ވާހަކަ

ޖޫދް - 29

2

ނަވާވީސްވަނަ ބައި

ކުރިމަތީގައި ހުރި ފެންތަށިން ކޯވަރެއް ބޯލާފައި ޔޫނުސް ފުން ނޭވާއެއް ދޫކޮށްލިއެވެ. ކޮފީ މޭޒުގައި ބޯއަޅައިގެން އޮތް އައްމާރަށް އޭނާ ބަލައިލިއެވެ. އައްމާރު ހިތްހަމަޖައްސައިދޭން އޭނާ ދެން ބުނަންވީ ކީކޭ ކަމެއް ނޭނގުނެވެ. ހާސިލުނުވާނޭ އުންމީދުތަކެއްގެ ވާހަކަދައްކައިގެން އައްމާރުގެ ހިތްއުފާކޮށްދިނުގެ ބޭނުމެއް ނެތެވެ. ކައިވެނިކުރަން ބޭނުންވާ އަންހެންކުއްޖާ އޭނާގެ ކައިވެންޏަށް ދެކޮޅު ހެދީ ކުރިމަތީގައެވެ.

"ދެން ހިނގާ ދާން. މިތާ މީހުން ގިނަވާން ފަށައިފި" ޔޫނުސް ބުންޏެވެ. އެހިނދު އައްމާރު މޭޒުމަތިން ބޯ ހިއްލާލިއެވެ. އޭނާގެ ރަތްވެފައިވާ ދެލޮލާއި ކުލަމަރުވެފައިވާ މޫނު ފެނުމުން ޔޫނުސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދުވަހަކުވެސް ފިރިހެނަކު އޭނާގެ ކުރިމަތީގައި އެގޮތަށް ރޮއެ ހިތާމަކޮށްފައެއް ނެތެވެ.

"އަހަރެން އަދިވެސް ނީލަމްއާ ބައްދަލުކުރަން ބޭނުން" އައްމާރު ބުންޏެވެ. "ވަން ލާސްޓް ޓައިމް" އޭނާގެ އަޑު އައީ ކުރެހިގެންނެވެ.

"ހިއެއްނުވޭ. ނީލަމް ބޭނުމެއްނުވާނެ" އައްމާރު ބުންޏެވެ.

"ޓްރައި ކޮށްދީބަލަ. ޕްލީޒް. އަލިޝްބާ ކައިރީގައި ބުނެގެންވިޔަސް" އައްމާރު ބުންޏެވެ. ޓިޝޫއެއް ނަގައިގެން ދެލޮލާއި ނޭފަތް އޭނާ ސާފުކޮށްލައިފިއެވެ.

"އަހަރެން މަސައްކަތްކުރާނަން" ޔަގީންކަމެއް ނެތްއިރުވެސް އެކުވެރިޔާއަށްޓަކައި ޔޫނުސް ބުންޏެވެ.

"ވަރަށް މުހިންމު ނީލަމްއާ ބައްދަލުކުރަން. މި ކައިވެނި ނުކުރެވުނިއްޔާ އަހަރެން ޖައިލަމްބެއަށް ދައްކާނީ ކޮން މޫނެއް؟" އައްމާރު ބުންޏެވެ. ޔޫނުސްގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. ހިތުގައި ސުވާލުވެސް އުފެދިއްޖެއެވެ.

"މިހާރު ކީކޭ ތިކިޔަނީ؟" ޔޫނުސް އެހިއެވެ.

"އަހަރެން މިވާހަކަ އެއްވެސް މީހެއް ކައިރީގައި ނުދައްކަން. މިއީ ޖައިލަމްބެއާ އަހަރެންނާ ދެމެދު ދެކުވުނު ވާހަކައެއް" އައްމާރު ކިޔައިދިނެވެ.

"މިހާރު އެބަ ހީވޭ ކަމެއް އުޅޭހެން" ވިސްނުން ތޫނު ބެލުމަކުން އައްމާރަށް ބަލަން އިނދެފައި ޔޫނުސް ބުނެލިއެވެ.

"އަހަރެން މިވާހަކަ ޔޫނުސް ކައިރީގައި ބުނާ ފަހުން އިތުރު މީހެއްގެ ފަރާތުން އަހަރެންނަށް މިކަން އެނގުނިއްޔާ އަހަރެމެން ދެމީހުންގެ މެދުގައި އޮތް ގުޅުން ނިމޭނެ. އެއީ އަހަރެން މިވާހަކަ މިބުނަނީ ކަލޭ ކައިރީގަ" އައްމާރު ބުންޏެވެ.

"ސާބަހ ބްރޯ. ތިކަހަލަ ބިރުވެރި އިންޒާރު ނުދިނަސް މީހެއްގެ ސިއްރެއް އަހަރެން ހާމައެއް ނުކުރާނަން" ޔޫނުސް ބުންޏެވެ.

"ޖައިލަމްބެ ނިޔާވި ރޭގައި ގެއަށް ދިޔުމުގެ ކުރިން އަހަރެންނަށް ޖައިލަމްބެގެ ކޯލެއް ލިބުނު. އެދުނީ ކޮފީއަކަށް އަރަން. ބުނީ މުހިންމު ވާހަކައެއް ދައްކަންވެގެނޭ. ހީކުރީ ނީލަމް އަހަރެންގެ ވާހަކަ ޖައިލަމްބެ ކައިރީގައި ބުނީ ކަމަށް. އެކަމަކު އަސްލު ވީ އެހެންނޫންކަން އަހަރެންނަށް އެނގުނީ ކޮފީގައި އިނދެ ޖައިލަމްބެ ދެއްކި ވާހަކަތަކުން" އައްމާރު ކިޔައިދިނެވެ. ޔޫނުސް އިނީ ގަޔާވެގެން އަޑުއަހާށެވެ.

"ނިމުނީތަ؟" ޔޫނުސް އެހިއެވެ. "ކުރިއަށް ގެންދަބަލަ"

"އެވާހަކަތައް ހަނދާންވުމުން މިހާރުވެސް އަހަރެންގެ މުޅި ހަށިގަނޑުން ހީބިހި ނަގާ. ފާޑެއްގެ ގޮތެއް ވަނީ"

ޖައިލަމް އާއި އައްމާރުގެ ބައްދަލުވުން:

ކެފޭތެރެއަށް ޖައިލަމް ވަދެގެން ދިޔައިރު އައްމާރު އިނީ މޭޒު ކައިރީގައި އިށީނދެގެންނެވެ. ޖައިލަމް ފެނުމާއެކު އައްމާރު އަތް ހިއްލާލައިފިއެވެ. ޖައިލަމްއަކީ އިސްކޮޅުން ދިގު ހިކި ހަށިގަނޑެއް ލިބިފައިވާ ޒުވާނެކެވެ. އާންމުކޮށް ލައި އުޅެނީ އަތްދިގު ޓީޝާޓާ ޖީންސެވެ. އެރޭވެސް އައްމާރާ ބައްދަލުކުރަން ޖައިލަމް ދިޔައީ ކުކުޅު ބިސް ކުލައިގެ އަތްދިގު ޓީޝާޓަކާ ނޫކުލައިގެ ޖީންސެއްގައެވެ.

"ޖައިލަމްބެ ކިހިނެއްތަ؟" ގޮނޑީގައި ޖައިލަމް އިށީނުމާއެކު އައްމާރު އެހިއެވެ.

"ރަނގަޅު. އަލްހަމްދުލިއްލާހް. އައްމު ކިހިނެއްތަ؟ މަންމަ ބައްޕަ ހުރިހާ މީހުން ރަނގަޅުތަ؟" ޖައިލަމް އެހިއެވެ. އައްމާރު ބޯޖަހާލިއެވެ. ވެއިޓަރަކު އައުމުން ދެމީހުންނަށްވެސް ކަޅު ކޮފީ ގެނައުމަށް ބުންޏެވެ.

"ޖައިލަމްބެ ކިހިނެއްވީ އަނެއްކާ؟ ފަހަ... ފަހަރި ރަނގަޅުތަ؟" ނީލަމްގެ ހަބަރެއް އޮޅުންފިލުވާ ހިތުން އޭނާ އެހިއެވެ.

"އައްމު ނީލަމްއާ މެދު ދެކެނީ ކިހިނެއް؟" ޖައިލަމް ކުރި ސުވާލާއެކު އައްމާރު ކޮށިއަރައިގަތެވެ. ކެއްސުން މައިތިރިކޮށްލާފައި ޖައިލަމްއަށް ޖަވާބުދޭން އަނގަ ހުޅުވާލިގޮތަށް ދެން ކިޔަން ފެށި އެއްޗެއް ނޭނގުނެވެ. އަނގަ އޮޅޭވަރުން ހީވަނީ ދުނިޔޭގެ އެހެން ގައުމެއްގެ ބަހުރުވައިން ވާހަކަދައްކަން ފެށި ހެންނެވެ. ޖައިލަމް ޖަހާލި ހިނިގަނޑާއެކު ހީީވީ ފެން ލީކުވަމުން ދިޔަ ތަނުގައި އުނގުރިއެއް ޖެހިގެން ދިޔަ ހެންނެވެ. އައްމާރުގެ އަނގަ ހުއްޓިއްޖެއެވެ.

"އަހަރެން އެހެން އެހީމަ ހާދަ ވަރެއް ތިވީ" ހުނުންގަނޑު ހުއްޓާލާފައި ޖައިލަމް އެހިއެވެ.

"ތިކަހަލަ އެއްޗެއް ބުނީމަ އެހެން ދޯ ވާނީ" އައްމާރު ބުންޏެވެ.

"އަހަރެން މިތަނަށް އައްމު މިގެނައީ ވަރަށް ބޮޑު ވާހަކައެއް ދައްކަން. އައްމުއަށް ވެސް އެނގޭނެ އެއްވެސް އިންސާނަކު މިދުނިޔެއަށް އަންނަނީ ދާއިމީ ގޮތެއްގައި ދިރިއުޅުމަކަށް ނޫންކަން. އަހަރެމެން ކޮންމެ މީހެއްވެސް އަތް ފޮޅާލާފައި ދާންޖެހޭ ވަގުތެއް އަންނާނެ. އެކަން އަހަރެމެންނަށް ގަބޫލުކުރަން މަޖުބޫރު. އެއީ މިދުނިޔޭގެ އެންމެ ބޮޑު ހަގީގަތަކީ. ކުރިން މިދުނިޔެއިން ދާން ޖެހޭނީ ކާކު ކަމެއް ނޭނގޭ. އަހަރެން ކަމެއް ނީލަމް ކަމެއް ނުވަތަ އައްމު ކަމެއް. އެހެއްނު. އަހަރެން ދައްކަން މިއުޅެނީ ނީލަމްގެ ވާހަކަ. އެއީ ވަރަށް ނިކަމެތި ކުއްޖެއް. ދުނިޔޭގައި މައެއް ބަފައެއް ނެތް އެކަނިވެރި ކުއްޖެއް. އެކަމަކު ހިތްހެޔޮ ދީންވެރި ކުއްޖެއް. އަހަރެން ނީލަމްދެކެ ވަރަށް ލޯބިވޭ. އެކުގައި ދިރިއުޅެންވެގެން ކައިވެނިކުރީ. އެކަމަކު އަހަރެންގެ އާއިލާ ފައި ވިއްދާލާފައި ހުރީ އަހަރެން ނީލަމްއާ އެކު ދިރިއުޅުނަ ނުދިނުމަށް. އެމީހުން ބޭނުންވީ މުޅި ދުނިޔެއަށް ބިކަވާން އެ އަންހެންކުއްޖާ ދޫކޮށްލަން. އެކަމަކު އެއީ ދުވަހަކުވެސް އަހަރެން ކުރާނެ ކަމެއް ނޫން. އައްމު، އަހަރެން ނެތް ދުނިޔެއެއް އަތުވެއްޖެނަމަ ނީލަމްގެ ހުރިހާ ކަމަކާ ހަވާލުވެދެއްޗެ. އޭނާއަށް އަޅާލާ އޯގާތެރިވެދެއްޗެ. ހިތުގައި ޖައްސައި ރޮއްވައި ތަކުލީފުތައް ނުދެއްޗޭ. އަހަރެންނަށް އެނގޭ އައްމު ނީލަމްއާ މެދު ދެކެނީ ފަހަރިއަކަށް ވުރެ ގާތްކޮށް ކަން. އެކަމަކަށް އަހަރެންގެ މައްސަލައެއް ނެތް. އަހަރެން ނީލަމްއަށް ވަރަށް އިތުބާރުކުރަން" ޖައިލަމް ވާހަކަދައްކަމުން ގޮސް ހުއްޓާލާފައި ފެންތަށީގައި އަނގަ ޖަހައިފިއެވެ.

"ޖައިލަމްބެ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ. އަހަރެން ވަރަށް ބިރުގަނޭ" އައްމާރު ބުންޏެވެ.

"ބިރުގަންނަވަރު ކަމެއް އަދި ނުވެއެއްނު. އަހަރެން ބިރު ގަންނަނީ އަހަރެން ނެތް ދުނިޔެއެއް އައިއްޔާ ނީލަމް އުޅޭނެ ހާލު ހިތަށް އަރާފައި. މުއްސަނދި ފޯރާ މީހުން އެކަލަ ނިކަމެއްޗެއް ނެތިކޮށްލާކަށްވެސް ޖެހިލުމެއް ނުވާނެ. އެކަހަލަ މުޑުދާރު ކުޅިގަނޑެއް އަހަރެންގެ އާއިލާ އިން ކުޅެފި. ނީލަމްގެ އަރުން އެތެރެއަށް ދިޔުމުގެ ކުރިން އެ ކެއީ އަހަރެން. އަހަރެން ބޭނުން އަހަރެން ހުރިއިރުވެސް އަދި ނެތްއިރުވެސް ނީލަމްއަށް ހިމާޔަތްދޭން. އަހަރެން އެކަން މިހަވާލުކުރީ އައްމުއާ. ތިއީ އަހަރެން ނުލާހިކު ލޯބިވާ ކޮއްކޮއެއް. ނީލަމްއާ ކައިވެނިކޮށްގެން ވަރަށް އުފަލުގައި އޭނަ ގެންގުޅެދެއްޗޭ" މޭޒުމަތީގައި އޮތް އައްމާރުގެ އަތުގައި ހިފަމުން ޖައިލަމް ބުންޏެވެ. އައްމާރަށް އަތް ދަމައިގަނެވިއްޖެއެވެ. އެއީ ޖައިލަމް ކުރާ ސަމާސާއެއް ބާއޭ ހިތަށް އެރިއެވެ.

"އަހަރެންނަށް އިނގޭ އައްމު މިކަން ކޮށްދޭނެކަން" ޖައިލަމް ބުންޏެވެ.

"ޖައިލަމްބެ ތި ބުނީ މަންމަމެން ނީލަމްއަށް....."

"ތިއީ މުހިންމު ވާހަކައެއް ނޫން. އަހަރެން އެމީހުންނަށް ހިތްހެޔޮ. އެކަމަކު އަރަހުށި މަތިވެރި އިލާހު އެކަމުގެ ހައްގު އަދަބު އެމީހުންނަށް ދޭނެ" ޖައިލަމް ވާހަކަ ދެއްކިއެވެ.

"ޑޮކްޓަރަށް ދާންވީނުން" އައްމާރު ބުންޏެވެ.

"ބޭކާރު ކަމެއް. މިއުޅެނީ އެކަހަލަ އެއްޗެހި ހިތަށް އަރާފައި ބޮލުގައި ރިއްސާވަރުން. އެތެރެހަށީގައި ހީވަނީ އަލިފާން ހިފާފައި ހުރިހެން. ޖައިލަމްބެ މިދަނީ ގެއަށް ދާން. މިހާރު އިންނާނީ ނީލަމް އެކަނި"

އައްމާރު ބަހެއް ނުކިޔާ އިނުމުން ޖައިލަމް ބުންޏެވެ. ކޮފީތަށީގައި އަނގަ ޖެހި ގޮތަށް އެއް ފަހަރުން ދަމާލާފައި ޖައިލަމް ފުން ނޭވައެއް ލިއެވެ.

"ދިޔުމުގެ ކުރިން ވަރަށް މުހިންމު އެއް ވާހަކަ. އައްމުގެ ހިމާޔަތުގެ ދަށަށް ނީލަމް އައިސްފިނަމަ ދުވަހަކުވެސް އަހަރެންގެ އާއިލާ އަދި އައްމުގެ އާއިލާގެ ކުރިމައްޗަށް އޭނަ ނުގެންދައްޗޭ. ނީލަމްއަށް އުފާވެރިކަމެއް ލިބޭނީ އެމީހުންނާ ދުރުކުރި ވަރަކަށް" ޖައިލަމް ބުންޏެވެ.

އެންމެ ފަހުން ޖައިލަމް ތެދުވެގެން ދިޔައީ އައްމާރު ވިސްނުމާ ފިކުރުތަކެއްގެ ކަނޑަކަށް ގަންބާލައިފައެވެ. ތެދުވާންވެސް ނޭނގިފައި ގަބުވެފައި އައްމާރު އިނީ ޖައިލަމް ދިޔަ ދިމާލަށް ބަލަހައްޓައިގެންނެވެ.

ހިތުގައި ބިރުވެރިކަމެއްވެސް އުފެދިއްޖެއެވެ. ދުވަހަކުވެސް އޭނާ ކައިރީގައި އެފަދަ ވާހަކަތަކެއް ނުދައްކައެވެ. ޖައިލަމްބެ އަށް ކަމެއް ވާން އުޅެނީ ހެއްޔެވެ؟

ހުރިހާ ވާހަކައެއް ޔޫނުސްއަށް ކިޔައިދީފައި އައްމާރު ފުން ނޭވައެއް ދޫކޮށްލިއެވެ. ކުރިމަތީގައި ހުރި ފެންފުޅިން ކޯވަރެއް އަނގައަށް އެޅިއެވެ.

"ތިއީ ހަދަ އެހެން ކަހަލަ ކަމެކޭ" ޔޫނުސް ބުންޏެވެ.

"އަނެއް ދުވަހު ނިޔާވި ހަބަރު ލިބުނީ. އެނގޭތަ އޭގެފަހުން އަހަރެން ބިރުން ގޮސް ވަރަށް ބަލިވެސްވި" އައްމާރު ބުންޏެވެ.

"އަބަދު ވިސްނެނީ ނީލަމްއާ މެދު. ހޮސްޕިޓަލުން ދިޔަފަހުން އަހަރެންނަށް ނީލަމް ވީ ތަނެއްވެސް ނޭނގޭ. ހިތަށް އަރަނީ ޖައިލަމްބެ އެދުނު އެދުން އަހަރެންނަށް ފުރިހަމަކޮށެއް ނުދެވުނޭ. އެހެންވެ ހިތްވަރުކޮށްފައި އަހަރެން ދަތުރުފެށީ ނީލަމް ހޯދުމަށް. އެންމެފަހުން ހެއްދެވި ފަރާތުން އަހަރެންނަށް ނީލަމް ދައްކަވައިފި" ކަރުނައިގެ ތެރެއިން ލުއިލުއިކޮށް ހީލަމުން އައްމާރު ބުންޏެވެ.

ދުވަހުގެ މެންދުރުފަހުގެ ވަގުތެވެ. ގޭތެރެއިން އެއްވެސް މީހަކު ފެންނަން ނެތެވެ. ކޮޓަރީގައި އޮވެފައި އަންބަރް ނުކުތީ ފޫހިވެގެންނެވެ. ބޭރު ގޭތެރެއިން އޭނާއަށް މަރުހަބާ ކިއީ ހަމަހިމޭންކަމެވެ. ޓީވީ ހުޅުވާލާފައި ކުޝަންއެއް ބޯދަށަށް ލައިގެން ސޯފާގައި އޮށޯވެލިއެވެ. ކަމުދާ ޗެނަލެއް ނުފެންނާތީ އޭނާ ޗެނަލް ބަދަލުކުރަމުން ދިޔައެވެ. އެންމެފަހުން މަޑުޖައްސާލީ އިނގިރޭސި ލަވަތަކެއް އަންނަމުންދިޔަ ޗެނަލަކަށެވެ. ޓީވީއަށް ނަޒަރު ހުއްޓާލައިގެން އޮވެފައި ފުންމައިގެން ތެދުވެއްޖެއެވެ. ރުޅިއައިސް ފުފިފައިވާ މީހަކު ފަދައިން ރިމޯޓް ނެގި ގޮތަށް ޓީވީ ނިއްވާލައިފިއެވެ. ކުރިން އޭނާ އެކަމެއް ކުރުމުން އުފަލާ ހިތްހަމަޖެހުމާ ޖޯޝާ ފޯރި ލިބޭ ކަންކަމުން މިހާރު އޭނާއަށް ލިބެނީ ތުރާލެވެ. ހިތުގައި އުފެދި އުފަންވަމުން އަންނަނީ ފޫހިކަމެވެ. ބޮލުގެ ދެފަރާތުން ހިފަހައްޓާލައިގެން އިނދެފައި ފުންމައިގެން ތެދުވެއްޖެއެވެ.

ބޯ ހަމަޖައްސާލުމަށް ގެއިން ބޭރަށް ނުކުންނަން ހިތަށް އެރީ އެވަގުތުއެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ޒަހާ އޮތް ކޮޓަރީގެ ދޮރުހުޅުވާލިއިރު ޒަހާ އޮތީ ފުން ނިންޖެއްގެ ތެރޭގައެވެ. ދެން އޭނާ ބަލައިލީ ނީލަމްގެ ކޮޓަރިއެވެ. ކޮޓަރިން ނީލަމް ފެންނަން ނެތެވެ. އެހެންނަމަވެސް ފާހާނައިން ފެން އަޑު އިވެމުން ދިޔައެވެ. ޖިޔާގެ ކޮޓަރި ހުޅުވާލިއިރު އެނދުމަތީގައި ފޮތް ދަބަސް ހުޅުވައިގެން ޖިޔާ އިނެވެ. ގަލަމުގެ ކޮޅު އަނގައަށް ލައިގެން އިނދެ އޭނާ ފިލާވަޅުތައް ބަލަމުން ދިޔައެވެ.

އަލުން ކޮޓަރިއަށް ވަދެފައި އަންބަރް ތައްޔާރުވާން ފެށިއެވެ. އޭނާ ދާން އުޅޭ ތަނެއް ހުދު އޭނާއަށް ވެސް ނޭނގެއެވެ. އެނގެނީ ހިތްހަމަޖެހޭ ކަމެއް ކުރުމަށް އޭނާގެ ހިތް ގޮވަމުންދާ ކަމެވެ. ބުޑު ހާމަވާވަރުގެ އަތްކުރު ޓީޝާޓްކޮޅަކާ އެކު ފިއްތި ޖިންސެއް ލިއެވެ. ލޯގަނޑު ކައިރީގައި ހުރެ އިސްތަށިގަނޑު ރަމަތަ ކޮށްލާފައި ލައިގެން ހުރި ހެދުމަށް އޭނާ ބަލައިލިއެވެ. ދެ ވިސްނުމެއްގައި ހުރެފައި އަލުން އަލަމާރި ހުޅުވާފައި އަލިޝްބާ ދީފައި ހުރި ހެދުންތަކުގެ ތެރެއިން ކަކުލަށް ވުރެ ތިރިއަށް ހުރި ހެދުމެއް ނެގިއެވެ. ޑާކް ބްރައުން ކުލައިގެ އެ ހެދުން މޭމައްޗަށް ވުރެ ކުޑަ ތަންކޮޅެއް ތިރިން ބަންދެއް ހުރިއިރު އަންބަރްގެ ހަށިގަނޑަށް ދުލެވެ. އެހެންނަމަވެސް އޭނާގެ ހަށިގަނޑުގެ ހިކި ކަން ހާމަވެއެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓިފައި އަމިއްލަ ހަށިގަނޑަށް އޭނާ ނަޒަރެއް ދިނެވެ. ކުރު ހެދުމަށް ވުރެ ބޮޑަށް އެކަހަލަ ހެދުން އޭނާއާ ގުޅޭކަމަށް ހިތް އެއްބަސްވި ވަގުތުކޮޅެކެވެ. ދަބަސް ހިފައިގެން ނުކުންނަން އުޅެފައި ދަބަސް ހުޅުވާލާފައި ވޮލެޓް ނެގިއެވެ. އެންމެ ރުފިޔާއެއް ވެސް ވޮލެޓްގައި ނެތެވެ. އަލަމާރި ހުޅުވާލާފައި ޖޫދު ފައިސާ ބަހައްޓާ ވަތްގަނޑު އޭނާ ހުޅުވާލިއެވެ. އޭގައި ގިނަ އަދަދެއްގެ ފައިސާ ހުއްޓެވެ. އެހެންނަމަވެސް ޖޫދުގެ ހުއްދައެއް ނެތި އެފައިސާގައި އަތްލަން އޭނާ ހިތް އެއްބަހެއް ނުވިއެވެ.

މަގުމައްޗަށް ނުކުމެފައި ވަކި މިސްރާބެއްނެތި އޭނާ ހިނގަމުން ދިޔައެވެ. ދެވޭ ތަނެއް ނޭނގި ހިނގަމުން ގޮސް އޭނާ ނުކުތީ އަތިރިމައްޗަށެވެ. ހިތްގައިމު ވަރަކަށް ވައި ޖެހެމުން ދިޔައެވެ. ގުދުރަތީ ސާފު މަންޒަރުތަކުން އޭނާގެ ހިތަށް ހިތްހަމަޖެހުން ގެނުވަމުން ދިޔައެވެ. ބަލައިލި ކޮންމެ ދިމާލަކުން އޭނާއަށް ފެންނަމުން ދިޔައީ ހިތްއުފާ ކުރުވާ ކަހަލަ މަންޒަރުތަކެވެ. ހުސްކޮށް ހުރި ޖޯލި ފައްޗެއްގައި އިށީނދެފައި އޭނާ ދަބަސް އުނގުގައި ބާއްވާލިއެވެ. ދެން ނަޒަރު ސީދާކޮށްލީ ސާފު ނޫކުލައިގައި އޮތް އުޑުމައްޗަށެވެ.

އަޑުގަދަކުރަމުން ހެމުން އައި އަންހެން ގުރޫޕެއް އިށީނީ އަންބަރާ ޖެހިގެން އެއް ޖޯލި ދޫކޮށްފައެވެ. ތިން އަންހެން ކުދިންގެ އެ ގުރޫޕް އަތުގައި ކާއެއްޗެހި ތައްޓެއް ހުއްޓެވެ. ލައިގެން ތިބި ހެދުމުން އެމީހުން ޕިކްނިކް ހަދާލަން އައިސް ތިބިހެން ހީވިއެވެ. އެހެންނަމަވެސް އެއީ އަންބަރް މާ ހިތްހަމަޖެހޭ ގުރޫޕަކަށް ނުވިއެވެ. އެނާ ތެދުވެގެން ދާން އުޅެނިކޮށް މަޑުޖެހިލީ މެދުގައި އިން އަންހެންކުއްޖާ މަޖާވެފައި ބުނި އެއްޗަކުންނެވެ. ހަގީގަތުގައި އޭނާ މަޑުޖެހުނީ ހާނީގެ ދުލުން ޖޫދުގެ ނަން ބޭރުވި އަޑަށެވެ. އެމީހުން ދައްކާ ވާހަކަތައް އަޑުއަހާލަން އެތަނުގައި އިނދެލަން އޭނާ ހިތް ބުންޏެވެ.

"އޭނަ މިހާރު ވަރަށް ސްމާޓް" ހާނީ ބުންޏެވެ.

"ދެން ހުރޭ ދުރުން ބަލާލައިގެން ހިތްހަމަޖައްސާލައިގެން" މާޔާ ބުންޏެވެ.

"ކުރިން ލިބުނީ ހާނީ އަކަށްނު. އެ ސޮރު މާ ހިއްކޭ ވައިރޯޅިއަކާއެކު މައްޗަށް އަރައިގެން ދާނޭ ކިޔާފައި ކިހާ މަލާމާތެއް ކުރިންތަ" ޒިވީ ބުންޏެވެ. އެވާހަކަތައް އަޑުއަހަން އިން އަންބަރް ދެއަތްތިލަ މުށްކެވެމުން ދިޔަ ކަމެއް އޭނާއަކަށް ނޭނގެއެވެ. އެނގެނީ ޖޫދާ ގުޅުވައިގެން އެމީހުން ދައްކަމުން ދިޔަ ވާހަކަތައް އަހަން އޭނާއަށް ފަސޭހަ ނޫން ކަމެވެ.

"އޭ އޭނަ މިހާރު މީހަކާ އިނދެފި ކަންނޭނގެ. އަނބިމީހާ ލޯބިދޭވަރުން އެހެރީ ރީތިވެފައި. ހެހެހެ" މާޔާ ބުންޏެވެ.

"ކޮންތާކު. އަހަރެން އެންމެ އިޝާރާތެއް ކޮށްލިޔަސް އަދިވެސް އަންނާނެ. އޭރުގައި އަހަރެން އިންނަން އެއްބަސްނުވީ ވާރިޝް ބުނީމަ. ދެން ތި މީހުންނަށް ވެސް އެނގެއެއްނު ވާރިޝްއަކީ އަހަރެންގެ ކިހާ ވަރެއްގެ މީހެއްކަން. މިހާރުވެސް ދެ ރެއިން އެއް ރޭގައި އެ ނިދަނީ އަހަރެން ކައިރީގައި. ޖޫދުމެންނާ ކޮންމެސް މައްސަލައެއް އުޅޭ އޭނަގެ" ހާނީ ވާހަކަދައްކަމުން ދިޔައެވެ. "ދެން ތި މީހުން ވާރިޝް ކައިރީގައި ކިޔާނީއެއް ނޫން އަހަރެން މިހެން ކިއި ވާހަކަ"

އަންބަރަށް ކެތެއް ނުވިއެވެ. އިންތަނުން ތެދުވެވިއްޖެއެވެ. ދެފަޔަށް ބާރުލާފައި އޭނާއަށް މިދެވެނީ މޫދާ ދިމާލަށް ކަމެއްވެސް ނޭނގޭ ހާލު ކުރިއަށް ހިނގަމުން ދިޔައެވެ. ޖެހެމުންދާ ވަޔާއެކު އޭނާގެ އިސްތަށިގަނޑުން ބައެއް މޫނުމައްޗަށް ގޯނާކުރަމުން ދިޔައިރު އެއިން އެއްވެސް ކަމަކަށް އޭނާގެ ފަރުވާލެއް ނެތެވެ. އެ ގުރޫޕް ދެއްކި ވާހަކަތަކުން އޭނާގެ މުޅި ނަފުސު ހަލަބޮލި ކުރުވައިފިއެވެ. އެއީ ކޮން ބައެއް ހެއްޔެވެ؟ ގައިމުން މިރަށުގައި މަސައްކަތްކުރާ ޑޮކްޓަރު އިންކަން އަންބަރަށް އެނގެއެވެ. ދެން ތިބީ އޭނާ ދަންނަ ބައެއް ނޫނެވެ. އެމީހުން ދެއްކި ވާހަކަތަކުން މުޅިން ވެސް އޭނާއަށް ލިބުނީ ސިހުމެވެ. އެމީހުން ދަންނަނީ ޖޫދެއް އެކަންޏެއް ނޫނެވެ. ވާރިޝްއާ ވެސް ގުޅުން އޮތް އަންހެނެކެވެ. މިއީ އިއްތިފާގެއް ހެއްޔެވެ؟ އޭނާ ގެއިން ބޭރަށް ނުކުންނަހިތް ވެގެން އުޅުނީ މި ހަގީގަތްތައް އެނގެން ވެގެން ހެއްޔެވެ؟

"ވާރިޝް ބޮޑު މަކަރުވެރިޔާ" އަންބަރް ކިޔާލިއެވެ. "އަހަރެންގެ ހުރިހާ އެއްޗެއް ކަލެއަށް ގުރުބާންކުރީމު"

ވާރިޝް ފަދަ މީހަކު ދެކެ އޭނާއަށް ހިތުން އެދެވުނީތީ އަމިއްލަ ނަފުސު ދެކެ ރުޅިއައެވެ. އޭނާ ކައިރީގައި ވާރިޝް ދައްކާފައި ހުރި ވާހަކަތަކާއި އޭނާއާ އެކު ބޭއްވި ގާތް ގުޅުންތައް މަތިން ހިތަށް އަރާފައި އޭނާއަށް ރޮވިއްޖެއެވެ. އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އަންބަރަށް އެކަމެއް ނުވިއެވެ. ދުވަހަކުވެސް ހިތަށް ތަދުނުވާ މިންވަރަށް އޭނާ ހިތުގައި ރިހެމުން ދިޔައެވެ. އުޅެވުނު ގޮތްތަކާއި ވާރިޝްގެ މަކަރުވެރި ލޯބީގެ ދަޅައިގައި ޖެހި ކައިވެނިން ބޭރުން އެތައް ފާފަތަކަކަށް އަރައިގަނެވިފައިވި މިންވަރު ހިތަށް އަރާފައެވެ. ފިރިމީހާގެ ވަފާތެރިކަމާއި މަޑުމައިތިރިކަމާއި ކެތްތެރިކަމާއި ތިމާގެ ހަލާލު ފިރިމީހާއަށް އެއްވެސް ސަބަބަކާ ނުލައި ކުރެވުނު ނަފުރަތު ހިތަށް އަރާފައެވެ. އަމިއްލަ ނަފުސުގެ ޖާހިލުކަމާ ގޮތެއްފޮތެއް ނެތް މިންވަރު ހިތަށް އަރާފައެވެ. އޭނާ ރަނގަޅު މަގަށް ގެނައުމަށް ދެފަރާތުގެ އާއިލާ އިން ކުރަމުން ދިޔަ މަސައްކަތްތަކާއި އެފަދަ ކަންކަމަށް އޭނާގެ ހިތުން އެއްވެސް ގަދަރެއް ނުކުރެވުނީތީ އެކަމާއެވެ. އުނަގަނޑުން މައްޗަށް ލޮނުގަނޑު އެރިއިރު އަންބަރަށް ބާރަށް ރޮވެމުން ދިޔައެވެ. ކައިރި ހިސާބަކުންވެސް މީހަކު ފެންނަން ނެތެވެ. އެހެންނަމަވެސް އަތިރިމަތިން ދެތިން މީހަކު ފެންނަން ހުއްޓެވެ. ކުރެވެން އުޅެނީ ކީއްކަން ވިސްނާލެވޭހާ ބާރެއް އަންބަރްގެ ސިކުނޑީގައި ނެތެވެ. މޫދުގެ ލޮނުގަނޑާ ވަށައިގެންވި ކޮންމެ އެއްޗެއް އޭނާއަށް މަލާމާތް ކުރާހެން ހީވަމުން ދިޔައެވެ. އޭނާއަކީ އެއްވެސް މީހެއްގެ މާފެއް ހައްގުވާ މީހެއް ނޫން ކަމުގައި ހިތް ވިސްނައިދެމުން ދިޔައެވެ. އަމިއްލައަށް މަރުވެގެން ދިޔައިމަ ދުނިޔެއިން ފާފަވެރިޔަކު މަދުވާނޭ ހިތަށް އެރިއެވެ. އަމިއްލަ ނަފުސަށް ގެއްލުން ދިނުމަކީ ކިހާ ނުބައި ކަމެއްކަން އޭނާއަށް ނޭނގެއެވެ. އޭނާގެ ސިކުނޑި ވަނީ ނުބައި ވަސްވާސްތަކުން ތަޣައްޔަރުވެފައެވެ. ކަރުގައި އޮތް ދަބަސް ފެންމަތީގައި އޮތްއިރު، އެ ދަބަހުގައި އޮތް ފޯނު ރިންގުވަމުން ދިޔައެވެ. ކަރުތާފެނަށް ވުރެ މައްޗަށް ފެން އެރިއިރު ފޯނުގެ ރިންގު ކެނޑިއްޖެއެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކާ މޫދުގެ ލޮނުގަނޑާއެކު އޭނާގެ މުޅި ނަފުސު ދޮވެވެމުން ދިޔަ ފަދައިން ފޯނަށް ވެސް ލޮނު އެޅި އޭގެ ބޭނުން ކެނޑިއްޖެއެވެ. މާތް ﷲ އިރާދަކުރައްވައިފި އަޅަކަށް އެކަލާނގެ ހެޔޮވިސްނުން ދެއްވައެވެ. އެކަލާނގެ އިރާދަކުރެއްވި އަޅަކު މަގުފުރައްދަވައެވެ. އެކަލާނގެ ހެޔޮ ރަހުމަތްފުޅާއެކު އަންބަރަށް އުފާވެރި ދުވަސްތަކެއް އޮތްކަން ވިސްނައިދޭނެ މީހަކު އެ ހިސާބުގައި ހުރި ނަމައެވެ.

ޖޫދު ގެއަށް އައީ ޒަހާގެ ފޯނު ކޯލަކާއެކުގައެވެ. ސިޓިން ރޫމުގައި ކަންބޮޑުވެފައި އިން ޒަހާ ފެނިފައި ޖޫދު ހާސްވިއެވެ. "ހަބަރެއްވިތަ؟" ޒަހާ ކައިރީގައި އިށީންނަމުން ޖޫދު އެހިއެވެ.

"ނުވޭ. ލިބާ ބުނި އެބަޔަަށް ނާންނަ ވާހަކަ" ޒަހާ ބުންޏެވެ. މިތާ އިނދެފައި ކަންނޭނގެ ދިޔަ ތަނަކަށް އެދިޔައީ. ރިމޯޓް އޮތް ތިރިއަށް ވެއްޓިފައި" ޒަހާ ބުންޏެވެ.

"ލިބާ ބުނި ސުމައްޔާތަ ބުންޏޭ އެގެއަށް ނާދެއޭ" ކޮޓަރިން ނުކުމެގެން އައި ނީލަމް ބުންޏެވެ. "ލިބާ ބުނި އެބަ ބަލަމޭ"

"ދަރިފުޅު ދޭބަލަ ބޮޑުދައިތަމެންގެ ބައި ބަލާލަން" ޒަހާ ބުންޏެވެ.

"އެބައިން ރިކްޒާގެ ނަމްބަރު" ޖީބުގައި އޮތް ފޯނޫ ނަގާފައި ޖޫދު އެ ނަމްބަރަށް ގުޅިއެވެ.

"ކީކޭ ޖޫދުބޭ" ރިކްޒާގެ ދުލުން ފުރަތަމަ ފަހަރަށް ބޭބެ މި ލަފްޒު ބޭރުވުމާއެކު ޖޫދަށް ހައިރާންކަން ލިބުނެވެ. އެހެންނަމަވެސް އެކަން ފާޅުކުރަން އެއީ އެންމެ ރަނގަޅު ވަގުތަށް ނުވާތީ އޭނާ އެވާހަކައެއް ނުދެއްކިއެވެ. އެހެންނަމަވެސް އޭނާ ބޭނުންވި ސުވާލުގެ ޖަވާބުދިނެވެ.

"ނެތް އެބައިގަ" ޖޫދު ބުންޏެވެ. މާޔޫސްވެފައި ހުރެ އޭނާ ކޮޓަރި އާ ދިމާލަށް ދިޔައެވެ. ފަހަކަށް އައިސް އަންބަރަށް ބަދަލުތަކެއް އަންނަކަން އޭނާއަށް ފާހަގަވިއެވެ. އެނދުގައި އިށީންނަން އުޅެނިކޮށް ސައިޑު ކަބަޑުމަތީގައި އޮތް ހުދު ކުލައިގެ ގަނޑެއް އޭނާއަށް ފެނުނެވެ. އަވަސް އަވަހަށް އެ ގަނޑު ނަގާފައި އޭނާ ބަލައިލިއެވެ.

"އަހަރެން ފޫހިވާތީ ބޭރަށް އެބަ ނުކުމެލަން. ވަރަށް އަވަހަށް ގެއަށް އަންނާނަން" އަންބަރް ލިޔެފައިވާ ދެ ޖުމްލަ ކިޔާލާފައި ޖޫދަށް ހަމަޖެހުމުގެ ނޭވައެއްލެވުނެވެ. އޭގައި އެވާ ބަސްތަކަކީ އޭނާއަށް ލިޔެފައިވާ ބަސްތަކެއްކަން އެނގުނެވެ. ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ.

"ކުއްލިއަކަށް ހުޅުވާލި ދޮރާއެކު ޖޫދު ދިޔައީ ސިހިގެންނެވެ.

"އިބާ ގެނބިގެން މަރުކަޒަށް ގެންގޮސްފި އޯ" ޒަހާގެ އަޑު ޖޫދަށް ލިބިގެން ދިޔައީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. ހިނދުކޮޅަކަށް އޭނާގެ މުޅި ހަށިގަނޑު ގަނޑުފެންގަނޑަކަށް ވިހެން ހީވިއެވެ. ސިކުނޑި މަސައްކަތްނުކޮށް ހުއްޓައި ބާރަށް ގޮނޑި ދުއްވާފައި އައި ޒަހާ އޭނާގެ އަތުގައި ހިފައި ތަޅުވައިގަނެއްޖެއެވެ.

"އިބާ ހޮސްޕިޓަލަށް ގެންގޮސްފިއޭ ލިބާ ގުޅާފައި އެބުނީ" ޒަހާ ބުންޏެވެ. މިފަހަރު ޒަހާގެ އަޑު ބާރެވެ. ޖޫދަށް ހަމަހޭވެރިކަމެއް ލިބުނީ ދެނެވެ.

(ނުނިމޭ)