އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާން ދިރިއުޅުއްވާ ގެކޮޅަށް ވަދެ، ގޭގެ ތަކެއްޗަށް ގެއްލުން ދިން މައްސަލައިގައި ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިރޭ "ވަން" އަށް ވިދާޅުވީ މުއުތަސިމާއި އެމަނިކުފާނުގެ އާއިލާގެ މެމްބަރުން ދިރިއުޅުއްވާ ގެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު ސެކިއުރިޓީ ފޫއަރުވާލާފައި ވަން މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ހަތް ދުވަސް ދީފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މ. ސީވިންޑް، ފާތިހް ޝާކިރުއެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ދިރިއުޅުއްވާ ގެކޮޅުގެ ސެކިޔުރިޓީ ފޫއަޅުވައިލި މައްސަލައިގައި އެމްޑީޕީ އާއި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ގިނަ ފަރާތްތަކަކުން ވަނީ އެމްއެންޑީއެފުން މުއުތަސިމަށް ފޯރުކޮށްދެމުންދާ ސަލާމަތީ ހިދުމަތް ވަރުގަދަ ކުރުމަށް ގޮވާލައިފައެވެ.