ރ. ކިނޮޅަސް ނެރުމައްޗަށް ފަސް އަރައި، ބަނދަރުން އޮޑިދޯނިފަހަރު ނުކުތުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ، ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ކިނޮޅަހު ބަނދަރު މައްސަލައިގައި މިދިޔަ ބުދަ ދުވަހު އެރަށުގެ ރައްޔިތުން ވަނީ މުޒާހަރާވެސް ކޮށްފަ އެވެ. އެ މުޒާހަރާއާ ގުޅިގެން ޕްލޭނިން މިނިސްޓްރީން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެރަށުގެ ބަނދަރުން އޮޑިދޯނިފަހަރު ނުކުތުމަށް ދިމާވެފައި އޮތް މައްސަލަ ހައްލުކުރުމަށް އެމްޓީސީސީން އަންނަ އާދީއްތަ ދުވަހު އެރަށަށް ދާނެ ކަމަށެވެ.

ކިނޮޅަސް ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަޝްރޫއުގެ ޑިޒައިން މަސައްކަތް ނިންމައި ހަލުކުރާނެ ފަރާތެެއް ހޯދުމަށް ބީލަން ހުށަހެވާޅުމަށް ފުރަތަމަ ހުޅުވާލީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް ކައުންސިލުން ޑިޒައިނަށް އިތުރު ބަދަލު ގެނައުމަށް އެދުމުން، އެ ބަދަލުތަކާއެކު ޖުލައި މަހުގެ ތެރޭގައި އަލުން ބީލަމަށް ހުޅުވާލިއެވެ.

ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކަށް ބީލަން ހުށަހަޅާފައި ނުވުމުން، ޑައިރެކްޓް އެވޯޑުގެ އުސޫލުގެ ދަށުން ބިޑަށް ހުޅުވާލުމެއް ނެތި އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.