މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އެންޖީއޯގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއެސްއާރުގެ އިއްޔެ ދަށުން ގާއިމުކުރެވުނު ޕާޓްނާޝިޕްގެ މަގުސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ދިރިއުޅުން އިތުރަށް ފާގަތި ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމެވެ.

އެ ޕާޓްނާޝިޕާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އިން ކުރަމުން އަންނަ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހައްގުތަކަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި އުރީދޫގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އާއެކު ފައިދާ ހުރި މުހިންމު ޕްރޮޖެކްޓްތަކާއެކު ބިދޭސީންގެ ދިރިއުޅުން އިތުރަށް ފާގަތި ކުރުމީ އަޅުގަނޑުމެންގެ އުއްމީދު،" ނިޔާޒް ވިދާޅުވިއެވެ.

މިޝަން ފޯ މައިގްރަންޓް ވޯކާސްގެ ފަރާތުން ކޯ ފައުންޑަރު އަދި ޕްރެޒިޑެންޓް، ޑރ. މިނާހް ފާއިޒް ރަޝާދު ވިދާޅުވީ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ގުޅުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ދެފަރާތުގެ ވެސް ތަސައްވަރާއި، ގަބޫލު ކުރާ އުސޫލުތަކާ އެއްގޮތުގެ މަތީން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އިތުރު ފާގަތިކަމެއް ހޯދައިދިނުމަށް ކުރާ މަސައްކަތް މި ޕާޓްނާޝިޕާ އެކު އިތުރަށް ފުޅާވެ ގިނަ ފަރާތްތަކަކަށް އެހީ ފޯރުކޮށްދެވިގެން ދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މީގެ ކުރިންވެސް އުރީދޫ މޯލްޑިވްސް އިން ވަނީ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އާއެކު ބިދޭސީންނަށް މީލް ޕެކް ފޯރުކޮށްދީފަ އެވެ. މިއަހަރުގެ ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހަކު އުރީދޫން 100 މީލް ޕެކް ފޯރުކޮށްދީފައިވެ އެވެ.

މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހައްގުތަކަށް ވަކާލާތު ކޮށް، ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ރެޖިސްޓަރީ ކޮށްފައިވާ ފުރަތަމަ ޖަމިއްޔާއެކެވެ.