އިސްރަށްވެހިންގެ ދުވަހުގެ މުނާސަބަތުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްރަށްވެހިންނަށް ހާއްސަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.
އިސްރަށްވެހިންގެ ދުވަހަކީ އަންނަ މަހުގެ ދެވަނަ ދުވަހެވެ.
އެޗްޑީސީން މިއަދު ބުނީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މުޖުތަމައަށާއި ވަކިން ހާއްސަކޮށް އިސްރަށްވެހިންނަށް ގިނަ އުނދަގޫތަކެއް ތަހަންމަލު ކުރަން ޖެހިފައިވާ ކަމަށެވެ. އެހެންވެ މުޖުތަމައުގައި ހިންގޭ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން މިއަހަރުގެ އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާ ކަމަށެވެ.
ދިރާގާއި ކޮމިއުނިޓީ ނާސް ވޮލެންޓިއާސްއާ ގުޅިގެން އެޗްޑީސީން އިސްރަށްވެހިންނަށް ހާއްސަކޮށްގެން ރައްޓެހިންގެ ގްރޫޕުތަކާ އެކު ބައިވެރިވެވޭ ގޮތަށް ބޯޑް ގޭމްސް ފަދަ ކުޅިވަރުތައް ބާއްވަން ވަނީ ނިންމައިފައެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއަޅައި ގިނަ މައުލޫމާތުތަކެއް ދިނުމާއި އެ ފަރާތްތަކުގެ ހަކުރު އަދި ލޭގެ ޕްރެޝަރު ބެލުމުގެ ކަންކަންވެސް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމައިފައެވެ.
މީގެ އިތުރުން މިއަހަރުގެ ތީމް ކަމުގައިވާ "ޑިޖިޓަލް އެކުއިޓީ ފޯ އޯލް އޭޖަސް" އާ ގުޅުވައިގެން ދިރާގުގެ ފަރާތުންވެސް ގިނަ ހިދުމަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައެވެ. މިކަމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޑިޖިޓަލް އާލާތްތައް ބޭނުންކުރުމަށް އަހުލުވެރި ކުރުވުމާއި މައުނަވީ ގޮތެއްގައި ބައިވެރިވުމަށް ބާރު އެޅުމާއެކު ހޭލުންތެރިކަން އިތުރު ކުރުން ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 6:30 އިން ރޭގަނޑު 8:30 އަށް ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ 65 އަހަރުން މަތީގެ ގްރޫޕުތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު