާ ކުދިން"

"ތިބުނާ ހުރިހާ ކުދިން ހުއްޓާ އަހަރެންގެ ހިތް ނީލަމްއަށް ދެވުނީ" އައްމާރު ބުންޏެވެ. "އަހަރެންގެ ދުލުން މިހެން ބުނާ އަޑު އަހާހިތުން އުޅޭހެން ހީވާތީ މިބުނަނީ. އަހަރެން ނީލަމް ދެކެ ވަރަށް ލޯބިވޭ. އަހަރެން ނީލަމް ބޭނުން" ދެރަވެފައި އިނަސް މިފަހަރު ނީލަމްއަށް ހެވުނެވެ. އައްމާރަށް އެކަން ފާހަގަވެދާނެތީ އޭނާ މޫނު އައްމާރާ ދުރަށް އަނބުރާލިއެވެ.

ކޮޓަރިއަކަށް އަންބަރް ގެންދެވުނުއިރު ކައިރީގައި ތިބީ ސުމައްޔާ އާއި ހާތިމްއެވެ. ހާދިސާ ހިނގިތާ ތޭވީސް ދުވަސް ފަހުން އަންބަރް ހޭއެރީ މީގެ އެއްދުވަސް ކުރިންނެވެ. ދެލޯ ހުޅުވާލި ވަގުތު ޑޮކްޓަރުން އޭނާ އާ ވާހަކަދައްކަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަންބަރް ވާހަކަނުދެއްކިއެވެ. ބައެއްފަހަރު ލޮލުގެ އަރިމަތިން ކަރުނައެއް ފައިބައިގެން ދެއެވެ.

"ނަރުހުން އަންބަރްގެ ކަންތައްތައް ކުރަން ވަން ވަގުތު ސުމައްޔާ އާއި ހާތިމް ބޭރަށް ނުކުތެވެ. އަންބަރަށް ބޭނުންވާނޭ އެއްޗެހި ހިފައިގެން އައި ޖޫދަށް އާދެވުނީ އެވަގުތުގައެވެ.

"މަންމަމެން ފްރެޝްވެލައިގެން އަންނަންވީނުން" ގޮނޑި މަތީގައި ކޮތަޅުތައް ބަހައްޓާފައި ޖޫދު ބުންޏެވެ.

"ކީއްވެތަ އިބާ ވާހަކަނުދައްކަނީ. ޑޮކްޓަރުން ބުނީ ކީކޭ. ދަރިފުޅު ހުރީމެއްނު ވަރަށް ގިނައިރު ޑޮކްޓަރުންނާ ވާހަކަދައްކަން" ސުމައްޔާ އެހިއެވެ.

"އަންބަރްގެ އެއްވެސް ކަމެއް ގޯހެއްނޫން. ﷲ ގެ އިރާދަފުޅުން މަރުގެ ތުންފަތްމަތިން އިބާއަށް އެވަނީ ސަލާމަތްވެފަ" ޖޫދު ބުންޏެވެ.

"ދެން އެއްވެސް މީހަކާ ވާހަކަނުދައްކަނީ ކީއްވެ؟ ގޮވާލީމަ ބަލައިވެސްނުލާ" ސުމައްޔާ ބުންޏެވެ.

"ޑޮކްޓަރުން ބުނީ ވެދާނެ ޔޯ އެއްވެސް މީހަކާ ވާހަކަދައްކަން ބޭނުންނުވާތީ އަންބަރް ވާހަކަނުދައްކަނީ ކަމަށް. ނޫނީ ވެދާނެޔޯ އަދިވެސް އެ ހާދިސާގެ ބިރުވެރިކަން އޭނާގެ ސިކުނޑިއަށް އުނދަގޫ ކުރަނީ ކަމަށްވެސް. މިކޮޅުން ދޫކޮށްލުމުގެ ކުރިން ސައިކޭޓްރިސްޓެއް އަންނާނެޔޯ ބަލަން" ޖޫދު ބުންޏެވެ.

ދުވަހުގެ ހަވީރު ވަގުތެވެ. ނިދިފައޮ އޮތް އަންބަރަށް ބަލަހައްޓައިގެން ކައިރީގައި ޖޫދު އިނެވެ. މޫނުމަތިން ވަރުބަލިގޮތެއް ފާޅުވާން ހުރިއިރު ކަރުގައި ދަބަހުގެ ވާގަނޑު އޮޅުނު ނިޝާން ފަނޑުކޮށް އޭނާގެ ދޮން ކަރުން ފާޅުވާން ހުއްޓެވެ. ކުރިއަށް ވުރެ ހިކިކަމަށް ދެއްކިޔަސް އޭނާގެ ރީތިކަމަށް ބަލަދެއް އައިސްފައި ނުވެއެވެ. އަންބަރަށް ހޭވެރިކަމެއް އައިފަހުން ޖޫދު ފެނުނީ އެންމެ ފަހަރަކުއެވެ. އަންބަރް ހިތްހަމަނުޖެހިގެން އެއްޗެއް ބުނެފާނެތީ މަޑުކުރާކަށް ޖޫދަށް ނުކެރެއެވެ.

ރަނގަޅަށް ނިދި ނުލިބޭތާ އެތައް ދުވަހެއް ވެފައި ވުމުން ޖޫދުގެ ދެލޯމެރުނީ ކިހިނެއް ކަމެއް އޭނައަށް ނޭނގެއެވެ. ހޭލެވުނީ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ފޯނު ނަގާފައި ބަލައިލިއިރު ފޯނަށް އަރާފައި އިނީ ޒަހާއެވެ. އަންބަރަށް އުނދަގުވެދާނެތީ ޖޫދު މަޑުކޮށްލީ ކުޑަދޮރު ކައިރީގައެވެ.

"ނިދިފަ އޮތީ" ޖޫދު ބުންޏެވެ. ވާހަކަދައްކަން ހުރެފައި އޭނާ އަންބަރަށް ބަލައިލިއެވެ. އަންބަރް ހޭލާ އޮތްކަން އޭނާއަށް އެނގުމުން ފޯނު ކުރުކޮށްލާފައި ޖީބަށް ލިއެވެ.

"ކިހިނެއް މިހާރު؟" މަޑުމަޑުން ޖޫދު އެހިއެވެ. އަންބަރް ޖަވާބެއް ނުދިނެވެ.

"ކުރުނބާ ފެން ފޮދެއް ބޯންވީނުން" ޖޫދު އެހިއެވެ. އަންބަރް ޖަވާބެއް ނުދިނެވެ. ޖޫދު ކަންބޮޑުވިއެވެ. ޖަވާބެއް ނުދެނީސް އަންބަރް ބޭނުންވާ ކަމެއް ނޭނގޭނޭ ހިތަށް އެރިއެވެ. ޖޫދު އަލުން ގޮނޑީގައި އިށީނދެފައި ސުމައްޔާގެ ނަންބަރަށް ގުޅިއެވެ. އަންބަރް ހޭލާ އޮތް ވާހަކަ ބުންޏެވެ.

"ފަހަރެއްގައި މަންމަ ނޫނީ ބައްޕަ އަހަނިކޮށް އޭނަ ބޭނުންވާ ކަމެއްގެ ވާހަކަ ބުނެފާނެ" ޖޫދު ބުންޏެވެ. އެވާހަކަތައް އަހަން އޮތް އަންބަރްގެ ހިކިފައިވާ ދެތުންފަތަށް ކުޑަ ލޮޅުމެއް އެރިއެވެ. ލޮލުން ކަރުނައެއް ވެއްޓުނެވެ. އޭނާ އެއްޗެއް ބުނަން އުޅޭ ކަހަލަ ގޮތަކަށް ދެފަރާތަށް ކަޅި ހަރަކާތްކޮށްލިއެވެ.

މާގިނަ އިރެއް ނުވަނީސް ސުމައްޔާ އާއި ހާތިމް އެތެރެއަށް ވަދެއްޖެއެވެ. އަތުގައި އޮތް ކޮތަޅު މޭޒު މަތީގައި ބާއްވާފައި ސުމައްޔާ އައިސް އިށީނީ އަންބަރް ކައިރީގައި ހުރި ގޮނޑީގައެވެ. އަންބަރްގެ އަތުގައި އޭނާ ފިރުމަމުން ދިޔައީ ހިނިތުންވެލައިގެން އިނދެއެވެ.

"ދަރިފުޅު،" ހާތިމް އަންބަރްގެ ފައި ކައިރީގައި ހުއްޓި ގޮވާލިއެވެ.

"ބައްޕާ، އެބަ އަންނަން އަޅުގަނޑު" ޖޫދު ނުކުތެވެ. މުހިންމު ކަމެއް ނޫނަސް އޭނާ ހުރުމުން އަންބަރަށް އުނދަގުވެދާނޭ ހީވީއެވެ. އޭނާ ނުކުމެ މަޑުކޮށްލައިގެން އިނީ ބޭރު ގޮނޑިބަރީގައެވެ. ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވައިގެން އިންއިރު އަންބަރާ ގުޅިގެން އެތައް ވާހަކަތަކެއް އޭނާގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. ފުރަތަމަ ފަހަރަށް އަންބަރާ މެދު އޭނާގެ ހިތުގައި ޝަކުވާ އުފެދެން އުޅުނެވެ. އަންބަރަކީ އަނބިމީހާއަށް ވީއިރު އަނބިމީހާއަށް ދިމާވި ހިތްދަތި ހާދިސާއާ ގުޅިގެން އަނބިމީހާ ކައިރިން އަހައިގެން އޮޅުންފިލުވަންޖެހޭ އެތައް ކަމެއް އެބަހުއްޓެވެ. އެއިން އެއްވެސް ސުވާލެއް ނުކުރެވި ދުވަސްތައް ފާއިތުވަމުން ދާތީ އޭނާއަށް އުނދަގުވަމުން ދިޔައެވެ. އަންބަރް އޭނާއަށް ރަހުމަތްތެރިއެއްގެ ގޮތަށް ދެކުނަސް އެއީ ވަރަށް ބޮޑު ވަރެކެވެ.

"ދަރިފުޅު ކިހިނެއްތަ؟ އެއްވެސް ތަނަކަށް ތަދުވޭތަ؟" ހާތިމް އަންބަރްގެ ބޮލުގައި ފިރުމަމުން ދިޔައެވެ. އެއްވެސް ސުވާލަކަށް އަންބަރް ޖަވާބެއް ނުދިނެވެ.

"މަންމަ މިއައީ އިބާއަށް އެންމެ މީރު ސޭންޑްވިޗް ހިފައިގެން. ހިނގާބަލަ އެއްޗެއް ކާލަން" ސުމައްޔާ ބުންޏެވެ. އަންބަރްގެ ބޯދަށަށް އަތްލައްވާލުމާއެކު ވަރަށް ފަސޭހައިން ތެދުވެ ލެގިލައިފިއެވެ. ކޮތަޅުގައި އޮތް ސޭންޑްވިޗް ހިފައިގެން އައިސް އެތިކޮޅު ކޮޅުން އަންބަރު އަނގައަށް ލަވަމުން ދިޔައެވެ. އިރުކޮޅަކުން ފުރިޖުގައި ހުރި ޖޫސްޕެކެޓުން ތައްޓަށް ޖޫސް އަޅައިގެން އައިސް ހާތިމް އަންބަރްގެ އަނގައިގައި ޖެއްސިއެވެ. މައިންބަފައިން އޭނާދެކެ ވާލޯބި އިހުސާސްވުމާއެކު އަންބަރްގެ ދެލޮލުން ކަރުނަ އޮހޮރިގަނެއްޖެއެވެ. އެއްވެސް މީހެއްގެ ލޯބި ހައްގުވާވަރުގެ މީހެއް ނޫނޭ ހިތް ބުނަން ފަށައިފިއެވެ. ސޭންޑްވިޗްކޮޅާއެކު އަންބަރްގެ އަނގައާ ދިމާލަށް އައި ސުމައްޔާގެ އަތް ދުރުކޮށްލި ގޮތަށް ދެކަކު ގެނެސް ކައިރިކޮށްލާފައި ބޯއަޅައިފިއެވެ. ދެން ގިސްލާފައި ރޯން ފަށައިފިއެވެ. ސުމައްޔާ ހާތިމްގެ މޫނަށް ބަލައިލީ މާޔޫސްވެފައެވެ. އަންބަރްގެ ހިތުގައި އެއްވެސް މީހަކާ ހިއްސާނުކުރާ ޝަކުވާތަކެއް ހުރެގެން ނޫނީ އެގޮތަށް ރޮއެ ނަހަދާނެކަން ސުމައްޔާއަށް އެނގެއެވެ. އަންބަރަކީ އެއްވެސް އިރެއްގައި މާގިނައިން ރޮއެ އުޅޭ ކުއްޖެއް ނޫނެވެ. ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް އަންބަރް ރޮއެ ނަހަދައެވެ.

"ދަރިފުޅު..،" ދެފަރާތުން ވެއްޓިފައިވާ އަންބަރްގެ އިސްތަށިގަނޑުގައި ފިރުމަމުން ސުމައްޔާ ގޮވާލިއެވެ. "މިއީ އިބާގެ މަންމަ އާ ބައްޕައެއްނު. އިބާގެ ހިތުގައި އޮތް އެއްޗެއް މަންމަ ކައިރީގައި ބުނެބަލަ. ދަރިފުޅު ތިއުޅެނީ މަންމަ ހިތުގައިޖައްސައި މަރާލަންތަ؟" އިސާހިތަކު ސުމައްޔާއަށް ރޮވިއްޖެއެވެ. މަންމަގެ އަޑު ކުރެހިގެން ދިޔަކަން އިހުސާސްވުމާއެކު އަންބަރްގެ ރުއިމުގެ އަޑު ބާރުވެއްޖެއެވެ. އެވަގުތު ބޭރުގައި ހުރި ޖޫދު އައިސް ދޮރުހުޅުވާލައިފިއެވެ. ކަކުލުގައި ބޯ އަޅައިގެން އިން އަންބަރް ރޮނީކަން އެނގުމާއެކު ޖޫދަށް އެދިމާލަށް ފިޔަވަޅެއް އެޅިއްޖެއެވެ. އެހެންނަމަވެސް އޭނާ މަޑުޖެހުނީ އަންބަރް ބޯހިއްލާލަން އުޅޭ ކަހަލަ ގޮތަކަށް ހަރަކާތްކޮށްލުމުންނެވެ. އޭނާ އަންބަރަށް ނުފެންނާނެހެން ނިވާވެގެން ހުއްޓެވެ. އަނބިމީހާ ރުއްސަން ދާން ބޭނުންވިޔަސް އެކަން ކުރެވޭކަށް ނެތެވެ.

"އިބާ މަންމަމެންނާ ވާހަކަދައްކައިގެން ނޫނީ ކިހިނެއް އެއްވެސް ކަމެއް ހައްލު ލިބޭނީ" ސުމައްޔާ ބުންޏެވެ. ކައިރީގައި ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ދަމައިގަނެފައި އޭނާ އަންބަރްގެ މޫނާއި ނޭފަތް ސާފުކޮށްދިނެވެ.

"މަ.....މަންމާ...." އަންބަރް ގޮވާލިއެވެ. އެހިނދު ސުމައްޔާއަށް ހިނިތުންވެވުނެވެ. ކުރިއާ ހިލާފަށް އަންބަރްގެ އަޑަށް ބަދަލެއް އައިސްފައިވާކަން ފާހަގަވިއެވެ. ގިނަ ދުވަސްތަކެއް ވަންދެން ކަރުތެރެއަށް ހޮޅިއެއް ގުޅާފައި އޮތުމުން ކަމަށްވެސް ވެދާނެއެވެ.

"ފެންފޮދެއް" އަންބަރް ބުންޏެވެ. އެވަގުތު ހާތިމް އަތުގައި ހުރި ޖޫސްތަށި ކަބަޑުމަތީގައި ބަހައްޓާފައި ފެން އަޅައިގެން އައިސް އަންބަރަށް ދީފިއެވެ. ނިވައިވެގެން ހުރި ޖޫދު ކުޑަކުޑަކޮށް ބޯދިއްކޮށްލާފައި އަންބަރަށް ބަލައިލިއެވެ. އަންބަރް ހަމަޖެހިލައިގެން އިންތަން ފެނުމުން އޭނާގެ ހިތަށް ހަމަޖެހުން ލިބުނެވެ.

"މަންމާ، މިއީ ކޮންތަނެއް؟"

"ސާބަހޭ. އައިމަން ގޮވައިގެން އަހަރެން މިއުޅެނީ އެހެން ދުނިޔެއެއްގައި އެއް ނޫނޭ" ކޮޓަރި ތެރޭގައި ހުރި އައިމަންގެ އަތުގައި ހިފައިގެން ކުރިއަށްދިޔަ އަލިޝްބާ ބުންޏެވެ. ކަޅު ކުލައިގެ ފޮތިކަޅުން އައިމަންގެ ދެލޯ ބަނދެފައި ހުއްޓެވެ. އަލިޝްބާ ކުރަން އުޅޭ ކަމެއް ނޭނގޭތީ އައިމަން ހުރީ ހިތް އަވަސްވެފައެވެ.

"ކީއްތިކުރަނީ" ބޮލުގައި ތޮތްޕެއް އަޅައިފިކަން އެނގުމާއެކު އައިމަން ބުނެލިއެވެ. އަލިޝްބާ ލުއިލުއިކޮށް ހީލި އަޑު އިވުނެވެ. ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު ނުލިބިގެން އުޅެނިކޮށް ލޮލުގައި އައިނެއްވެސް ފޮތިގަނޑު މަތިން އަޅުވައިފިއެވެ.

"އާނ މިހާރު ރީއްޗޭ" ދުރުގައި ހުރި އައިމަންއަށް ބަލައިލަމުން އަލިޝްބާ ބުންޏެވެ. އަލިޝްބާ ކުރަންއުޅޭ ކަމެއް ނޭނގޭތީ އައިމަން ހުރީ މަޖާވެފައެވެ. އެކުޅިވަރާ އޭނާ ގަޔާވެއްޖެއެވެ.

"އަހަރެން ބުނީމަ އަމިއްލައަށް ފޮތިގަނޑު ނައްޓާލާނީ" އަލިޝްބާ ބުންޏެވެ. ދެން އޭނާ އައިމަންއާ ދުރަށް ޖެހެމުން ގޮސް ހުއްޓުނީ އަލިމަންއާ ދުރުގައެވެ. ކުރިމަތީގައި ހުރި ލޯގަނޑަށް ދެމީހުންވެސް އަރާ ގޮތަށެވެ. އެއަށްފަހު އޭނާ ދުވަހަށް ހާއްސަކޮށްގެން ހަދާފައި އޮތް ކުޝަން ބާލީސް ނެގިއެވެ. ރަތްކުލައިގެ އޮމާން މަހުމާ ފޮތި ބޭނުންކޮށްގެން ތައްޔާރުކޮށްފައި އޮތް ކުޝަންގެ މެދުގައި އިނގިރޭސި ބަހުން ދެ ލަފްޒެއް ހުއްޓެވެ. ރަންކުލައިގެ ވޫލުން ވިޔެފައިވާ ދެ ލަފްޒު އަލިޝްބާ ކިޔާލިއެވެ. އެހިނދު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"އޯކޭ ދެން ނައްޓާލާ" އަލިޝްބާ ބުންޏެވެ. ވަރަށް ފަސޭހައިން އައިމަން ފޮތިގަނޑު ނައްޓާލައިފިއެވެ. ބޮލުގައި އިން ތޮތްޕާއި ލޮލުގައި އިން އަވި އައިނު ފެނުމުން އައިމަން ހީލައިފިއެވެ.

"މިއީ ކޮންކަމެއް ލިބާ. މި އެއްޗެހި ދޭންތަ ތިވަރު ތިކުރީ" ލޮލުގައި އިން އަވި އައިނު ނަގަމުން އައިމަން ބުންޏެވެ. އަލިޝްބާގެ ބަނޑާ ހަމައިން ހިފަހައްޓައިގެން ހުރި ކުޝަން އައިމަންއަށް ފެނުނީ ލޯގަނޑުންނެވެ. އޭނާ ލޯގަނޑާ މޫނު ކައިރިކޮށްލާފައި ރަނގަޅަށް ބަލައިލިއެވެ. ފެނުނު އެއްޗެއް ގަބޫލުނުކުރެވިފައި އޭނާ އަވަސް އަވަހަށް ފަހަތަށް އެނބުރި ބަލައިލިއެވެ.

"ހެލޯ ޑެޑީ..." ރަކިވެފައި އައިމަން މޫނުގައި އަތްއެޅުމުން އަލިޝްބާއަށް ހެވުނެވެ.

އިރުކޮޅަކުން އޭނާ އަލިޝްބާ ކައިރީގައި ކުޑަކަކޫ މައްޗަށް އިށީނދެފައި ކުޝަންގައި ދެއަތުން ހިފާލިއެވެ. އުފަލުން އޭނާގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ. އަތްކުރު ޓީޝާޓްކޮޅަކާއެކު ކުރު ސޯޓްކޮޅެއް ލައިގެން ހުރި އަލިޝްބާ ނުވިސްނާ ހުއްޓާ ދެއަތް މައްޗަށް އަނބިމީހާ އުފުލާލައިފިއެވެ.

(ނުނިމޭ)