ޕްރެޝަރުގައި އޮތް ބާސެލޯނާއިން ރޭ ސްޕެނިޝް ލީގުގައި ކުޅުނު މެޗުގައި 3-0 އިން ލެވަންޓޭ ބަލިކޮށްފިއެވެ.
ރޭގެ މެޗަށް ނުކުތްއިރު، ކޯޗު ރޮނާލްޑޯ ކޯމަންގެ ބާސާއިން ލީގުގައި ކުޅެފައި އޮތް ފަސް މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ ދެ މެޗުންނެވެ. އޭގެ އިތުރުން ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުންވެސް ބޮޑު ތަފާތަކުން ބާސާ ބަލިވެފައިވާއިރު، ޕްރެޝަރުތަކާ ކުރިމަތިވެ ކޯޗު ކޯމަން ވަނީ މީޑިއާއަށް ވެސް ރައްދުތަކެއް ދީފައެވެ.
ރޭގެ މެޗުން ހޯދި މޮޅާއެކު ކޯމަންއަށް ވަނީ ހަމަ ނޭވައެއް ލާން ފުރުސަތު ލިބިފައެވެ. އަދި ވަކިން ހާއްސަކޮށް ޓީމުގެ ޒުވާން ތަރި އަންސޫ ފަޓީ އަނިޔާ އިން ރަނގަޅު ވެ، އެނބުރި ދަނޑު މައްޗަށް ނުކުތުމަކީ މެޗުން ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ. މިދިޔަ އަހަރު ނޮވެންބަރު މަހު ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހުނު ފަޓީ ރޭގެ މެޗަށް ނުކުތީ ކާމިޔާބު ސާޖަރީއަކުން ރިކަވާ ވެގެންނެވެ.
އުމުރުން 18 އަހަރުގެ ފަޓީ 10 ނަންބަރު ޖާޒީގައި ދަނޑު މައްޗަށް ނުކުމެ ގޯލުވެސް ޖަހާފައިވާއިރު، އެއީ މެސީގެ ފަހުން ބާސާގެ 10 ނަންބަރު ޖާޒީ ދަނޑު މަތިން ފެނުނު ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުގެ ހަވަނަ މިނެޓުގައި ޕެނަލްޓީއަކުން ބާސާއަށް ލީޑު ނަގައިދިނީ ނެދަލޭންޑްސްގެ މެމްފިސް ޑިޕޭ އެވެ. ދެވަނަ ގޯލު ނެދަލޭންޑްސްގެ ސެންޓަ ފޯވަޑް ލޫކް ޑިޔޯންގް ޖަހައިދީފައިވާއިރު، އެ ގޯލަކީ ބާސާއަށް ލޫކް ޑިޔޯންގު ޖެހި ފުރަތަމަ ގޯލެވެ. ލޫކް ޑިޔޯންގް ބާސާއަށް ދިޔައީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަންގެ ނިޔަލަށެވެ.
ތިންވަނަ ގޯލު އަންސޫ ފަޓީ ޖަހައިދިންއިރު، ބާސާ މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގަ އެވެ. އެއީ ހަ މެޗުން 12 ޕޮއިންޓާ އެކުގައެވެ. ލަލީގާ ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ ރެއާލް މެޑްރިޑެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު