އޯޓިޒަމް ކުދިންގެ މުގައްރަރާއި ހާއްސަ ތަމްރީނުތައް ހޯދައިދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ފައިސާގެ އެހީއެއް ފޯރުކޮށްދީފިއެވެ.

އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން އޯޓިޒަމް އެސޯސިއޭޝަނަށް ހަދިޔާ ކުރީ 61،140 ރުފިޔާއެވެ.

އޯޓިޒަމް އެސޯސިއޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެެއްގައި އެމްއޭސީއެލްގެ ފަރާތުން ފައިސާ ހަވާލުކޮށްދެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އޮފިސަރު އަހުމަދު އިބްރާހިމެވެ. އޯޓިޒަމް އެސޯސިއޭޝަނުންގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގެންނެވީ އެ އެސޯސިއޭޝަނުގެ ސީއީއޯ ޑރ. އިސްމާއިލް ޝަފީއުއެވެ.

އެމްއޭސީއެލުން ބުނީ، އެކުންފުނިން ހަދިޔާކުރި ފައިސާގެ އެހީގައި އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ އެންމެ ފަހުގެ މުގައްރަރާއި އެސެސްމަންޓް ޓޫލްތައް ހޯދައި އޯޓިޒަމް އެސޯސިއޭޝަނުގެ ދެ ޓީޗަރަކަށް ތަމްރީނު ދޭނެ ކަމަށެވެ.