ވާހަކަ

ޖޫދް - 27

ހަތާވީސްވަނަ ބައި

އަންބަރަށް ވާރިޝްގެ ކޯލެއް ލިބުނީ ދެހަފުތާ ފާއިތުވެގެން ދިޔަ ފަހުންނެވެ. އަންބަރް އެތައް ޝަކުވާއެއް ކުރިއެވެ. ވާހަކަދައްކަން ބޭނުންނުވާކަމަށް ބުނެ ކިތަންމެ ފަހަރަކު ފޯނު ބޭއްވިއެވެ. އެހެންނަމަވެސް ވާރިޝް ދުލެއް ނުކުރިއެވެ. ޖޫދުގެ އާއިލާގެ ބަރުބާދީއާ އެހާ ގާތްވެފައި ވަނިކޮށް ނާކާމިޔާބީގެ ތޮފި ބޮލަށް ވެއްޓިދާނެތީ އޭނާ ޖެހިލުންވިއެވެ. އެހެންކަމުން އޭނާގެ މަކަރުވެރިކަމުން ފުރިފައިވާ އޯގާތެރި ބަސްތަކުން އަންބަރް ހިތް ބަދަލުކުރިއެވެ. ދެރަވެފައި ކަމަށް ހެދިގެން ހުރެ އަންބަރްގެ ކައިރިން މައާފަށްއެދުނެވެ. އެހެންނަމަވެސް އޭނާއަށް އެއްކަމެއް ފާހަގަވިއެވެ. އަންބަރްގެ އަޑުގައި ކުރިން ހުންނަ ޖޯޝާ ފޯރި ނެތްކަމެވެ. ލޯތްބާއި ކެތްމަދުކަން ނެތް ކަމެވެ. އެހެންކަމުން އޭނާ މަސައްކަތްކުރީ އަންބަރާ ވަކިން ބައްދަލުކުރާށެވެ.

ކައްކަން ހުރި ނޫޑްލްސް ތެލީ މަތިގަނޑު ބާއްވާލާފައި ސީނާ ބަލައިލީ ރިކްޒާގެ ކޮޓަރިއާ ދިމާލަށެވެ. ހަޑިވެފައި ހުރި ތަށިތައް ހުރި ޒިންކަށް ނަޒަރެއްދީފައި އަނެއްކާވެސް އޭނާ ރިކްޒާގެ ކޮޓަރިއަށް ބަލައިލިއެވެ. ފަހަކަށް އައިސް ރިކްޒާ އަބަދު ކޮޓަރީގައި އޮންނަކަން ސީނާއަށް ފާހަގަވިއެވެ. ގޭތެރޭގައި ހުރިހާ މަސައްކަތްތަކެއް ކުރަން ޖެހުމުން ސީނާ ހުންނަނީ ރުޅިގަދަވެފައެވެ. އެންމެފަހުން އުނދުން ނިއްވާލާފައި އޭނާ ރިކްޒާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

ފާހާނާއިން ނުކުތް ރިކްޒާގެ ނަޒަރު ދޮރުހުޅުވާލައިގެން ހުރި ސީނާއަށް ހުއްޓުނެވެ. ރިކްޒާގެ މޫނުމަތި ކުލަވަރު ބަދަލުވެގެން ދިޔައެވެ. މޫނުގައި ފެން އުނގުޅައިގެން ހުރިއިރު އޭނާގެ ދެލޮލުގައި ވަރުބަލިކަމެއް ވިއެވެ. ގައިގައި އެއްވެސް ވަރެއް ނެތް މީހެއް ފަދައިން އެއްލެމުން ގޮސް އޭނާ އެނދުގައި އިށީނެވެ. ކިތަންމެ ހަރުކަށި ކަމެއް ދެއްކި ނަމަވެސް ހުރި ހަމައެކަނި ދަރިފުޅު އެހާލުގައި ފެނުމުން ސީނާގެ ލަގޮނޑިއަށް ބާރުވެލިއެވެ. ކަންބޮޑުވެފައި ހުރެ އޭނާ ރިކްޒާއާ ދިމާލަށް ދިޔައެވެ.

"ކިހިނެއްވީ؟" ސީނާ އެހިއެވެ. ބަލީތަ؟"

ރިކްޒާ ދެފަރާތަށް ބޯހޫރާލިއެވެ.

"މީނަ އަދި ކަމެއް ވިޔަސް ނުބުނާނެ. ބަލަ ކަލޭގެ ބަފާ ހަޅޭއްލަވާނީ މަށާ ދިމާލަށޭ. ކަމެއް ވިޔަސް އަހަރެން ކައިރީގައި ބުނީމަ ދޯ އެނގޭނީ" ސީނާ ވާހަކަދެއްކިއެވެ. އޭނާގެ އަޑު ބާރަސް ކުރިން ހުންނަ ކަހަލަ ހަރުކަށި ކަމެއް ނެތެވެ.

"އަހަރެން ބައްޔެއްނޫން. ގައިގައި ވަރެއްނެތީ" ރިކްޒާ ބުންޏެވެ.

"ވަރެއް ނުހުންނާނެއްނު. ހެނދުނު ސައިވެސް ބުއީކީ ނޫން" ސީނާ ހަޅޭއްލެވިއެވެ.

"މިގޭ ހުންނަ އެއްޗެހި ހާދަ ނުބައޭ" ރިކްޒާ އަނގަ ހަދާލިއެވެ.

"ނުބައޭ. ހެވެއްނު. އުމުރުން ތިހާ ދުވަސްވީމަތަ އެނގުނީ އަހަރެން ރޯފިލުވާ އެއްޗެހި ނުބައިކަން" ސީނާ ވާހަކަދެއްކިއެވެ. "އަހަރެން މިއަންނަނީ ކާއެއްޗެއް ހިފައިގެން. ކައިގެން ޑޮކްޓަރަށް ދައްކަން ދާން ތައްޔާރުވޭ" ސީނާ ބުންޏެވެ. އޭނާ ކޮޓަރިން ނުކުމެގެން ދިޔައީ ރިކްޒާ އެކަމަށް އިންކާރު ކޮށްކޮށް އޮއްވައެވެ.

ކަލަންޑަރުގެ ގަނޑުތައް ފަހަތަށް އުކެމުން ދިޔައެވެ. އެތައް ބައެއްގެ ހަޔާތް އެގޮތް މިގޮތަށް ބަދަލު ކުރަމުންނެވެ. އެކަލާނގެ އިރާދަކުރެއްވި އަޅެއްގެ ހަޔާތަށް އުފާވެރިކަން ގެނުވަމުންނެވެ. ހަމަ އެފަދައިން އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ކުރިމަތިކުރައްވާ އިމްތިހާނު އިތުރުކުރަމުންނެވެ. ޖޫދު އެއީ އޭގެތެރެއިން އެކަކެވެ. ހަ މަސް ދުވަސް ފާއިތުވެގެން ދިޔައިރު އޭނާ ކުރަމުންދިޔަ އިންތިޒާރަށް އެންމެ އެދެވޭ ބަދަލެއް ނައެވެ. އެހެންނަމަވެސް އޭނާ ކެތްތެރިވިއެވެ. ފާއިތުވެގެން ދިޔަ ދުވަސްތަކަށް ވުރެ ބޮޑަށް އަންބަރަށް އޯގާތެރިވާން އޭނާ ނިންމިއެވެ. ހަ މަސްދުވަސް ތެރޭގައި އަންބަރަށް އައި އެންމެ ރަނގަޅު ބަދަލަކީ އޭނާ ޖޫދުގެ ކުރިމަތީގައި ކުރާ ޒުވާބު ހުއްޓާލުމެވެ.

އެހެންނަމަވެސް ޖޫދުގެ ހަށިގަނޑަށް ބޮޑު ބަދަލެއް އައިސްފިއެވެ. ހިކި އިލޮށްޓެއްހެން ހުރި ހަށިގަނޑުގައި މަސްޖަހާލައިފިއެވެ. އަތާއި މޭމަތީގެ މަސްތައް ވަރުގަދަ ވެއްޖެއެވެ. ބަނޑުގައި ގޮޅި ޖަހަމުން އައިއިރު އެ ބަދަލު އަންބަރަށް ވެސް ފާހަގަވެއްޖެއެވެ. އޭނާގެ ހަށިގަނޑަށް އެހާ ބޮޑު ބަދަލެއް ގެނައީވެސް އަނބިމީހާގެ ސަމާލުކަން ހޯދުމަށެވެ. އާއިލާ އާއި އެކުވެރިޔާގެ އެހީތެރިކަމާއެކުގައެވެ.

އެނދުމަތީގައި އިށީނދެގެން އިން ސުމައްޔާގެ އުނގުގައި ބޯއަޅައިގެން އަންބަރް އޮތެވެ. ސުމައްޔާ ވާހަކަދައްކަމުން ދިޔަސް އަންބަރްގެ ހިޔާލާ ފިކުރު ވަނީ މުޅިން އެހެން ކަމަކަށް ދެވިފައެވެ. އޭނާގެ ކަންފަތަށް އިވެމުން ދިޔަ ހިތްގައިމު އަޑަށް މުޅި ނަފުސު ދޫކޮށްލައިގެން އޮތްއިރު ވަށައިގެން ހިނގާ އެއްވެސް ކަމަކަށް އޭނާގެ ޝައުރުވެރިކަމެއް ނެތެވެ.

"ދަރިފުޅު އަޅެ އުފަލެއް ނުވޭތަ؟" ސުމައްޔާ ބުންޏެވެ. އަންބަރް ޖަވާބެއް ނުދެއެވެ.

"މަންމަ އެބަ އަންނަން އެކުދިންނަށް ޖޫސް ގެންގޮސްދީފައި" އުނގުމަތީގައި އޮތް އަންބަރްގެ ބޯ ހިއްލާލާފައި ބާލީސް މަތީގައި ބާއްވަމުން ސުމައްޔާ ބުންޏެވެ.

ސުމައްޔާ ދިޔުމުން އަންބަރް ތެދުވިއެވެ. މަޑުމަޑުން ހިނގާލާފައި އޭނާ ކޮޓަރިން ނުކުމެގެން ގޮސް ހާތިމް ގުރުއާން ކުލާސް ހިންގާ ބައިގެ ދޮރުމަތީގައި ހުއްޓިއްޖެއެވެ. އޭނާގެ ކަންފަތަށް އިވެމުންދިޔަ ގުރުއާނުގެ މޫރިތިވި އާޔަތްތައް ޖޫދުގެ ދުލުން ބޭރުވަމުން ދިޔައިރު އޭނާ އެމަންޒަރު ހަމަލޮލުން ދެކިލަން ބޭނުންވީއެވެ. މޭޒު ކައިރީގައި އިށީނދެގެން އިން ޖޫދުގެ އެއް އަރިމަތިން އޭނާއަށް ފެނުނަސް ހާތިމް ނުވަތަ ޖޫދަށް އޭނާ އެތަނުގައި ހުއްޓާ ފެނިދާނެތީ އޭނާ ހުރީ އެކަމަށް ހުޝިޔާރު ވެގެންނެވެ. އެހެންނަމަވެސް އޭނާ އެތަނުގައި ހުރިތަން ފަހަތުގައި ހުރި ސުމައްޔާއަށް ފެނިއްޖެއެވެ. ގުރުއާން އިވޭ ހިސާބުގައި އަންބަރް މަޑުކޮށްލައިގެން ހުއްޓާ ފެނުމުން ސުމައްޔާއަށް ލިބުނީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެކެވެ. ސުމައްޔާއަށް ނޭނގުނީ އަންބަރް އެތަނުގައި މަޑުކޮށްލައިގެން ހުރީ ޖޫދުގެ ގުރުއާން ކިޔަވާ ރާގުގެ ޖާދޫގައި ޖެހިފައިކަމެވެ. ޖޫދު ބަލާލަން އުޅޭހެން ހީވުމުން އަންބަރް ނިވާވެލިއެވެ. ސުމައްޔާ ބަދިގެ ތެރެއަށް ދެމިގަތެވެ.

މަޑުމަޑުން ހިނގާފައި އަންބަރް އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެނދުގައި އިށީނދެފައި ދެއަތްތިލަ ބޭއްވީ އުނގުގައެވެ. ވިސްނުމަކަށް ގެއްލިފައި އިންނަ މީހަކު ފަދައިން އޭނާއަށް އިނދެވުނީ ކޮޓަރީގެ ދޮރާ ދިމާލަށް ބަލަހައްޓައިގެންނެވެ. އޭރުވެސް އޭނާއަށް ޖޫދު ގެ ކިޔެވުމުގެ އަޑު އިވިއިވި ހުއްޓެވެ. ކުއްލިއަކަށް އޭނާއަށް ކޯތާފަތުގައި އަތްހާކާލެވުނީ ދެފަރާތު ކޯތާފަތްމަތިން ހިންޏެއް ހިރޭ ކަހަލަ އިހުސާސެއް ކުރެވުމުންނެވެ. އެހެންނަމަވެސް އިނގިލިތަކުގައި ފެނުގެ ތެތްކަން ޖެހި އޭނާއަށް އިނގިއްޔަށް ބަލައިލެވުނެވެ. ދެއަތުން ކަރުނަތައް ފޮހެލާފައި އޭނާ ގޮސް ހުއްޓުނީ އެކޮޓަރީގައި ހުރި އޭނާގެ ބޮޑު އަލަމާރި ކައިރީގައެވެ. އަލަމާރި ހުޅުވާލިގޮތަށް އޭނާ އެތެރޭގައި ހުރި ވަތްގަނޑެއް ހުޅުވާލިއެވެ. އެ ވަތްގަނޑު އޭނާ ނުހުޅުވާތާ އެތައް އަހަރެއް ވެއްޖެއެވެ. މިއަދު އެ ވަތްގަނޑު އޭނާ ހުޅުވާލީ ކީއްވެގެން ކަމެއް ހުދު އޭނާއަށް ވެސް ނޭނގެއެވެ.

އެއްވެސް ވަރަކަށް ބޭނުންނުކޮށް ފޫ ޖަހާފައި އޮތް މުސްހަފުގައި އޭނާ ހިފިއެވެ. ތުރުތުރު އަޅަމުން ދިޔަ ދެއަތުން އެ ފޮތް ނަގާފައި ހުޅުވާލިއެވެ. ދެން އިރުކޮޅަކު އެ ފޮތް ލައްޕާލިއެވެ. ކުއްލިއަކަށް އޭނާ ހަނދާންވީއެވެ. އެފޮތުގައި އޭނާ ބީހެން ޖެހޭނީ ވުޟޫކޮށްގެންނެވެ. އެހެންނަމަވެސް ފާހާނާއަށް ވަދެ ވުޟޫކުރާހިތެއް ނުވިއެވެ. އަލުން އައިސް އިށީނދެފައި އޭނާ ވިސްނާލިއެވެ. އެ ގުރުއާނަކީ ކޮންމެ މީހަކުވެސް ކިޔަވަން ޖެހޭނެ ފޮތެކެވެ. ޖޫދު ފަދައިން އޭނާއަށް ވެސް ރީތިކޮށް ކިޔެވިދާނެއެވެ. އެހެންނަމަވެސް ހިތާމައަކީ އޭނާއަށް ކިޔަން ނޭނގޭ ކަމެވެ. ހިތާމަ ހުއްޓެވެ. އެހެން ހިތަށް އެރުމާއެކު އަންބަރަށް ރޮވިއްޖެއެވެ. ތެދަށް ބުނަންޏާ ބުނެވޭނީ އަކުރުތައް އެއްކޮށްގެން އޭނާއަށް ކިޔަން ނޭނގޭ ކަމެވެ. ނުވަތަ ނުކިޔަވާތާ ގިނަ ދުވަސް ވުމުން އޭނާއަށް އެ އަކުރުތަކަށް ބީރައްޓެހި ކަމެވެ.

ތަށިތައް ގާތް ކުރުމުގައި އުޅުނު ސުމައްޔާ ކޮޓަރީގައި އުޅުނު އަންބަރް ގޮވައިގެން އައިސް މޭޒު ކައިރީގައި އިށީނެވެ. ހާތިމް އާއި ޖޫދު އެއްފަރާތުގައި ތިބިއިރު އަނެއްފަރާތުގައި ތިބީ ސުމައްޔާ އާއި އަންބަރެވެ.

"ބައްޕަ ބުނީ ޒަހާގެ ފަޔަށް އެހެން ގޮތަކުން ބޭހެއް ހަދަން ނުވިސްނަންތަ؟" ހާތިމް އެހިއެވެ.

"ނޫން. މަންމަ ގޮވައިގެން ބޭހަކަށް ދާން އެބަ ވިސްނަން" ޖޫދު ބުންޏެވެ.

"ކީކޭ ޑޮކްޓަރުން ބުނަނީ؟"

"ޑޮކްޓަރުވެސް އެބުނަނީ މިހާރު ވަރަށް ބޮޑުތަން ރަނގަޅު ކަމަށް. ބަރާބަރަށް ކައުންސެލިންއަށް ދާން ދޯ އުނދަގުވާނީ" ކައިރީގައި އޮތް ރަށަށް ނީލަމް ޑޮކްޓަރަށް ދައްކާފައި ރަށަށް އާދެވުނީ ހަމަ ދެންމެއެވެ. ބަނދަރުމަތިން ހިނގާފައި ދެކުދިން ދިޔައީ ގެއާ ދިމާލަށެވެ.

"އޭނަ ބުންޏެއްނު ވީޑިޔޯ ކޯލްވެސް އޯކޭއޭ. އަހަރެންނަށް ނިމުނީ ލިބާއަށް ވަންޏާ އެގަޑިތަކުގައި އަހަރެން ކައިރީގައި ހުންނަނިކޮށް" ނީލަމް ބުންޏެވެ. ކުރިއަށް ހިނގަ ހިނގާ ހުރެފައި އިރުކޮޅަކާ އަލިޝްބާ ފަހަތަށް ބަލާލާކަން ނީލަމްއަށް ފާހަގަވިއެވެ. އެންމެފަހުން އޭނާ އަލިޝްބާގެ އަތުގައި ހިފައިފިއެވެ.

"ފަހަތުން ކޯޗެއް ފެންނާތީ އެވަރަށް ތިބަލަނީ" ނީލަމް ބުންޏެވެ. ނީލަމް އެނބުރެން އުޅެނިކޮށް އަލިޝްބާ ނީލަމްގެ އަތުގައި ހިފައިފިއެވެ.

"ނުބަލައްޗެ. އޭނައަށް ހީވެދާނެ އަހަރެމެން ދެމީހުން ސެޓުވަނީއޭ އެނބުރި ބެލީމަ" އަލިޝްބާ ބުންޏެވެ. ދެކުދިން ފިޔަވަޅުތަކަށް ބާރުކޮށްލިއެވެ. ވަކި ހިސާބަކަށް ދެވުނުއިރު ދެމީހުންނަށް ވެސް މާނެވާ އެޅެން ފަށައިފިއެވެ.

"އަދިވެސް އެބަ އާދޭތަ؟" ނީލަމް އެހިއެވެ. އަލިޝްބާ ފަހަތް ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. ފަހަތުގައި ހުރި މީހާ މިހުރީ އަތްދިއްކޮށްލައިފިއްޔާ އަތުގައި ޖެހޭހާ ކައިރީގައެވެ. އަލިޝްބާއަށް އަޑުގަދަވެސް ކޮށްލެވުނީ ސިހުނު ވަރުންނެވެ. ނީލަމް ޖެހިލުންވެފައި ފަހަތަށް އެނބުރި ބަލައިލިއެވެ.

"އައްމާރު" އަލިޝްބާ އަޑުގަދަކޮށްލުމުން ފަހަތުގައި ހުރި އައްމާރު އެއްފަރާތުން އައިސް ނީލަމް ކުރިމައްޗަށް އަރައިފިއެވެ. އެހިނދު ނީލަމްއަށް ޖެހުނީ މަޑުޖެހޭށެވެ. އެފަދަ ގޮތަކަށް އައްމާރު އޭނާގެ ފަހަތުން އައިސްދާނެ ކަމަކަށް އޭނާ ހީކޮށްފައެއް ނެތެވެ.

"އައްމާރު..." އަލިޝްބާ މަޑުމަޑުން އެ ނަން ކިޔާލިއެވެ. އޭނާ ހަނދާންވެއްޖެއެވެ. ނީލަމް އެބުނާ އައްމާރަކީ މިއީ ހެއްޔެވެ؟ ފަހަތުން އޭނާ އެ އައީ ނީލަމް ހުރީމަ ހެއްޔެވެ؟ ވަރަށް ފަރުވާތެރިވެ އަލިޝްބާ އައްމާރަށް ބަލައިލިއެވެ.

"ނީލަމް، އަހަރެން ވާހަކަދައްކާލަން ބޭނުން" އައްމާރު ބުންޏެވެ. ނީލަމް ބަހެއް ނުކިއިއެވެ. އޭނާ ކުރިއަށް ހިނގައިގަތެވެ. އައްމާރު ނީލަމްއާ އެއްވަރަށް ހިނގަމުން އައެވެ. މޫނުބުރުގާ އަޅާފައި ތިބި ދެ އަންހެނުން ފަހަތުން އެގޮތަށް އޭނާ އަންނަ މަންޒަރު ފެނި މީހުން ބަލާނެކަން އެނގޭއިރުވެސް އޭނާގެ ފަރުވާލެއް ނެތެވެ. އޭނާއަށް އެންމެ މިނިޓެއްވެސް ލަސްކުރެވޭކަށް ނެތެވެ.

"މިއީ މަގުމަތި. ލަދެއްވެސް ނުގަނޭތަ ތިހެން ފަހަތުން އަންނަން" ބާރަށް ހިނގަމުން ދިޔަ ނީލަމް ބުންޏެވެ.

"އަހަރެން ލަދެއް ނުގަނޭ" އައްމާރު ބުންޏެވެ. "ޕްލީޒް އެހާ ގިނަ ވަގުތެއް ނުނަގާނަމޭ. ކުޑަ އިރުކޮޅެއް" އައްމާރު ބުންޏެވެ. ނީލަމް އެއްބަހެއް ނުވިއެވެ. ދެމީހުން ދައްކަމުން ދިޔަ ވާހަކަތަކާއި ހަރަކާތްތައް ކައިރީގައި ހުރެގެން އަލިޝްބާ ތަހުގީގު ކުރަމުން ދިޔައެވެ. އެންމެފަހުން އޭނާ ނީލަމްގެ އަތުގައި ހިފައި ހުއްޓުވައިފިއެވެ.

"މީހަކު އެއްޗެކޭ ބުނަން އުޅެންޏާ އަޑުއަހާލުމަކުން މައްސަލައެއް ނެތެއްނު. މައްސަލައަކަށް ވާނީ ހިލޭ ފިރިހެނެއް ކައިރީގައި އެކަނި ހުންނަން. އަހަރެން މިހުރީނު" އަލިޝްބާ ބުންޏެވެ. ނީލަމް ދެފަރާތަށް ބޯހޫރާލިއެވެ.

"އަހަރެން ނީލަމްއާ ވާހަކަދައްކާލަން ބޭނުމީ. އަހަރެންނަށް ހެޔޮ ކިތަންމެ ގިނަ މީހުނެއް ތިއްބަސް. މަގުމަތީގައި މިހެން އުޅެން އަހަރެންވެސް ލަދުގަނޭ. އަހަރެން ނީލަމް އުޅޭ ގެއަށް ގޮސްދާނަން. ގަޑިއެއް ބުނޭ" އައްމާރު ބުންޏެވެ. ނީލަމް ޖަވާބެއްނުދިނެވެ.

ފަހަރަކު މީހެއް މޫނަށް ބަލަން ހުރެފައި އަލިޝްބާ އެންމެފަހަށް އައްމާރަށް ގަޑިއެއް ދީފިއެވެ.

މައިންބަފައިން ތިބިއިރު ތިބިގެ ދޫކޮށްލާފައި ކުރިން އުޅުނު ގެއަށް އައްމާރު ވަނީ އޭނާގެ ދިރިއުޅުން ބަދަލުކޮށްފައެވެ. ކައިވެންޏަށް ދެކޮޅުހަދާ ދުވަހަކުވެސް މައިންބަފައިންގެ ކުރިމަތީގައި އޭނާ ނުދައްކާ ހަރުކަށިކަން ދައްކައިފިއެވެ. ހަމައެކަނި ނީލަމަށްޓަކައިއެވެ. ރަށުން ފުރައިގެން މައިންބަފައިން ދިޔައީ އައްމާރުގެ އެ އަމަލުތަކުގެ ސަބަބުން ހިތުގައި ޖެހިގެން ކަން އޭނާއަށް އެނގެއެވެ. އޭނާވެސް ދެރަވެއެވެ. އެހެންނަމަވެސް ހަޔާތުގެ ބައިވެރިޔާ ހޮވަން ޖެހޭނީ އެމީހަކު އަމިއްލައަށެވެ. މައިންބަފައިން އެކަމަށް ފާޑުކިޔަން ޖެހޭނީ އެއީ ކޮންކަހަލަ އަހުލާގެއްގެ ކުއްޖެއްތޯ ބަލައިފައެވެ. މަރުވާނެކަން ޔަގީންވާ ފަދައިން އޭނާއަށް ނީލަމަކީ ރަނގަޅު އަހުލާގެއްގެ ކުއްޖެއްކަން އެނގެއެވެ.

ސޯފާގައި އިށީނދެގެން އިނދެފައި އައްމާރު މޫނުގައި ހުރި އުދާސްތައް ދެއަތުން ފޮހެލިއެވެ. ބައްދަލުކުރަން ނީލަމް އެއްބަސްވީތީ އެކަމުގެ ހިތްހަމަޖެހުން އޭނާގެ ހިތުގައިވިއެވެ. އެހެންނަމަވެސް ހަގީގީ ހިތްހަމަޖެހުން ނުލިބުނެވެ. މައިންބަފައިންގެ ބަދަލުވެފައިވާ މިޒާޖުގެ ސަބަބުންނެވެ. ޖީބުގައި އޮތް ފޯނު ނަގާފައި އޭނާ ހުދާގެ ނަންބަރަށް ގުޅިއެވެ. ފޯނަށް ޖަވާބު ދިނީ ތިންވަނަ ފަހަރަށް ގުޅުމުންނެވެ.

"މަންމާ، އަދިވެސް ރުޅިއައިސްފަތަ؟" ހުދާގެ އަޑު އިވުމާއެކު އައްމާރު އެހިއެވެ.

"މަންމާ ޕްލީޒް. އެކަމާ އެހާ ބޮޑަށް ނުވިސްނަބަލަ. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަރަށް އަވަހަށް މެރީކުރާނަމޭ. ތިބުނާ ހާނީ އަކީ ރަނގަޅު ކުއްޖެއްނޫން ކަން މިރަށު ރައްޔިތުން އެއްބަސްވޭ. އެއީ މިރަށުގައި ހުރި ޑޮކްޓަރު ކަމުގައި ވިޔަސް އުޅުން ވަރަށް ގޯސް" އައްމާރު ވާހަކަދެއްކިއެވެ. ހުދާ ކައިރީގައި ހާނީއާ ބެހޭގޮތުން ކުރިން ދައްކާފައި ނުވާ ވާހަކަތައް އޭނާ ކިޔައިދިނެވެ. ހާނީއާ ގުޅިގެން ޔޫނުސް ދައްކާފައި ހުރި ހުރިހާ ވާހަކަތައް ކިޔައިދިނެވެ.

"ބައްޕަ ކައިރީގައި ބުނެދެއްޗޭ އަޅުގަނޑަށް ގުޅާލަދިނުމަށް" އައްމާރު ފޯނު ކަނޑާލިއެވެ. ބަނޑުހައިހޫނު ކަމުގެ އިހުސާސްވެސް އޭނާއަށް ވީ އަދި ކިރިޔާއެވެ. ބަނޑުގައި އަތްހާކަމުން އޭނާ ވަނީ ބަދިގެއަށެވެ. ލައިގެން ހުރި ގަމީހުގެ އަތްކުރި އޮޅާލަމުން އޭނާ ނޫޑްލްސް ކައްކަން ތައްޔާރުވެލިއެވެ.

ގެއަށް ދިޔުމަށް ގޭ ދޮރުމައްޗަށް ނުކުތްގޮތަށް ޖޫދު އަންބަރަށް ބަލައިލިއެވެ. އޭނާއާ އެކު ސައިކަލުގައި އަންބަރް ގެއަށް ގެންދަން ބޭނުންވިޔަސް އެހެން ބުނާކަށް ނުކެރުނެވެ. އަދިވެސް އެ ދެމެދުގައި ވަނީ ބީރައްޓެހިކަމެވެ. އަންބަރް ޒުވާބުކުރަން ނޫޅޭތީ ފަހަކަށް އައިސް މަޖަލަކަށްވެސް އަންބަރަށް އެއްޗެއް ބުނަން ޖޫދަށް ނުކެރެއެވެ. އަންބަރް ކުރިއަށް ހިނގައިގަތީ އެއްވެސް އެއްޗެއް ބުނުމެއް ނެތިއެވެ. ޖޫދު ސައިކަލަށް އަރާފައި އަންބަރްގެ ފަހަތުން މަޑުމަޑުން ދުއްވަމުން އައެވެ. ވަކި ހިސާބަކުން އޭނާ މަޑުޖެހިލީ މަގުމަތީގައި މާރާމާރީ ހިންގަމުން ދިޔަ ދެމީހަކު ހުއްޓުވަން މަޖުބޫރު ވެގެނެވެ. އެކަން ހަމަޔަކަށް އަޅުވާފައި އޭނާ ސައިކަލަށް އެރިއިރު އަންބަރް ފެންނާކަށް ނެތެވެ. އެހާއިރުވީއިރު އަންބަރް ގެއަށް ވަދެފާނެކަމަށް އޭނާ ޔަގީންކުރިއެވެ.

ލިފްޓް ހަލާކުވެފައި ހުރެގެން އަންބަރް ދިޔައީ ސިޑިއާ ދިމާލަށެވެ. ސިޑި ގޮޅިއާ ދިމާލުން މީހަކު އޭނާގެ އަތުގައި ހިފައި ދަމައިގަތެވެ. ސިހިފައި އަންބަރްގެ އަނގައިން އަޑެއް ނިކުތެވެ. އެއީ ވާރިޝް ކަން އެނގުމުން އޭނާ މައިތިރިވިއެވެ. ދުވާލުގެ ވަގުތުގައި ވާރިޝް އެފަދަ ގޮތަކަށް އުޅުމުން ހިތްހަމަނުޖެހުނެވެ.

"އައި މިސްޑް ޔޫ" އަންބަރްގެ ގައިގައި ބައްދާލަމުން ވާރިޝް ބުންޏެވެ. ކުރިއާ ހިލާފަށް އަންބަރްގެ ފަރާތުން އެއްބާރުލުމެއް ނުލިބުނެވެ.

"ކިހިނެއްވެފައި ތި ހުންނަނީ. އަހަރެން ފެނުނީމަ އުފަލެއްވެސް ނުވޭތަ؟" އަންބަރްގެ މޫނުގެ ދެފަރާތުގައި ދެއަތުން ހިފާލަމުން ވާރިޝް ބުންޏެވެ.

"ވާރު މިގަޑީގައި މިތަނަށް ތިއައީ ކީއްކުރަން. މިއީ ދުވާލު ގަޑިކަންވެސް ހަނދާންނެތުނީތަ؟" ވާރިޝްގެ ދެއަތް މޫނުން ނައްޓުވާލަމުން އަންބަރް ބުންޏެވެ. އަންބަރްގެ އަޑުގައި ރުންކުރު ގޮތެއް ހުއްޓެވެ.

"އަންނަން ޖެހުނީމަ އަންނާކަށްނު ޖެހޭނީ" ވާރިޝް ބުންޏެވެ. "ބަލާބަ ފޯނު އަހަރެން ގުޅާފައި އޮތްވަރު"

ފޯނަށް ބަލާލާފައިވެސް އަންބަރް އަޅައެއްނުލިއެވެ. ވާރިޝް ގުޅިކަން އޭނާއަށް އެނގެއެވެ. އެ ފޯނަށް ޖަވާބު ނުދިނީ ހަމަ ގަސްތުގައެވެ.

"ދެން ދޭ. އަހަރެން ބިރުގަނޭ" އަންބަރް ބުންޏެވެ

"އަހަރެން ބުނާތަނަކުން ބައްދަލުކުރަން އެއްބަސްވީމަ ދާނީ" ވާރިޝް ބުންޏެވެ. އަންބަރް ޖަވާބެއްނުދިނެވެ.

"މިހާރު ޖޫދު އަންނާނެ. ދޭ" އަންބަރް ބުންޏެވެ.

"އެއްބަހެއް ނުވަމެއްނު. ކިހިނެއްވެފަ ތިހުންނަނީ. އަހަރެންނާ ބައްދަލުކުރާހިތް ނުވަނީތަ؟" ވާރިޝް ބުންޏެވެ. "އެބައޮތް ވަރަށް އުފާވެރި ހަބަރެއްވެސް އިބާއަށް ދޭން"

"އަހަރެން ވިސްނާނަން" އެހެން ބުނެފައި ސިޑިން އަރައިގެން އަންބަރް ދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ. އެދިމާ ބަލަހައްޓައިގެން ހުރެފައި ވާރިޝް ނުކުމެގެން ހިނގައްޖެއެވެ.

ކުޑަކޮށް ފޭވެފައި ހުރި ދޮރުން އެނދުގައި އިން ޒަހާ އަންބަރަށް ފެނުނެވެ. އޭނާ ދޮރާ ކުޑަކޮށް ކައިރިވެލާފައި ބަލައިލިއެވެ. ދެފައި ދަމާލައިގެން އެނދުގައި އިންއިރު އެއްއަތުން ބަލި ފައިގައި ތެޔޮ އުނގުޅަމުން ދިޔައެވެ. ޒަހާގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރުން އޭނާއަށް ވޭނެއް އިހުސާސްވަމުން ދިޔަކަން އަންބަރަށް އެނގުނެވެ. އޭނާ ދޮރުހުޅުވާލާފައި އެތެރެއަށް ވަނެވެ. ހެދުން ރީތިކޮށްލާފައި ޒަހާ އަންބަރަށް ހިނިތުންވުމެއް ދިނެވެ. އަދި އަތުގައި އޮތް ތެޔޮފުޅި މަތިޖަހާފައި އަރިމަތީ ކަބަޑުމަތީގައި ބެހެއްޓިއެވެ.

"އިބާ، ދަރިފުޅު ކަމަކުތަ؟" ޒަހާ އެހިއެވެ. އަންބަރް އެނދާ އަރައި ހަމަވުމުން ޒަހާ ހިފީ އަންބަރްގެ އަތުގައެވެ. ކުޑަކޮށް އެތެރެއަށް ޖެހިލާފައި އޭނާ ގާތުގައި އަންބަރް ބައިންދައިފިއެވެ.

"ވަރަށް ތަދުވޭތަ ފަޔަށް" އަންބަރް އެހިއެވެ.

"ހުރޭ ރިހުމެއް. އެދެން އަބަދުވެސް ހުންނަ ރިހުމެއް" ޒަހާ ބުންޏެވެ.

"އަޅުގަނޑަކަށް ނޭނގޭ ފައިގައި ތެޔޮ އުނގުޅާކަށް. އެކަމަކު ވަރަށް ރަނގަޅު ދިވެހި ބޭހެއް ކުރާ މީހެއް އަޅުގަނޑަށް އިނގޭ" އަންބަރް ބުންޏެވެ. ޒަހާއަށް ހެވުނެވެ. ހިތްހަމަވެސް ޖެހުނެވެ. އެނޫނީ އޭނާގެ ބަލިހާލަތާ ގުޅިގެން އަންބަރް ކަންބޮޑުވުން ފާޅުކޮށްފައެއް ނެތެވެ.

"އެހެންތަ. ދެން މަންމަ ފަޔަށް ބޭހެއް ކުރަން އެމީހަކު ގެންނަންވީނުން" ޒަހާ ބުންޏެވެ. އަންބަރް ބޯޖަހާލިއެވެ.

ވަގުތަށް އައި ބަދަލާއެކު އަންބަރްގެ ހިތުން ޒަހާއަށް މައެއްގެ ދަރަޖަ ދީފިއެވެ. ސުމައްޔާ އާއި ޒަހާ އޭނާގެ ކުރިމަތީގައި ތަފާތެއް ނެތެވެ. އޭނާއަށް ނޭނގި ހުއްޓާ އޭނާގެ ހިތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ.

"ކޯޗެއް ތިވިސްނަނީ؟" އަންބަރް ހިޔާލަކަށް ގެއްލިފައި އިނުމުން ޒަހާ އެހިއެވެ. އަންބަރް ޒަހާއަށް ބަލައިލިއެވެ. ހަމަ އެހާ އަވަހަށް އިސްތިރިކޮށްލިއެވެ. ދެލޮލުގައި ފުރި ބާރުވެފައި ހުރި ކަރުނަތައްވެސް އޮހިގަތީ ހަމަ އެވަގުތުގައެވެ.

"ނޭނގެ މަންމާ. ހަމަ ރޮވެނީ. އެއްވެސް ކަމަކާ ނުލާ ވެސް ރޮވެނީ" އަންބަރް ބުންޏެވެ. "އަބަދު ދެރަވެފައި ހުންނަނީ. ހިތަށް ހިތްހަމަޖެހުމެއް ނުލިބޭ"

(ނުނިމޭ)