ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތްކޮށްދިނުން އަވަސްކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް އެންވަޔަރަމަންޓް އެންޑް ކްލައިމެޓްޗޭންޖް ކޮމިޓީއަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ހުށަހެޅުއްވި މިގަރާރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން 36 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި ގަރާރު ހުށަހަޅުއްވަމުން މެންބަރު ފަޒުލް ރަޝީދު ވިދާޅުވީ، ފެލިދޫ އާދަޔާ ހިލާފަށް ގިރަމުން ދިއުމުގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ދަތިތަކާ ކުރިމަތި ވެ، ތިމާވެށީގެ ގޮތުން އެރަށަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.
އެކަމުގެ ސަބަބުން ރަށުގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތުގެ ސަބަބުން ފެލިދޫގެ ރައްޔިތުންނަށް ބިރުވެރިކަން ކުރިމަތިވެ، ހޮސްޕިޓަލާއި ސްކޫލާއި ރައްޔިތުންގެ ގޯތި ގެދޮރަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން އެފަރާތްތަކުގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑު ވެ، ފެލިދޫގެ ރީތިކަމާއި ގުދުރަތީ ގޮނޑުދޮށް ހަލާކު ވެ، ރަށް ގިރުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވީ ނަމަވެސް އެކަން ނުފެށި ލަސްވަމުންދާތީ، ފެލިދޫގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅައިދީ ފެލިދޫ ރައްޔިތުންނަށް، ސަލާމަތާއި ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ކުރަން ޖެހޭ ކަންކަން ވީހާވެސް އަވަހަކަށް ކޮށްދިނުމަށްވެސް އެ ގަރާރުގައި ވަނީ އިލްތިމާސް ކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް