ކަޒަކިސްތާނުގެ ކުޑަ އަވަށެއްގައި ދިރިއުޅެމުންދިޔަ ބަޔަކު އާދަޔާ ހިލާފަށް ގަދަ ނިންޖަކުން ނިދި ޖެހި މަގު މެދަށް ވެއްޓެމުން ދިޔަ ވާހަކަ އަކީ ހަގީގަތެކެވެ.
ކަޒަކިސްތާނުގެ އުތުރުން 230 މޭލު ދުރުގައި އޮންނަ ކަލާޗީ ކިޔާ އަވަށުގައި ދިރިއުޅެމުންދިޔަ ބަޔަކަށް ނިދި ޖެހި އެ ނިދިން ނުހޭލައި ހަފުތާއެއް ވަންދެން ތިބޭ ކަމަށް ވެއެވެ. އާއްމުންނަށް ޖެހެމުންދިޔަ މި އާދަޔާ ހިލާފު ނިދި ބަލީގެ ސަބަބުން އެ އަވަށަށް ''ސްލީޕީ ހޮލޯ'' އޭ ވެސް ކިޔައި އުޅެއެވެ. އަވަށުގައި ދިރިއުޅޭ މީހުންގެ ގިނަ ވަގުތު ހޭދަވަނީ ނިދުމުގައި ކަމުން މިއީ ކިހިނެއް ދިމާވެގެން އުޅޭ ކަމެއްތޯ އަވަށުގެ ކަމުވޮށިގެންވާ މީހުން ހޯދައި ބަލަން ވަނީ ފަށާފައެވެ.
މިކަމެއް ފެށުނީ 2012 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. ކުރަން ތިބޭ މަސައްކަތުގެ މެދުތެރެއިން ވެސް ނިދިގެން ވެއްޓެން ފެށިއެވެ. މަސް ބާނަން ހުއްޓައި، ކައްކަން އަވަދިނެތި ބަދިގޭގައި އުޅެނިކޮށް، އަދި ކާރު ދުއްވަމުން ދަނިކޮށް ވެސް ބައެއް މީހުން ނިދިގެން ވެއްޓޭ ކަމަށް ވެއެވެ. މިކަމެއް ކުއްލިއަކަށް ލައިގަތް ގޮތަށް 2015 އަހަރު ވަނީ ކުއްލިއަކަށް ފިލައިގެންވެސް ގޮސްފައެވެ.
މިކަން އެންމެ ފުރަތަމަ ދިމާވީ 2010 ވަނަ އަހަރުގެ އޭޕްރިލްގައި ލުބޯވް ބެލްކޯވާ ކިޔާ އަންހެނަކަށެވެ. އާދައިގެ މަތިން ބާޒާރަށް ނުކުމެ އުޅެނިކޮށް ކުއްލިއަކަށް އޭނާގެ ހެޔަށް ގޮތް ވެ އަނބުރައިގަނެގެން ވެއްޓުނެވެ. އަދި އޭގެ ހަތަރު ދުވަސްފަހުން ހޭލެވުނުއިރު އޭނާ އޮތީ ހޮސްޕިޓަލުގަ އެވެ. ޑޮކްޓަރުން ބުނި ގޮތުގައި ލުބޯވް އަށް ވަނީ ސްޓްރޯކެއް ޖެހިފައެވެ. ލުބޯވް އަށް ފަހު އިތުރު ފަސް މީހަކަށް ހަމަ މިދުވަސްވަރު އެކަމެއް ދިމާވިއިރު ކުޑަކުއްޖަކުވެސް އޭގެ ތެރޭގައި ހިމެނެ އެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ އަވަށުގެ 810 ގޭބިސީގެ ތެރެއިން 140 ގޭބިސީއަކަށް ''ނިދި ބަލި'' ވަދެފައިވާއިރު، މިއީ ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި އެ އަވަށުން ވަނީ ކަނޑައަޅާފައެވެ.
މި ބަލި ޖެހިފައިވާ މީހުން ނިދީގައި ގިނަ ދުވަސްތައް ހޭދަ ކުރާއިރު، އެ ނިދިން ހޭލުމަށްފަހު ކުރީގެ އެއްވެސް ކަމެއް ހަނދާނުގައި ނުހުންނަ ކަމަށްވެ އެވެ. ނަމަވެސް ކަމެއްގެ ވާހަކައެއް ބުނެދިނުމުން އެކަމެއް ހަނދާނަށް އަންނަ ކަމަށްވެސް އެމީހުން ބުނެއެވެ.
ބައެއް މީހުން ވަނީ މިކަމަކީ ޖިންނި ޝައިތޯނުންގެ އުނދަގުލެއްކަމުގައިވެސް ސިފަކޮށްފައެވެ. މިއަވަށުގައި ފެތުރިގެން އުޅޭ ނިދީގެ ބަލިމަޑުކަމުގެ ވާހަކަ ދުނިޔެއަށް އޮތީ ނޭނގިއެވެ. އެވާހަކަ ދުނިޔެއަށް ހާމަވެގެން ދިޔައީ ނޫހަކުން މި ހަބަރު ގެނެސްދިން ހިސާބުންނެވެ. މިބަލި ޖެހިފައިވަނީ އެ އަވަށުގައި ދިރިއުޅެމުންދިޔަ 600 މީހުންގެ އާބާދީގެ ތެރެއިން ޖުމުލަ 160 މީހުންނަށެވެ.
ސައިންސްވެރިންގެ ހޯދުންތަކުން އެނގުނު ގޮތުގައި އެއަވަށުގައި ޔުރޭނިއަމުން އުފެދިގެން އައި ވިހަ ގޭހެއް ވަނީ ފެތުރިފައެވެ. ތަޖުރިބާކާރުންގެ ތަހުލީލީ ދިރާސާތަކުން އެނގުނީ އެހިސާބުގައި ބޯން ބޭނުންކުރާ ފެނުގައި ޔުރޭނިއަމް ގިނަ އަދަދަކަށް ހިމެނިފައިވާ ކަމަށާއި އޭގެ އިތުރުން ގިނަ އަދަދަކަށް ކާބަން މޮނޮއޮކްސައިޑް ގޭސް ވެސް އެކުލެވިފައިވާ ކަމެވެ. އަދި މިއީ ދިގު ނިންޖަކުން ނިދުމަށް މަގުފަހި ކުރުވާނެ ސަބަބެއް ކަމުގައި އެފަރާތްތަކުން ވަނީ ބުނެފައެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް