ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޯ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގެންފި އެވެ.

ސާކްގެ ސެކްރެޓަރީ ޖެނެރަލް އީސާލާ ރޫވަން ވީރަކޫންގެ މި ދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ސާކްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކަން ކުރެއްވި އަހްމަދު ސަލީމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނާ ވެސް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ، އީސާލާ ރޫވަން ވީރަކޫން ސާކުގެ ސެކްރެޓަނީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މީގެ ކުރީން ރާއްޖެއަށް ޒިޔާރަތް ނުކުރައްވާ ކަމަށެވެ.

އެއީ ރާއްޖޭގެ ކޮވިޑު ހާލަތު ގޯސްވުމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އާއްމު ގޮތެއްގައި ސާކް ސެކްރެޓަރީ ކަމާ ބޭފުޅަކު ހަވާލުވެވަޑައިގެންފި ނަމަ ސާކުގެ ހުރިހާ ގައުމަކަށް ވެސް ޒިޔާރަތް ކުރައްވާނެ އެވެ. އީސާލާ ރޫވަން ވީރަކޫން ރާއްޖެ ޒިޔާރަތްކުރައްވަނީ އެގޮތުގެ މަތީންނެވެ.

އީސާލާ ގެ މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ފުރާވަޑައިގަންނަ ވާނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ އީސާލާ ރޫވަން ވީރަކޫން ހަވާލުވެވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހު އެވެ.