ކަސްޓަމަރުންނަށް އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021ގެ މެޗްތައް ފަސޭހަކަމާ އެކު ބަލާލުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން މީޑިއާނެޓާ އެކު އުރީދޫން ޕާޓްނާވެއްޖެއެވެ.

އުރީދޫން މިއަދު ބުނީ، މި ޕާޓްނާޝިޕްގެ ދަށުން އުރީދޫ ފްލިކްސްގެ 250 ޕެކުގެ ތެރޭގައި މަލްޓި ސްކްރީން ސަބްސްކްރިޕްޝަން ހިމެނޭނެ އެވެ. އަދި މެޗުތައް ބަލާލަން ކޮންމެ ކަސްޓަމަރަކަށް ވެސް 20ޖީބަިގެ ޑޭޓާ ލިބޭނެ އެވެ.

މީގެ އިތުރުން 30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ މި ޕެކް ނަގާ ކަސްޓަމަރުންނަށް އެމްއެސް އެޕް ކޮންޓެންޓްގެ އިތުރުން ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑް އަދި ސްޕޮޓިފައި ވެސް ބޭނުން ކުރެވޭނެއެވެ.

ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ ހަދިޔާއެއްގެ ގޮތުން އާޗާ ޕްރިޕެއިޑް 750، އަޗާ ޕޯސްޓްޕެއިޑް 1000އާ އެކު ޕޯސްޓްޕެއިޑް އަދި ވަރަށް ތަފާތު ޕޯސްޓްޕެއިޑް 1499 އަދި 1999 ޕެކޭޖްގެ އިތުރުން ސުޕަނެޓް 50އެމް އަދި 100އެމް އަލަށް ނަގާ ކަސްޓަމަރުންނަށް، އެމް އެސް އެޕް ކޮންޓެންޓަށް ސަބްސްކްރައިބް ކުރުމަށް ހިލޭ ޕްރޯމޯ ކޯޑްސް ލިބޭނެއެވެ.

އުރީދޫގެ ޗީފް ކޮމާޝަން އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރުގެ ހައިސިއްޔަތުން އުރީދޫގެ މަގުސަދަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މެޗުތައް ބެލޭނެ ގޮތް ފަހިކޮށްދިނުން ކަމަށެވެ.

"ސާފް ޗެމްޕިއަންޝިޕަކީ އަބަދުވެސް ދިވެހިންގެ އެއްބައިވަންތަކަމާއި ގައުމީ ޖޯޝާއި ރޫހު އާލާވެގެންދާ ވަރަށް ފޯރި ގަދަ އިވެންޓެއް. އެންމެން އެކުއެކީގައި ދިވެހި ގައުމީ ޓީމަށް ސަޕޯޓްކޮށް ޗެމްޕިއަން ޓީމަށް ވުމަކީ އަޅުގަނޑުމެން އެންމެންގެވެސް އުއްމީދު. މީޑިއާނެޓްގެ އެމްއެސް އެޕް މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ހިލޭ ސަބްސްކްރިޕްޝަންއާ އެކު ހުރިހާ މެޗެއްވެސް ކޮންމެތާކު ތިއްބެގެންވެސް ބަލައިލެވޭނެ." ނިޔާޒް ވިދާޅުވިއެވެ.

މަލްޓި ސްކްރީން އެޕަކީ ހަބަރާއި މުނިފޫހިފިލުމުގެ ޕްރޮގްރާމްތަކާއި ޗެނަލްތައް ފޯނު، ޓެބްލެޓް އަދި ޓީވީ މެދުވެރިކޮށް ވެސް ބަލާލެވޭ ޕްލެޓްފޯމެކެވެ.