ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އދގެ އާންމު މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވައިފިއެވެ.

މިނިސްޓަރު ޝާހިދަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވީ ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިނިސްޓަރު ޝާހިދަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފައިވާ އިރު، މިނިސްޓަރު ޝާހިދަކީ ހާރިޖީ ދާއިރާގައި ފުންނާބު އުސް ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ ރާއްޖޭގެ ހާރިޖީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން އަންނަ ބޭފުޅެކެވެ.

ރާއްޖޭގެ ފޮރިން ސާވިސް އޮފިސަރެއްގެ ގޮތުގައި ޝާހިދު ހިދުމަތް ކުރައްވަން ފެއްޓެވީ 1983 ގައެވެ. އޭނާ ވަނީ އެމެރިކާގެ ދަ ފްލެޗާ ސްކޫލުން، އިންޓަނޭޝަނަލް ރިލޭޝަންސްއިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވައިފައެވެ. ފޮރިން ސާވިސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިތާ ދިހަ އަހަރު ފަހުން ރާއްޖޭގެ އިންޓަނޭޝަނަލް އެފެއާޒްގެ ޑިރެކްޓަރުގެ މަގާމު ވެސް އެމަނިކުފާނު އަދާކުރެއްވިއެވެ. މިނިސްޓަރު ޝާހިދު ވަނީ 1987 އިން 1994 އަށް ބޭއްވި އދ. ގެ ހުރިހާ އާއްމު މަޖިލީހެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ހާރިޖީ ދާއިރާގައި ގިނަ ތަކުރިބާތަކާއެކު ފޮރިން މިނިސްޓަރު ކަމަށް ޝާހިދު ފުރަތަމަ ވަޑައިގެންނެވީ 2007 ގައި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޒައާމަތުގައެވެ. އޭގެ ކުރިން، 2005އިން ފެށިގެން ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. ދެވަނަ ފަހަރަށް ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ނޮވެމްބަރު 17، 2018 ގައެވެ.

މިނިސްޓަރު ޝާހިދު އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަތީ މިދިޔަ ޖޫން 7 ވަނަ ދުވަހު އެވެ. އެއީ 143 ވޯޓު ހޯއްދަވައިގެންނެވެ.

ދޮންބަންޑާރައިންނަށް ނިސްބަތްވެވަޑައިގަންނަވާ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު، މީގެ ކުރިން ބޭރުގެ ބައެއް އިއްޒަތްތެރިންނަށް ވެސް ވަނީ އަރުވައިފައެވެ.

އެގޮތުން، 15 މާރިޗު 1972 ގައި ޑިއުކް އޮފް އެޑިންބަރާ އަށާއި، އާލް މައުންޓްބެޓަން އަށް، 30 އޮކްޓޫބަރު 1984 ގައި ދެކުނު ކޮރެޔާގެ އޭރުގެ ރައީސް ޗުންޑޫ ހުވާންއަށާއި 16 ނޮވެންބަރު 1989 ގައި ކޮމަންވެލްތުގެ އޭރުގެ ސެކްރެޓަރީ ޖެނެރެލް ސަރ ޝްރީދަތު ރާމްފާލް އަށް އަރުވާފައިވެއެވެ.

މީގެ އިތުރުން 2 ޑިސެންބަރު 2009 ގައި ސައޫދީ އަރަބިއްޔާގެ ޕްރިންސް އަލްވަލީދު ބިން ތަލާލް ބިން އަބްދުލްއަޒީޒް އާލްސައޫދަށް، އަދި 4 ޖޫން 2013 ގައި ފަލަސްތީނުގެ ރައީސް ޑރ. މަހްމޫދު އައްބާސްއަށް މި އިއްޒަތް އަރުވާފައިވެއެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އެންމެ ފަހުން އެރުވި ބޭރުގެ އިއްޒަތްތެރިއަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އެމަނިކުފާނަށް އެ ލަގަބު އެރުވީ މިދިޔަ ޖޫން މަހުއެވެ.