ވާހަކަ

ޖޫދް - 30

3

ތިރީސްވަނަ ބައި

"އިބާ ގެނބިގެން މަރުކަޒަށް ގެންގޮސްފި އޯ" ޒަހާގެ އަޑު ޖޫދަށް ލިބިގެން ދިޔައީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. ހިނދުކޮޅަކަށް އޭނާގެ މުޅި ހަށިގަނޑު ގަނޑުފެންގަނޑަކަށް ވިހެން ހީވިއެވެ. ސިކުނޑި މަސައްކަތްނުކޮށް ހުއްޓައި ބާރަށް ގޮނޑި ދުއްވާފައި އައި ޒަހާ އޭނާގެ އަތުގައި ހިފައި ތަޅުވައިގަނެއްޖެއެވެ.

"އިބާ ހޮސްޕިޓަލަށް ގެންގޮސްފިއޭ ލިބާ ގުޅާފައި އެބުނީ" ޒަހާ ބުންޏެވެ. މިފަހަރު ޒަހާގެ އަޑު ބާރެވެ. ޖޫދަށް ހަމަހޭވެރިކަމެއް ލިބުނީ ދެނެވެ.

ކޮޓަރިން ނުކުތްގޮތަށް ދޮރާ ދިމާލަށް ޖޫދު ދުއްވައިގަތެވެ. ކޮޓަރިން ގޮނޑި ދަމަމުން ނިކުތް ޒަހާވެސް ރޮނީއެވެ. ހިތުގައި އުފެދިފައިވި ބިރުވެރިކަން އިންތިހާއެވެ. ނުބައި ހިޔާލުތަކާއި ވަސްވާސްތަކުން އޭނާގެ މުޅި ނަފުސު ބަލިކުރަމުން ދިޔައެވެ. ބަހެއް ކިޔަން ނޭނގިފައި ހުރި ނީލަމްގެ ގައިގައި ބައްދާލައިގެން ހުރި ޖިޔާ ވެސް ހުރީ ހިމޭންވެފައެވެ.

"އަހަރެން މަރުކަޒަށް ގެންގޮސްދީ" ތަނަށް ވެރިވެފައިވި ހަމަހިމޭންކަން ކަނޑުވާލީ ޒަހާއެވެ.

މަރުކަޒު ކައިރިއަށް ވަނީ މީހުން އެއްވެފައެވެ. އަންހެންކުއްޖަކު ގެނބިގެން މަރުކަޒަށް ގެންދިޔަ ހަބަރާއެކު މުޅި ރަށުތެރެ ހަލަބޮލި ކުރުވައިފިއެވެ. މީހުންތައް ފޭކުރަމުން ބާރު ސްޕީޑުގައި މަރުކަޒު ތެރެއަށް ވަން ޖޫދުގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ދެ ކަކުލުގައި އަތް އަޅައިގެން ގުދަށް ކަހަލަ ގޮތަކަށް އޮތް ޔޫނުސްއެވެ. ޔޫނުސް ލައިގެން ހުރި ރަތްކުލައިގެ ޓީޝާޓާއި ކަކުލުން މައްޗަށް ހުރި ކަޅު ކުލައިގެ ސޯޓުން ފައިބަމުންދިޔަ ލޮނުތަކުން މަރުކަޒުގެ ފެންޑާގެ ބޮޑު ބައެއްގައި ފެނުގެ ކޯރެއް ހެދެމުން ދިޔައެވެ. ހީވާގޮތުން ޔޫނުސްގެ ހަށިގަނޑަށް ލިބިފައިވި ލޮޑުކަން ފިލުވަނީއެވެ. މޫދުން ފެށިގެން އަންބަރް ދެއަތް މައްޗަށް ނަގައިގަނެގެން މަރުކަޒާ ހަމައަށް އޭނާ އައީ ދުވެފައެވެ. ވަރުބަލިވެސް ވާނެތާއެވެ.

"އަންބަރް ބާއްވާފައި އޮތް ކޮޓަރިން ނުކުތް ހާނީ ބެލެނިވެރިޔަކަަށް ގޮވާލިއެވެ. އެހިނދު ހާނީއާ ގާތަށް ޖޫދާއެކު އަންބަރްގެ އާއިލާގެ ހުރިހާ މީހުން ޖެހުނެވެ. ސުމައްޔާ އާއި އަލިޝްބާ ރޮމުން ދިޔައިރު ހާތިމް ހުރީ ވަރަށް ހިތްވަރުކޮށްގެނެވެ. ހިތަށް ލިބިފައިވާ ނުތަނަވަސްކަމާއި ހާސްކަމެއްގެ ސަބަބުން ޖޫދަށް ކުރިމަތީގައި ހުރީ ހާނީ ކަން އިހުސާސް ނުވާ ކަހަލައެވެ.

"ލަސްކުރެވޭކަށް ނެތް. ޕޭޝަންޓްގެ އެއްވެސް ހަރަކާތެއްނެތް. އަވަހަށް ފުރަންވީ" ހާނީ އެންގިއެވެ.

ސީ އެމްބިޔުލާންސް ހަމަޖައްސައި ހުރިހާ ލިޔުންތަކެއް ފުރިަހަމަ ކުރަންދެން ޖޫދު އުޅުނީ ވަރަށް ހިތްވަރުންނެވެ. ވަގުތުކޮޅަކަށް ބަލަބަލާ ހުރި ހާނީ ޖޫދަށް ގޮވާލިއެވެ. އޭނާ ބޭނުންވީ އަންބަރްގެ ކަންތަކާ ޖޫދު އެންމެ ކައިރިން އުޅޭތީ އެއީ ޖޫދުގެ ކާކުތޯ އޮޅުންފިލުވާށެވެ. އެހެންނަމަވެސް އެ ސުވާލުތައް ޖޫދާ ކުރުމުގެ ކުރިން ލިޔުންތަކުން އޭނާއަށް އެއީ އަންބަރްގެ ފިރިމީހާ ކަން އެނގުނެވެ. އެހިނދު ހާނީގެ ހިތުގައި އަންބަރާ މެދު ހަސަދަވެރިކަމެއް ހިނގާލިއެވެ. ނުބައި ވިސްނުމެއް ސިކުނޑިއަށް ވެރިވެގަތެވެ. އެހެންނަމަވެސް އެ ނުބައި ވިސްނުމަށް އަމަލުކުރުމަށް ހެއްދެވިފަރާތުން އޭނާއަށް ފުރުސަތު ނުދިނެވެ.

ދުވަހުގެ އިރުއޮށްސެން ވާއިރަށް އަންބަރް މާލެ ގެނެވިއްޖެއެވެ. އެކުގައި ޖޫދާއި ސުމައްޔާ އާއި ހާތިމްގެ އިތުރުން އައިމަންވެސް އައެވެ. އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި އަންބަރަށް ފަރުވާދެމުން ދިޔައިރު އޭނާގެ ހާލަތާ ގުޅިގެން އެއްޗެއް ބުނަން ދަތިކަމަށް ޑޮކްޓަރުން މައުލޫމާތު ދިނެވެ. އެންމެ ހިނދުކޮޅަކަށްވެސް ޖޫދު އައިސީޔޫ ކައިރިން ދުރަށް ނުދެއެވެ. އޭނާގެ ހިތުގައި އުފެދިފައިވި ބިރުވެރިކަމާއި ހާސްކަން ފިލައި ނުދެއެވެ. ސުމައްޔާގެ ހާލަކީވެސް އެއީ އެވެ. ކުއްލިއަކަށް ދިރިއުޅުމަށް އައި އިންގިލާބެއްގެ ސަބަބުން ދުނިޔެވީ ހުރިހާ ކަމެއްގެ މަތިން އޭނާ ހަނދާންނެތިފައި އިން ކަހަލައެވެ. ގަބުވެފައި އިންއިރު މީހަކާ ވާހަކައެއް ނުދައްކައެވެ. ދެލޮލުން ކަރުނަ ހުސްވާ އެންމެ ވަގުތުކޮޅެއްވެސް ނުދެއެވެ. އެނާގެ ލޯމަތިން ހަށިގަނޑުގެ އެތަން މިތަނާ ހޮޅި ގުޅުވައިގެން ހަގު ދަރިފުޅު އައިސީޔޫއަށް ވެއްދި މަންޒަރު ސިފަވަމުން ދިޔައެވެ. އެފަދަ މަންޒަރަކީ ބަލަން އެއްވެސް މަޔަކަށް ކެތްވާނެ މަންޒަރެއް ނޫނެވެ. ދަރިފުޅު ކައިރީގައި ހުއްޓި އަތުގައި ފިރުމާލައި މޫނުގައި އަތްޖައްސާލުމަށް އޭނާއަށް ފުރުސަތެއް ނުލިބުނެވެ.

އައިސީޔޫއަށް ބޭނުންވާ ކޮންމެ ގަޑިއަކު ނުވަދެވޭތީ ހާތިމް ސުމައްޔާ ގޮވައިގެން ހޮސްޕިޓަލް ކައިރިން އެމީހުން ކުއްޔަށް ހިފި ކޮޓަރިއަށް ދިޔައެވެ. ގޮނޑި ބަރީގައި ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިން ޖޫދުގެ ކޮނޑުގައި މީހަކު އަތްޖައްސާލުމާއެކު ބަލައިލިއެވެ.

"ހިނގާބަލަ" އައިމަން އެދުނެވެ. ނުދާން އިނދެފައިވެސް ޖޫދު އައިމަން އާއެކު ދިޔައެވެ. ދެ އެކުވެރިން މަޑުކޮށްލީ ހޮސްޕިޓަލާ މާ ދުރުނޫން ހިސާބެއްގައި ހުރި ކެފޭއެއްގައެވެ. ކުރިއާ ހިލާފަށް ޖޫދު ބަސްމަދުވެފައި އިންކަން އައިމަންއަށް ފާހަގަވިއެވެ.

"ޑޮކްޓަރުން ފަހުން އެއްޗެއް ބުނިތަ؟" އައިމަން އެހިއެވެ.

"އާނ އަންބަރްގެ ފުއްޕާމެއަށް ވަރަށް ގިނަ ލޮނު އެޅިފައި ހުރިކަމަށް ބުނީ. ވެންޓިލޭޓަރުން ނެގޭނެ ދުވަހެއް ނޭނގެޔޯ. މިތަނަށް ގެނައި އިރު ކަޅިވެސް މަސައްކަތް ނުކުރާކަމަށް ބުނީ. އެކަމަކު މިހާރު ކޮންމެސް ވަރަކަށް ކަޅި ހަރަކާތް ކުރެއޭ. ބުނީ ރަނގަޅުވާން ނަގާނެއޯ ދުވަސް. ބުނީ ކަރުގައި އެއްޗެއް އޮޅިފައި ހުރި ކަމުގެ ނިޝާންތައް އެބަހުއްޓޯ. އެހެންވެ ނޭވާ ހާސްވެގެން ކަމަށް ބެލެވެ އޯ ހެއަށް ގޮތްވީ. ގިނައިރު ވިނަމަ ފުއްޕާ މޭ ފަޅައިގެން ދިޔައީ ހޭ" ޖޫދު ކިޔައިދިނެވެ. ހަމަޖެހުމުގެ ނޭވައެއް ލާފައި އޭނާ ފެންތަށިން ކަރުތެރެ ތެންމާލިއެވެ.

"ޔޫނުސް ގުޅިތަ؟" އައިމަން އެހިއެވެ.

"ގުޅި. އެކަމަކު ނުނެގުނު" ޖޫދު ބުންޏެވެ. ޔޫނުސް ކިޔައިދިންތަ ވީގޮތް"

"އެވާހަކަ ކިޔައިދޭން މިއުޅެނީ" އައިމަން ބުންޏެވެ.

"ޔޫނުސް ބުނީ އެދިމާލުގައި ހުރި އޭނާގެ ރައްޓެއްސެއްގެ ގޭގައި ކުލަ ލައި ނިންމާފައި ގައިގައި ހޭކިފައި ހުރި ކުލަތައް ފިލުވަން މޫދަށް އެރިލާށޭ ނުކުތީ. ވަރަށް ދުރުން އަންހެންކުއްޖެއްގެ ހަޅޭކުގެ އަޑެއް އިވުނުހެން ހީވެގެން ބަލައިލިތަނާ ފެނުނޭ ދެއަތް މަތީގައި އޮށްވަ. ބޯވާ ނަގަން ފައިބައިގެން އުޅޭ ބައެއް ކަމަށް ހީކޮށް އަޅާނުލާ ހުއްޓާ ދެން ފެނިއްޖެއޭ ބޮލެއް މައްޗަށް އުފުލުނުތަން. އެހިސާބުން ނޯ އެނގުނީ ކުއްޖަކު ގެނބެނީކަން. ދެން އެދިމާލަށް ފަތައިގަތީ އޭ ބުނީ. އޮއެގަނޑުގައި ޖެހި ވަރަށް ގިނައިރުންނޯ އެހިސާބަށް ފޯރީ. ފުރަތަމަ ނޭނގުނޯ އެއީ ކޮން ކުއްޖެއްކަމެއް. ކަރުގައި ދަބަސް އޮޅިފައި އޮތީމަ އެ އޮޅުންތައް ނިއުޅުވައިގެން އެއްގަމަށް ފަތައިގަންނަންވެސް ވަގުތު ނެގިއޯ. އެކަމަކު މަރުކަޒާ ހަމައަށް ގެނެވިއްޖެޔޯ އެއްގަމަށް އެރިތާ ދެތިން މިނެޓް ތެރޭގަ. މަރުކަޒަށް ގެނެވުނު ފަހުންނޯ އެނގުނީ އެއީ އަންބަރް ކަން" އައިމަން ވާހަކަދެއްކިއެވެ. އެހުރިހާ ވާހަކަތަކަށްފަހު ޖޫދަށް ކެތެއްނުވިއެވެ. އޭނާގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. އެހާ އަވަހަށް ދެއަތުން ކަރުނަތައް ސާފުކޮށްލައިފިއެވެ.

"އަންބަރް އެގޮތަށް ކަންތައް އެކުރީ ކީއްވެ؟"

ﷲ ތައާލާ ކަމެއް ބޭޒާރުކުރަން އިރާދަކުރައްވައިފިނަމަ އެކަމަށް ހިނދުކޮޅެއްވެސް ނުނަގައެވެ. ރިކްޒާ ގޮވައިގެން ސިއްރުން މާލެ ފުރަން އޮތް ދުވަހެވެ. ކޮޓަރީގައި ތައްޔާރުވާން ހުރި ރިކްޒާގެ ބަނޑުގައި ރިއްސައިގަތެވެ. ކުއްލިއަކަށް އުނގަނޑަށް އެރި ތަދު ބަނޑު ވަށާލައިފިއެވެ. ކޮޅަށް ހުންނަންވެސް އޭނާއަށް ތަދުވިއެވެ. ހިމަ ހަށިގަނޑާއެކު ތުނޑެއްހެން ނުކުމެފައި ހުރި ބަނޑު އުފުލަން އޭނާއަށް ދަތިވިއެވެ. ރިކްޒާ ލަސްވެގެން ދޮރުހުޅުވި ސީނާއަށް މި މަންޒަރުތައް ފެނުމާއެކު ހީވީ ބޮލަށް އުޑު ވެއްޓުނު ހެންނެވެ. ރިކްޒާ ގާތްކޮށްލައިގެން ގޮސް އެނދުގައި ބޭންދިއެވެ.

"ކަލޭ ބަނޑުގައިވެސް މިގަޑީގަތަ ރިއްސަން އެނގުނީ" ލިބިފައިވާ ނުތަނަވަސްކަމާއެކު ސީނާއަށް ރުޅި އިސްކުރެވުނެވެ. ރިކްޒާގެ ހަށިގަނޑަށް އަޅަމުންދިޔަ ވޭނުން އޭނާއަށް ރޮވެމުން ދިޔައެވެ. އެނދުގައި ރިކްޒާ ބާއްވާފައި ސީނާ ކޮޓަރީގައި ދެކޮޅަށް ހިނގަން ފެށިއެވެ. އެންމެފަހު ވަގުތު މިލައިގަތީ އޭނާ އެންމެ ޖެހިލުންވި ވަގުތުކޮޅެވެ.

"މަންމާ، މަ ން މާ އަހަ... އަހަރެން މަރުކަޒަށް ގެންދޭ" ސީނާ ސިހުނީ ރިކްޒާގެ އަޑުންނެވެ. ސީނާ އެނދާ ދިމާލަށް ދުއްވައިގަތެވެ. ދަރިފުޅު މަރުވަންދެން ބަލަހައްޓައިގެން ހުންނަން އޭނާގެ ހިތަށް ކެތެއްނުވިއެވެ. ކިތަންމެ ބޮޑު ލަދެއްގައި ބެދުނު ނަމަވެސް އޭނާ ރިކްޒާ ކައިރީގައި އިށީނދެފައި އުނގަނޑު މަތިން ފިރުމަން ފަށައިފިއެވެ.

"މިގުޅަނީ އެއްޗަކަށް"

ދުވަސްނުފުރާ ރިކްޒާގެ ވިހޭ ހަބަރާއެކު ޒަހާގެ އާއިލާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ގަބޫލުނުކުރެވިފައި ޖެހި ބުދެއްހެން ޒަހާއަށް އިނދެވުނެވެ. އަންބަރަށް ދިމާވި ހިތްދަތި ހާދިސާއިން އަރައިނުގަނެވިގެން އުޅެނިކޮށް އަނެއްކާ ލިބުނު ނުބައި ހަބަރުން ޒަހާ މާޔޫސްވިއެވެ.

"އެހެންވެތާ އެމަންޖެ ނުފެންނަނީ؟" ނީލަމް ބުންޏެވެ.

"އަހަރެން ގޮވައިގެން ހިނގާބަލަ" ޒަހާ ބުންޏެވެ.

ޒަހާ ދޮރުމައްޗަށް އެރިއިރު ކުޑަދަރިފުޅަށް ބޭނުންވާ ބައެއް ސާމާނު ހިފައިގެން ސީނާ ކޮޓަރިން ނުކުންނަނީއެވެ. ޒަހާ ފެނުމާއެކު އޭނާގެ އަނގަ މިއަދު ފޮރުވައިފިއެވެ. ހެލިނުގަތެވެ. ޒަހާއަށް ފެނުނީ ސީނާގެ ބާރަފޫޓުގެ އަނގަ އެއް ފޫޓަށް ކުޑަވެފައި ވަނިކޮށެވެ.

"ތާހިރުވެއްޖެއްނު. އަދިވެސް އިސްލާހުވާކަށް ނުވޭތަ؟" ޒަހާ ވާހަކަދެއްކިއެވެ. ދުވަހަކުވެސް ސީނާއާ ދިމާލަށް އެއްޗެއް ބުނެފައިނުވާ ޒަހާ މިއަދު އެ އިހުތިރާމާއި ގަދަރު ދަމަހައްޓަން ބޭނުމެއްނުވިއެވެ. ކުރެވުނީ ކުށެއްކަން ކުށްވެރިޔާއަށް އަންގައިދޭންޖެހޭ ވަގުތެއް އަންނާނެއެވެ.

"މީހުންގެ ކަންކަމަަށް ފާޑުކިޔަމުން ނުބެހޭހާ ކަމަކާ ބެހެމުން ދުވުނުއިރު ތިމާއަށް މިކަހަލަ ދުވަހެއް އަތުވެދާނެކަން ވިސްނާނުލުމުގެ ނަތީޖާ ފެނިއްޖެއްނު. ދައްތަގެ ކަރުބުޑުގައި ހަރުލާފައި ތިހުރި ޒަހަރުގެ ހިތިކަން ދާއިމަށް ދެމިހުންނާނެ" ޒަހާ ބުންޏެވެ.

ހިފައިގެން ހުރި ދަބަސް ކޮނޑުގައި އަޅުވައިލަމުން ސީނާ ގޮސް ވަނީ ބަދިގެއަށެވެ. ފެންފުޅިއެއް ހިފައިގެން އައިސް މޭޒު ކައިރީގައި ހުއްޓިފައި ތައްޓަށް ފެން އަޅައިގެން ބޯންފެށިއެވެ. ޒަހާގެ ވާހަކަތަކުން އޭނާގެ އެތެރެހަށީގައި ހުޅުފަޅަމުން އަންނަ އަލިފާންގަނޑުން ފިނި ފެނުން ނިއްވާލަން އުޅޭ ކަހަލައެވެ.

"ތިމާގެ ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދިންނަމަ މިއަދު ދައްތަ ތި ލަދެއްގައި ނުބެދުނީސް" ޒަހާ ކިޔަމުން ދިޔައެވެ.

"ކިހާ ދެރަކަމެއް. އަހަރެންނަށް ދެރައެއް ލިބުނީމަ މިތަނަށް އައިސް ހިތު ހުރި އެއްޗެއް ކިޔަންޖެހޭތަ؟ ހަމަ މިހާރު ނުކުމޭ މިތަނުން" އެނބުރި ޒަހާއަށް ބަލައިލިގޮތަށް ސީނާ ހަޅޭއްލަވައިގަތެވެ.

"މިތަނުން އަހަރެން ނުކުންނަންޖެހޭ އެއްވެސް ސަބަބެއް ނެތް. ތިމާގެ ކުށް ގަބޫލުކުރުމުގެ ބަދަލުގައި އަދިވެސް ނުލަފާކަންތަ ދައްކަންވީ. އަދިވެސް ވަގުތު އެބައޮތް. ތިދެމައިންވެސް ކުރެވުނު ފާފަތަކަށް ތަކަށް ތައުބާވޭ. ހެއްދެވިފަރާތުގެ ރުހިވޮޑިގަތުން ލިބިގެން ނޫނީ ދިރިއުޅުން އާރާސްތެއް ނުކުރެވޭނެ"

މަގުމަތިން ހިނގާފައި ދިޔައިރު މީހުން ކިޔާ އެއްޗިހިންނާއި ބަލާގޮތުން ސީނާ ލަދުގަތެވެ. މަރުކަޒާ ހަމައަށް ދިޔުމުގެ ކުރިން ބިންފަޅާފައި އަޑިއަށްދާނެ ނަމައޭ ހިތަށް އެރިއެވެ. ރިކްޒާ އޭނާ އެވައްޓައިލީ ކޮންފަދަ ފުން އަނދަވަޅަކަށް ހެއްޔެވެ؟ މުޅި ރަށަށް ގިނަކޮށްފިިއެވެ. މުޅި ދިރިއުޅުން ބަރުބާދުކޮށްފިއެވެ. ރުހުމުގެ ލޮލަކުން ބަލާލާ ހަމަ އެކަކުވެސް ނެތެވެ. މަލާމާތާ ފުރައްސާރައިގެ ބަސްތައް ނޫނީ ނީވެއެވެ. އެކުވެރިންނާއި ހެޔޮއެދޭ ހުރިހާ މީހުން ގެއްލިއްޖެއެވެ. މާމަ ދަރިއަކު ދުނިޔެއަށް އުފަންވުމުން ލިބެންޖެހޭ ހަގީގީ ހިތްހަމަޖެހުން ނުލިބުނެވެ.

ކޮޓަރިއަށް ވަދެގެން އައި ވާރިޝް ފެނުމާއެކު އެނދުގައި އިން ހާނީ ފުންމައިގެން ތެދުވިއެވެ. އެ އައި ގޮތަށް އައިސް ވާރިޝްގެ ގައިގައި ބައްދައިގަތެވެ. ހީވީ ޝައިތާނާ ބޮލަށް ސަވާރުވެފައި އިންނަތާ ގިނަ އިރުތަކެއް ވެއްޖެ ހެންނެވެ. ހާނީ ދެކެ ހިތްހަމަނުޖެހިފައި ހުއްޓަސް އެ ބީހުންތަކަށް އޭނާއަށް ފުރަގަސްނުދެވުނެވެ. ޒިނޭގެ ތަންމަތީގައި ޝައިތާނާ ހިތްއުފާކޮށްދިނުމުގައި ދެ ޒުވާނުން ވަގުތުތަކެއް ހޭދަކޮށްލިއެވެ.

"ހާނީ ކިހިނެއް އަންބަރް ދަންނަނީ؟" ވާރިޝް އެހިއެވެ. ދެ ޒުވާނުން ތިބީ އެނދުގައެވެ.

"ކުރިން ނުދަންނަން. އެކަމަކު މިބުނާހެން އެދުވަހު އަތިރިމަތީގައި އަހަރެމެން ތިބިއިރު އެކުއްޖާ އިން ޖޯލީގަ" ހާނީ ބުންޏެވެ.

"ރަނގަޅަށް ބުނޭ އެދުވަހު އަހަރެންނޭ ކިޔައިގެން އެއްވެސް އެއްޗެއް ކިއިންތަ؟" ވާރިޝް ތެދުވެފައި ހެޑްބޯޑުގައި ލެގިލިއެވެ. ހާނީ އެއްޗެއް ނުބުންޏެވެ. އެހެންނަމަވެސް ވާރިޝް ދުލެއް ނުކުރިއެވެ. ހާނީގެ ޖަވާބު ނުދިނުމުގެ ފަހަތުގައި ފޮރުވާފައި ބޮޑު ވާހަކައެއް އޮންނާނެކަން އޭނާއަށް އިނގެއެވެ.

"ހަމަ ތެދެއް މިބުނީ. މިއަދު ތެދަށް ހުރިހާ އެއްޗެއް ނުބުނިއްޔާ އަހަރެމެން ދެމީހުންގެ ގުޅުން ހަލާސް" ވާރިޝް ފަހުގެ ހަތިޔާރު ބެހެއްޓިއެވެ. އެންމެފަހުން ހާނީ އެދުވަހު އެކުވެރިންގެ މެދުގައި ދެކެވުނު ވާހަކަތައް ކިޔައިދީފިއެވެ. ވާރިޝްއަށް ހާސްކަމާއެކު ތުނބުޅީގައި އަތް ހާކާލެވިއްޖެއެވެ. އަންބަރަށް އެދިމާވި ހާދިސާގެ ފަހަތުގައިވާ ސަބަބު ވިސްނިއްޖެއެވެ. އަންބަރްގެ ފުށުން ދެން އިތުރަށް އޭނާއަށް ލިބޭނެ މަންފާއެއް ނޯންނާނެކަން އިނގިއްޖެއެވެ.

"ކް...ކިހިނެއްވީ؟" ވާރިޝް އުޅުނު ގޮތް ފެނުމުން ހާނީ އެހިއެވެ. "އެއީ ވެސް ބިޓެއްތަ؟"

"އެއީ އަހަރެންގެ އެކްސް ވައިފް" މޭމަތީގައި އޮތް ހާނީގެ އަތް ދުރުކޮށްލާފައި ބުންޏެވެ. އެހިނދު ހާނީގެ ދެބުމަ ގޮށްޖެހުނެވެ. އޭނާއަށް ވުރެ އަންބަރާއި ވާރިޝްގެ ގުޅުން ގާތްކަން އެނގުމުން ހިތަށް ނުބައި ގޮތެއް ވިއެވެ. ހުރިހާ ކޮޅަކުންވެސް އޭނާގެ އުފާވެރިކަމަށް އަވަލަވާފައި ހުރި ޖިންނިއެއްގެ ގޮތުގައި އަންބަރް ސިފަވިއެވެ.

"އެކަމަކު ތިބުނާ އަންބަރެއް އުޅެނީ ޖޫދާ މެރީކޮށްގެން. ވާރުއަށް އެއްވެސް އެޑްވާންޓޭޖެއް ނެތެއްނު" ހާނީ ބުންޏެވެ. ވާރިޝް ނުލަފާ ހިނިގަނޑަކާއެކު ތެދުވެ ތިރިއަށް އުކާލާފައި ހުރި އޭނާގެ އަންނައުނުތައް ލާން ފެށިއެވެ.

"އެކައިވެނި އިބާ ކުރީ އަހަރެން ބުނެގެން. އަދިވެސް ހުރީ އަހަރެންނާ ހެދީ މޮޔަވެފައި. އަހަރެން ބުނި ކަމެއް ބުނި ގޮތަކަށް ކުރަން ތައްޔާރަށް ހުރީ" ފަހުރުވެރިވެފައި ވާރިޝް ވާހަކަދެއްކިއެވެ.

"އެކަމަކު މިފަހަރު ކަލޭ ތިކުރި ކަމަކުން އެއްކަމެއްވެސް ނުވާނެ. ފިހާރައިގެ ލިޔުންތައްވެސް ނުލިބޭނެ. އަހަރެންނަކަށް ނޭނގޭ ދެން އިބާ މޮޔަހައްދާލާނެ ގޮތެއްވެސް. އިނގޭތަ ޖޫދުގެ ހުރިހާ އެއްޗެއް ފޭރިގަނެގެން އަހަރެން އުޅުނީ ހާނީ ގޮވައިގެން މިއެންމެންނާ ދުރަށް ދާން. ދެމީހުން އެކަނި ހެޕީ ލައިފެއް އުޅެން. އެހެންވެ އަހަރެން ބުނީ ހާނީ ކައިރީގައި ޖޫދާ ނީންނައްޗޭ" ވާރިޝް ވާހަކަ ދެއްކިއެވެ. އޭނާގެ މަކަރުވެރި ބަސްތަކުން ހާނީ ޖަޒުބާތީ ކުރުވިއެވެ.

"ހުރިހާ ކަމެއް ބިމާ ހަމަވީ މި" ވާރިޝް ނުކުންނަން ހިނގައިގަތެވެ. ހިތްހަމަނުޖެހިފައެވެ.

"ނޫން. އަދި ބިމާ ހަމަނުވޭ. އަހަރެން އެވާހަކަ އެހެން ގޮތަކަށް ބަދަލުކޮށްގެން އެކުއްޖާގެ ކަންފަތާ ހަމައަށް ގެންދާނަން" ވާރިޝްގެ އަތުގައި ހިފައި ހުއްޓުވަމުން ހާނީ ބުންޏެވެ.

"އެ ކިހިނެއް؟" ވާރިޝް ބުންޏެވެ. "އެވާހަކަ އަނބުރާލަން ކީކޭ ކިޔާނީ؟"

"މިދުނިޔޭގައި ވާރިޝް ކިޔާ މީހަކަށް ހުންނަނީ އެކަނި ބޭބީތަ؟" ހާނީ ބުންޏެވެ. އެއް ތުންފަތުން ހީލަމުން ހާނީއަށް ވާރިޝް ބަލައިލިއެވެ. އެހިނދު ވާރިޝްއަށް ހާނީ ދެ ބުމަ އަރުވާލިއެވެ. މޮޅު ވިސްނުމެއްކަން އަންގައިދޭ ނިޝާނެއްގެ ގޮތުންނެވެ.

އަންބަރްގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގެ އުފާވެރި ހަބަރާއެކު ޒަހާއަށް ހިނިތުންވާން ދަސްވެއްޖެއެވެ. ގޭތެރެއަށް ވެރިވެފައިވާ ހިމޭންކަމުގެ ތެރެއިން އެކަކު އަނެކަކާ ވާހަކަދައްކާ އަޑު އިވެން ފަށައިފިއެވެ. ހުއްޓުމެއްނެތި އެކަލާނގެއަށް ދެންނެވި ދުއާ އިޖާބަކުރައްވައިފި ކަމުގެ އުފާވެރިކަން އެންމެންގެ މޫނުމަތިން ފާޅުވަމުން ދިޔައެވެ. އެހުރިހާ މީހުންގެ ތެރެއިން އެކަކަކީ އަލިޝްބާއެވެ. ކޮއްކޮއަށް ދިމާވި ހިތްދަތިކަން އޭނާ މުޅިން މާޔޫސްކޮށްލިއެވެ. އަންބަރް ނިމުމެއްނެތް ދުނިޔެއަށް ދިޔުމަށް ދަތުރުފެށި ކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. އެހެންނަމަވެސް ހެއްދެވިފަރާތަށް އިހުލާސްތެރިކަމާއެކު ކުރި ދުއާ އެކަލާނގެ އިޖާބަ ކުރައްވައިފިއެވެ. އެ އުފާވެރިކަމުގެ ތެރެއިން އޭނާއަށް އިތުރު އުފާވެރިކަމެއް ލިބިއްޖެއެވެ. އެކަން އިނގެނީ އަދި އޭނައަށް އެކަންޏެވެ. އައިމަންއަށް އެ އުފާވެރިކަން ހިއްސާކުރާހިތުން އޭނާގެ ކެތްތެރިކަން ކޮޅުންލާފައި ވިއެވެ. އެކަލާނގެއަށް ތެދުވެރި ވަފާތެރި އަޅަކަށް އެކަލާނގެ މެދުވެރިކުރައްވާނީ އުފާވެރިކަމެވެ.

ރޭގަނޑެވެ. ސިޓިން ރޫމުގައި ޒަހާ އާއި ނީލަމް އިނެވެ. އިރުކޮޅަކުން ވަދެގެން އައީ އަލިޝްބާއެވެ. ގޭތެރެއަށް ނަޒަރެއް ހިންގާލާފައި ޖިޔާއާ ބެހޭގޮތުން އަލިޝްބާ ސުވާލުކޮށްލިއެވެ.

"ހީވަނީ ނިދައިފިހެން. އުޅުނު އިބާއަށް ގުޅައިދޭށޭ ކިޔައިގެން" ޒަހާ ބުންޏެވެ. "ރަނގަޅަށް ހޭ ނެތްއިރު އިބާއަކަށް އަދި ވާހަކައެއް ނުދެއްކޭނެއްނު"

ނީލަމް އިނީ އުނދަގުވެފައެވެ. ވާހަކައެއް ދައްކަން ބޭނުމޭ ޒަހާ ބުނި އިރުވެސް އެއީ ކޮން ވާހަކައެއް ކަން އޭނާއަށް އިނގެއެވެ. އައްމާރާ ގުޅުވައިގެން ނޫން ގޮތަކަށް ޒަހާ ދައްކާނެ ވާހަކައެއް ނޯންނާނެއެވެ.

"ލިބާވެސް އެ އައީނު. ދެން ކިޔާބަލަ" ހަމަޖެހުމުގެ ނޭވައެއް ލާފައި ނީލަމް ބުންޏެވެ.

"އައްމާރުގެ ވާހަކައެއް ބުނަން މިއުޅެނީ" ހީލާފައި ޒަހާ ބުންޏެވެ. ނީލަމް އެއްޗެއް ނުބުނެއެވެ.

"ޒަހާއްތައަށް ހީވަނީ އެއީ ރަނގަޅު ކުއްޖެއްހެން. މިޒަމާނުގައި އެގޮތަށް އަންހެންކުއްޖެއްގެ ލޯތްބަށް އެދި ފިރިހެނަކު ނާންނާނެ. އެކަލަހަ މީހަކަށް އެކަހަލަ ކަންތައްތައް ވާނީ ހަޑި ކަމަކަށް. ނޫންތަ ލިބާ؟" ޒަހާ ވާހަކަ ދެއްކިއެވެ. އޭނާގެ ވާހަކައަށް ބާރުދިނުމަށް އަލިޝްބާގެ ކިބައިން ވެސް އެދިއްޖެއެވެ.

"އާނ، ޔޫނުސްބެ ކައިރީގައި ފަހުން އަހާލީމަ ބުނީ އައްމާރު މިރަށަށް އައި ބޭނުން ނުމުތާވެސް ކިތަންމެ ދުވަހެކޯ. ދާން ބޭނުންނުވަނީ ނީލޫގެ ހިތް ހޯދަންވެގެންނޭ" އަލިޝްބާ ވާހަކަދެއްކިއެވެ.

ނީލަމް ބަހެއް ނުކިޔާ އިނުމުން އަލިޝްބާ އާއި ޒަހާ އެކަކު އަނެކަކަށް ބަލައިލިއެވެ. ނީލަމްގެ ބަހެއްނެތި އެވާހައާއެކު އެމީހުންނަށް ކުރިއަށް ނުދެވިގެން އުޅޭ ކަހަލައެވެ.

"ނީލަމް، ޒަހާއްތަ ވާހަކައެއް ބުނަންތަ؟ ޒަހާއްތަގެ ކަންތައްތައް ކޮށްދޭން މިގެއަށް ނީލަމް ގެނެސްފައި ހުއްޓަސް ނީލަމްއާ މެދު އެގޮތަށް ޒަހާއްތަ ނުދެކެން. ދެކެނީ އެއަށްވުރެ މާ ގާތްކޮށް. ޒަހާއްތައަށް އިހުސާސް ކުރެވެނީ ޖޫދާއި ޖިޔާއާ މެދުގައި ހުރި ދަރިއެކޭ ތިއީ. ޒަހާއްތަ ދުވަހަކުވެސް ނީލަމްއަށް ދެރައެއް ލިބުމަށް ނޭދެން. ޒަހާއްތަ ބޭނުން ނީލަމް ވަރަށް އުފާވެރި ދިރިއުޅުމެއް އުޅޭތަން ބަލަން. އެ އުފާވެރިކަން ނީލަމްއަށް ހޯދައިދެވޭނީ އައްމާރަށޭ ޒަހާއްތަގެ ހިތް ބުނަނީ" ޒަހާ ވާހަކަދެއްކިއެވެ.

"ނޫން. އައްމާރާ ގުޅިގެން އެ އާއިލާގެ ތެރެއަށް ވަދެގެން އަނެއްކާވެސް އަޅުގަނޑުގެ ހިތްދަތި ދުވަސްތައް ތަކުރާރު ވާނީ. އުފުލަންޖެހޭ ތަކުލީފުތަކާއި ހިތުގައި އަޅާ ވޭން އިތުރުވާނީ. އެގޭ މީހުން އަޅުގަނޑު ރޮލާ ކާނެ" މިހުރިހާއިރު ހިމޭނުން އިން ނީލަމް ވާހަކަދެއްކިއެވެ. އޭނާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ.

އެނދުގައި އޮތް ކުޑަ ދަރިފުޅަށް ބަލަހައްޓައިގެން އޮތް ރިކްޒާ ދެލޮލުގެ އަރިމަތިން ކަރުނައެއް ފައިބައިގެން ދިޔައެވެ. އެދަރިފުޅުގެ މޫނުމަތިން ދަރިފުޅުގެ ބައްޕަގެ ސިފަ އޭނާއަށް ފާހަގަވަމުން ދިޔައެވެ. އެހިނދު އޭނާގެ ހިތުގައި އިންތިހާއަށް ރިއްސައިގަތެވެ. އެއް އެކުވެރިޔަކު އަނެއް އެކުވެރިޔަކަށް ދުވަހަކުވެސް ނުދޭނެ ދެރައެއް އޭނާއަށް އަންބަރަށް ދެވިއްޖެއެވެ. ކައިރީގައި އޮތް ފޯނު ނަގާފައި ކޮންޓެކްޓް ލިސްޓުން އަންބަރްގެ ނަން ހޯދާލިއެވެ. މިހުރިހާ ދުވަހު އޭނާ އިނީ އަންބަރްގެ ފޯނު ނަންބަރު ބްލޮކް ކޮށްފައެވެ. އެހެންނަމަވެސް މިހާރު ހަގީގަތާ ކުރިމަތިލައި ދިރިއުޅުން ބަދަލުކުރަންވީ ވަގުތު ޖެހިއްޖެއެވެ.

(ނުނިމޭ)