ޚަބަރު

ފެހި ފުޅި ދުކޮށްލައި ސްޕްރައިޓް އެތެރެ ފެންނަ މާ ސާފު ޗާލު ފުޅިއެއްގައި

ރިފާ ހަލީލު

ސްޕްރައިޓުން އެ ބްރޭންޑުގެ މަޝްހޫރު ފެހި ކުލައިގެ ފުޅި ދޫކޮށްލައި އެތެރެ ފެންނަ، ސާފު ފުޅިއަކަށް ބަދަލުކޮށްފި އެވެ.

މިއީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ކޮކާ-ކޯލާ ބްރޭންޑުގެ އުފެއްދުންތައް 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެކޭޖިން އަށް ބަދަލުކުރުމަށް ކޮކާ-ކޯލާ އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ.

ކޮކާކޯލާއިން ބުނީ ސާފު ސްޕްރައިޓް ފުޅި ރާއްޖޭގައި ރަސްމީކޮށް ނެރުނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. އަދި ތަކެތި ބަންދުކޮށްފައި ހުންނަ ޕެކޭޖިން ކުންޏަށް އުކާލުން އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ކާރިސާ ހައްލުކުރުމުގައި ކޮކާ-ކޯލާގެ ޒިންމާއެއް އޮތް ކަމުގައި ދެކޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެހެންކަމުން، 2018 ގައި ކޮކާ-ކޯލާ އިން ވަނީ "ވާލްޑް ވިތައުޓު ވޭސްޓް"ގެ ނަމުގައި ދެމެހެއްޓެނިވި ޕެކޭޖިން އަށް ބަދަލުކުރުމަށް ޓަކައި ހާއްސަ މަޝްރޫއެއް ފަށާފަ އެވެ. ޕެޓް ފުޅި އާއި ބަންދުކުރަން ބޭނުންކުރާ ތަކެއްޗަކީ، ޕްލާސްޓިކް އުފެއްދުންތަކުގެ ތެރެއިން އެންމެ ލުއި އަދި އެންމެ ފުޅާދާއިރާއެއްގައި ރީސައިކަލް ކުރާ ބާވަތްތަކެވެ.

ސްޕްރައިޓުގެ އާ ޕެކޭޖިންއެއް ތައާރަފު ކުރަން ޖެހުނު ސަބަބުތަކާ ގުޅޭ ގޮތުން، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވީ، ފަސޭހައިން ފުޅި ރީސައިކަލްކޮށް އަދި ތަފާތު އެއްޗެއްސަށް ބަދަލު ކުރެވޭނެ ކަން އެނގި ތިބެ، ދިވެހިންނަށް އެންމެ ކަމުދާ ސްޕާކްލިން ލެމަން-ލައިމް ބުއިމުގެ މީރު ރަހަ އެއްވެސް ބަދަލެއް ނައިސް މިހާރު ތަޖުރިބާ ކޮށްލެވޭނެ ކަމަށެވެ. މިއީ، ދެމެހެއްޓެނިވި ތިމާވެށީގެ ކަންކަމަށް އެއްބާރުލުން ދިނުމާއެކު އެ ކުންފުނީގެ ވިޔަފާރި ފުޅާކުރަން ކުރެވޭ މަސައްކަތްތަކުގެ ބައެއް ކަމަށާއި ފުޅީގެ ކުލަ ބަދަލުވިޔަސް، ފުޅިން ލިއްބައިދޭ ބުއިމަކީ ހަމަ ކުރިން ވެސް ތަޖުރިބާކޮށް ލޯބި ހޯދާފައިވާ ސްޕްރައިޓުގެ ރަހަކަމީ ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮކާ-ކޯލާ ރާއްޖެ އަދި ސްރީލަންކާގެ މެނޭޖިން ޑިރެކްޓަރު، ޕަންކަޖު ސިންހަ ވިދާޅުވީ މިހާރަށް ވުރެ ދެމެހެއްޓެނިވި އަދި އެންމެންނަށް ފައިދާކުރާ ކުރިމަގެއް ބިނާކުރުމަށް ކޮކާ-ކޯލާ ކުންފުނިން އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އާންމު ފަރުދުންގެ ދިރިއުޅުމާއި، މުޖުތަމައުތަކުގައި އަދި ދުނިޔެއަށް ވެސް ރަނގަޅު ބަދަލުތަކެއް ގެނެސްދިނުމަކީ އެކުންފުނީގެ ތަސައްވަރެއް ކަމަށެވެ.

ފެހި ފުޅިން ސާފު ފުޅި އަށް ބަދަލުކުރުމުން، ރީސައިކަލް ކުރަން ބޭނުން ކުރެވޭ ނިޒާމުތައް މިހާރަށް ވުރެ ހަލުއި ކުރެވޭނެ ކަމަށާއި މިއީ، ބޭނުންކުރުމަށް ފަހު އުކާލާ ޕެޓް ފުޅިއާ ގުޅޭ ގޮތުން އަމަލު ކުރެވޭ ގޮތް ވަށާޖެހޭ އިގުތިސާދީ ސިޔާސަތެއްގެ މަތިން ބިނާކުރުން ހަލުއިކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

1960 ގައި ސްޕްރައިޓް ތައާރަފުކުރީއްސުރެ މިއަދާ ހަމައަށް ވެސް ސްޕްރައިޓް މަޝްހޫރު ވެފައިވަނީ ފެހި ފުޅިންނެވެ. ފުޅި ބަދަލުކުރުމަކީ ވަރަށް ބޮޑު ބަދަލެކެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ބްރޭންޑު ކުރިއެރުވުމަށް ވެސް މުހިންމު ބަދަލެކެވެ.

ކޮކާ-ކޯލާގެ "އަ ވާލްޑް ވިތައުޓު ވޭސްޓް" މަޝްރޫއަކީ، 2030 އަންނަންވާއިރަށް، ކޮކާ-ކޯލާ އިން ވިއްކާ ކޮންމެ ފުޅިއެއް އަދި ދަޅެއް ބޭނުންކުރުމަށް ފަހު އެއްކޮށް ރީސައިކަލް ކުރުމުގެ އަޒުމްގައި ހިންގޭ މަޝްރޫއެކެވެ. ސްޕްރައިޓުގެ ސާފު ފުޅީގެ 300އެމްއެލް، 500އެމްއެލް، 1.25 ލީޓަރު އަދި ދެ ލީޓަރުގެ ފުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސުޕަމާކެޓުތަކާއި ރީޓެއިލް ފިހާރަތަކުން މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ލިބޭނެ ކަމަށް ކޮކާ ކޯލާއިން ބުންޏެވެ.