ކ. ހިންމަފުށީ ބަނދަރު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.
އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓިީސީސީން މިއަދު ބުނީ ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށާއި އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ޑިސެމްބަރު 29، 2019 ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން 28،760 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 38 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ބޭރުތޮށި ލުމާއި 287 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 172 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން ހިމެނެއެވެ.
އޭގެ އިތުރުން 772 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ހަތަރު ނެރުބައްތި ހަރުކުރުމާއި 11 ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 25.8 މިލިއަން ރުފިޔާއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު