ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ފިރިކަލުން، މުހައްމަދު ނާޝިޒުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ހއ. ވެލިފިނޮޅުގައި ރިސޯޓް ތަރައްގީކުރަން އެވޯޑުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ހަދަން އެންމެ ފަހުން ހުޅުވާލީ 23 ރަށެވެ. އޭގެ ތެރެއިން ނުވަ ފަރާތަކުން ވަނީ ހަތް ރަކަށް 13 ބީލަން ހުށަހަޅައިފައެވެ.

އެ ރަށްތަކުގެ ތެރެއިން އެއް ރަށަކީ ވަރުވާ އުސޫލުން ބެލެހެއްޓުމަށް މީހަކާ ހަވާލު ކޮށްފައި އޮންނަ 4.1 ހެކްޓަރުގެ ވެލިފިނޮޅެވެ. އެރަށުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ފަހުން ކަނޑައަޅާފައި އޮތީ 420،000 ޑޮލަރު (6.4 މިލިއަން ރުފިޔާ) އެވެ.

އެ ރަށަށް ބީލަން ހުށަހަޅާފައިވަނީ ދެ ކުންފުންޏެކެވެ. އެއް ކުންފުންޏަކީ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ނާޝިޒު ބޯޑް މެންބަރަކަށް އިންނަވާ ޕާލް ސޭންޑްސް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވި ގޮތުގައި ޕާލް ސޭންޑްސް އަށް ވެލިފިނޮޅުގެ ބީލަން ކާމިޔާބުކުރިކަން އިއްޔެ ވަނީ އަންގައިފައެވެ. އެރަށަށް ޕާލް ސޭންޑްސް ކުންފުނިން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 610،000 ޑޮލަރު (ގާތްގަނޑަކަށް 9.4 މިލިއަން ރުފިޔާ) އަދި ޓްރެއިނިން ފަންޑަށް 110،000 ޑޮލަރު (1.6 މިލިއަން ރުފިޔާ) ހުށަހެޅި ކަމަށެވެ.

ވެލިފިނޮޅަށް ބިޑު ހުށަހެޅި އަނެއް ކުންފުންޏަކީ ބީޗް އެކްސް އެވެ. އެ ކުންފުނިން އެ ރަށުގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ހުށަހެޅީ 625،000 ޑޮލަރު (ގާތްގަނޑަކަށް 9.6 މިލިއަން ރުފިޔާ) އެވެ. ނަމަވެސް އެ ކުންފުނިން ޓްރެއިނިން ފަންޑަށް ހުށަހެޅި އަގަކީ 50،050 ޑޮލަރު (773،272 ރުފިޔާ) އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި ގޮތުގައި، ވެލިފިނޮޅު ފިޔަވައި، އެންމެ ފަހުން ރިސޯޓް ތަރައްގީކުރަން ހުޅުވާލި ރަށްތަކަށް ހުށަހެޅި ހުރިހާ ރަށްތަކެއްގެ ބިޑުތައް ވަނީ ކެންސަލްކޮށްފައެވެ. އެ ބިޑުތައް ކެންސަލްކުރީ އިދާރީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ފާހަގަވި ބައެއް މައްސަލަތަކާ ގުޅިގެން ކަމަށްވެސް ބުންޏެވެ.