މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި 8 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހަސަން ޝަފްރާޒާއި އާމިނަތު ފާތީ ހޯދައިފިއެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން ޝަފްރާޒާއި ފާތީ ހޯދީ ނެޝަނަލް ބިލިއާޑް ސެންޓަރުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުތަކުން ކުރި ހޯދައިގެންނެވެ.

ފިރިހެން ޑިވިޝަންގެ ފައިނަލުގައި ޝަފްރާޒް ނުކުތީ އިސްމާއިލް ސުވައިދުއާ ދެކޮޅަށެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުން ޝަފްރާޒް މޮޅުވީ 9-8 ފްރޭމުންނެވެ.

އަންހެން ޑިވިޝަންގެ ފައިނަލުގައި އެމްޕީބީއޭ އަންހެން ރޭންކިންގެ އެއްވަނައިގައި އޮތް ފާތީ ނުކުތީ ދީނާ އަހުމަދާ ދެކޮޅަށެވެ. އެ މެޗުން ދީނާގެ މައްޗަށް ފާތީ ކުރި ހޯދީ 7-3 ފްރޭމުންނެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ އެ މުބާރާތުގައި ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް ތައްޓާއި އިނާމު ހަވާލުކޮށްދެއްވީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޗީފް ފައިނޭންޝަލް އޮފިސަރު އަލީ ވާސިފެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 64 ކުޅުންތެރިން އަދި އަންހެން ޑިވިޝަނުގައި 12 ކުޅުންތެރިޔަކު ވާދަކުރިއެވެ. އެ މުބާރާތަކީ ރޭންކިން މުބާރާތެއްކަމުން މުބާރާތުގައި ކުޅުންތެރިން ހޯދި ނަތީޖާތަކުން އެމްޕީބީއޭގެ ރޭންކިންއަށް ޕޮއިންޓު ލިބިގެންދާނެއެވެ. އެ މުބާރާތުގެ އިތުރުން ރޭންކިން މުބާރާތްތަކުގެ ގޮތުގައި މިއަހަރު ކުރިއަށް ރޭވިފައިވަނީ 10 ބޯލް ޗެމްޕިއަންޝިޕާއި 9 ބޯލް ޗެމްޕިއަންޝިޕެވެ.

އެމްބީޕީއޭ އިން މުބާރާތްތައް ފަށާފައި މިވަނީ ކޮވިޑާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން މުބާރާތްތައް ކެންސަލް ކުރުމަށްފަހުއެވެ. އޭގެ އިތުރުން ކޮވިޑު ކޮންޓްރޯލުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ވެސް ގިނަ ދުވަސްތަކެއް ވަންދެން ވަނީ ބިލިއާޑް ފެސިލިޓީތައް ބަންދުކޮށްފައެވެ.

ސަރުކާރުން ދިން ލުއިތަކަށްފަހު އެމްޕީބީއޭ އިން މުބާރާތްތައް ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެގޮތުން 8 ބޯލް ޗެމްޕިއަންޝިޕްގެ ކުރިން 8 ބޯލް އެސޯސިއޭޝަން ކަޕް ކުރިއަށް ގެންގޮސްފައިވެއެވެ. އެ މުބާރާތުގެ ފައިނަލުގައި މުހައްމަދު ޝަރީފް ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ހުސައިން ފަޔާޒެވެ.