މި އަހަރުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު 4 ބޭފުޅުންނަށް އަދި ހިތްވަރުދިނުމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް ދޭން ނިންމައިފި އެވެ.

ގައުމީ އިނާމު ދިނުމުގެ ޖަލްސާ އޮންނާނީ މާދަމާ ރޭ ޖުމުހޫރީ މައިދާނުގަ އެވެ. އެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެ އެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ގައުމީ އިނާމާބެހޭ ކޮމެޓީންނެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ ހަތަރު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މިއަހަރު ލިބިވަޑައިގަންނަވަނީ 11 ބޭފުޅަކަށެވެ. މިބޭފުޅުން ވެސް ހޮއްވެވީ ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރައްވަނީ، ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ހަ ބޭފުޅަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި ހަތަރު ބޭފުޅެއްގެ އިތުރުން އަދި ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން، އާ އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރެއްވި ބޭފުޅެކެވެ.

ކީރިތި ގުރްއާން ހިތުދަސްކޮށް، މިއަހަރު އެއް ވަނަ ދަރަޖައިގައި ފާސްވި 11 ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލްވެސް މާދަމާ ރޭގެ ޖަލްސާގައި ދެއްވާނެއެވެ.