ވާހަކަ

ޖޫދް - 25

3

ފަންސަވީސްވަނަ ބައި

ހުދާ އައްމާރުގެ އަތްމަތީގައި ޖެހިއެވެ. ހުދާގެ އެ އަމަލުން މަތީނަށް ހެވިއްޖެއެވެ. "މިއުމުރުގައި ދަރިން ނުހޯދިގެން ވިއްޔާ މިއުޅެނީ"

"ދަރިފުޅު ދަންނަންތަ މިރަށު ހޮސްޕިޓަލުގަ ހުންނަ ޑޮކްޓަރު. އޭނާއަށް ކިޔާނީ ޚާނީ" މަތީނުގެ ދެލޮލުން ވިދުވަރެއް ފާޅުވެލިއެވެ.

"ނުދަންނަން. އެއީ އަންހެނެއްތަ ނޫނީ ފިރިހެނެއްތަ؟" ފަރުވާކުޑަ ގޮތަކަށް އައްމަރު އެހިއެވެ. ދަރިފުޅުގެ އެ ސަމާސާއިން މަތީނަށް ހެވުނެވެ.

"ސާބަހޭ އެއީ އަންހެންކުއްޖެއް. ރީތި ކުއްޖެއް. ރަނގަޅު އާއިލާއެއްގައި ހުރި ހަމައެކަނި އަންހެންދަރި" ހުދާ ވާހަކަދެއްކިއެވެ. މައިންބަފައިންގެ ވިސްނުމަކީ ކޮބައިކަން އައްމާރަށް ވިސްނިއްޖެއެވެ. އިތުރަށް އެވާހަކަތައް ދައްކަން އެމީހުންނަށް ފުރުސަތުދޭން އައްމާރު ބޭނުމެއް ނުވިއެވެ. އަވަހަށް އެތަނުން ދާން ބޭނުންވިއެވެ.

"ވަރަށް ބަނޑު ކައްކާ ދުވަހެއް" ލެޕްޓޮޕް ލައްޕާލާފައި ތެދުވަމުން އައްމާރު ބުންޏެވެ. ހަގީގަތުގައިވެސް އޭނާގެ ބަނޑު ކައްކާ ކަން މައިންބަފައިންނަށް އަންގައިދިނުމަށް ބަނޑުގައި ވަށައިގެން އަތް ހޭކިއެވެ.

ސިޓިންރޫމުން އެއް އަޑަކަށް އިވެނީ ސީނާގެ އެކުވެރިންގެ އަޑެވެ. ކާ މޭޒު މަތީގައި ދެވައްތަރެއްގެ ހެދިކާ ހުއްޓެވެ. މުޅީންވެސް އޯޑަރު ދީގެން ހޮޓަލުން ގެނައި ހެދިކާއެވެ. ފޮނި އެއްޗިއްސާ ކުޅި އެއްޗިއްސެވެ. ސީނާގެ އެކުވެރިން ފެނި ބޮލުގައި ރިއްސާވަރުން ރިކްޒާ ކޮޓަރިން ނުނިކުމެއެވެ.

"ކޮބާ ހިނގާ" ސީނާ އައިސް ބުންޏެވެ. އިސާހިތަކު ގޮނޑިތައް ފުރާލައިފިއެވެ. ވާހަކައިގައި ތިބެ ހެދިކާ ތައް ހުސްވަމުން ދިޔައެވެ. ގިނައިން ދެކެވެމުން ދިޔައީ ޒުވާން ފިރިހެން ކުދިންގެ ވާހަކަތަކެވެ.

"ސާމިޔާ، މި މަހު އަހަރެން ދޭންޖެހޭ ސައި މިދެވުނީ އިނގޭ. ދެން ސައި އޮންނަންވާނީ ކަލޭގެ ގެއިން" ބަޖިޔާއެއް ކާން އިން ސީނާ ބުންޏެވެ.

"އާނ އާނ ތިކަމާ މަ އުޅޭނަން. ފިރިސޮރު ކައިރީގައި ކުރިން ބުނެލާފައި ބައިންދާނީ" ސާމިޔާ ބުންޏެވެ.

"މީންދަ އަޒީޒާ ކީއްވެތަ މާ ފާޑަކަށް މިއިންނަނީ. ގުޅައެއް ކެއި ގޮތަށް ފެންތަށި ބޯލައިފި. ސައިތަށި ވެސް އެހުރީ ހުރިގޮތަށް" ސީނާގެ އެ ޖުމްލައާ އެކު ހުރިހާ އެކުވެރިން ހިމޭނުން އިން އަޒީޒާއަށް ބަލައިލިއެވެ.

"ކަލެއަކަށް ނޭނގޭތަ މީނަގެ އަންހެންދަރި ބޮއެގެން އުޅޭ ބޮނޑިއެއް" ސާމިޔާ ބުންޏެވެ.

"ރަށްމެދަށް ބަލިވެ އިނީ" ރަހުމާ ބުންޏެވެ. އެއާ އެކު ސީނާއަށް އަނގަމަތީގައި އަތް އެޅިއްޖެއެވެ.

"ދަރިންނަށް ދޭންވާ ވަރަށް ވުރެ ބޮޑަށް މިނިވަންކަން ދިނީމާ ވާނެ އެއްޗެއް ވެފައި ތިހުރީ. ދެން ކޮންމެހެން ހަނދު އޮއްސިފައި އިންނާނެ ކަމެއްނެތް" ސީނާ ވާހަކަދެއްކިއެވެ. ވަގުތުން އަޒީޒާގެ ދެލޯ ފުރިގެން އައެވެ. ދިމާވެފައިވާ ހިތްދަތި ވަގުތުގައިވެސް އޭނާ އުންމީދުކުރި އެއްބާރުލުމެއް އެކުވެރިންގެ ފަރާތުން ނުލިބުނެވެ.

"އަހަރެންގެވެސް އެހެރީ އަންހެން ދަރިއެއް. ފާޑުފާޑަކަށް ނޫޅޭ. އުމުރުން ވިހި އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ. އަދި ފިރިހެނަކާ ރައްޓެހިނުވޭ. އަހަރެން އޮންނާނީ ބުނެފައި ރައްޓިހިވިޔަސް މިގޭ ހަތަރުފާރުން އެތެރޭގައި ނޫނީ ބައްދަލުކޮށްގެން ނުވާނޭ" ސީނާ ވާހަކަދައްކަމުން ދިޔައެވެ.

"ތިއެއް ނޭނގެ. ކަލޭގެ ދަރި ކިތައްދުވަހު ފިރިހެނަކާ އެކު އަހަރެންނަށް ފެނިއްޖެ" ސާމިޔާ ބުންޏެވެ. ވަގުތުން ސީނާ ރަކިވިއެވެ.

"މިދޭތެރޭން އުޅުނު ދެތިން ފިރިހެން އެކުވެރިންނާ އެކު. އަހަރެން ހިތްހަމަނުޖެހެއޭ ބުނީމަ އެމީހުންނާ އެކު ނުދޭ. މަގޭ ދަރި ހާދަ ރަނގަޅޭ. މިހާރަކަށް އައިސް ގިނަވަގުތު ގޭތެރޭގަ އޮންނަނީ. އެއީ ރަނެއް މަލެއް ކަހަލަ ކުއްޖެއް. މާބުރެއް ދުވަހަކުވެސް ބީހިފައިނުވާ ތާޒާ މަލެއް. ކަލޭމެންވެސް އެގޮތަށް ދަރިން ގެންގުޅެވޭތޯ ބަލާބަލަ" ސީނާގެ އެ ޖުމްލައާ އެކު ސާމިޔާ އާއި ރަހުމާ އެކަކު އަނެކަކަށް ބަލައިލާފައި މަލާމާތުގެ ހީލުމަކުން ހީލައިފިއެވެ.

ސިިޓިން ރޫމުގެ އެކި ތަންތަނުގައި ކަފާފައި ހުރި ކަރުދާސްތަކާއި ޓޭޕްގެ އެތިކޮޅުކޮޅު ފޮޅަން ގަމަރު ހުއްޓެވެ. ސޯފާ ކުރިމަތީގައި ހުރި ކުޑަ މޭޒުގެ ވަށައިގެން މަސައްކަތްތަކެއް ކުރަން އަލިޝްބާ އާއި އަންބަރްގެ އިތުރުން ޖިޔާ އިނެވެ. އެއިން ކޮންމެ މީހެއްގެ ތުންފަތް މަތީގައި ހިނިތުންވުމެއް ވިއެވެ.

"އިބާ ދާނަންތަ ދޮންތައާ އެކު ގެއަށް" މަސައްކަތުގައި އިން އަލިޝްބާ އެހިއެވެ.

"ދާންވާނެއްނު. ކިހާ އިރަކަށް ތައްޔާރުވާންވީ" އަންބަރް އެހިއެވެ.

"ހަވީރު ރަނގަޅުވާނެ. ޖޫދުގެ ހުއްދަ ހޯދާފައި ބާއްވާތި. ޒަހާއްތަ ކައިރީގައިވެސް ބުނަންވާނެ" އަލިޝްބާ ބުންޏެވެ. އަންބަރް ބޯޖަހާލިއެވެ.

"ޖިޔާވެސް ދާނަން. ދޮންބެދައްތަ ޖީ ގެންދާނަންތަ؟" އަތުގައި އޮތް ޓޭޕް ރޯލުން ކުދިކުދިކޮށް ޓޭޕް ކަފާފައި މޭޒުގެ އެއް އަރިމަތީގައި ހަރުކުރަމުން ދިޔަ ޖިޔާ ބުންޏެވެ.

"ކީއްވެ ނުގެންދާވީ. ޖީ ރީތިވެގެން ހުންނާތި. ގަމޫވެސް ދާނެ ދޯ" އަންބަރް ބުންޏެވެ.

އިރުކޮޅަކުން ތަބަކެއްކައި ކަރާ ޖޫސް ހިފައިގެން އެތަނަށް ޝަމްސު އައެވެ. ކުދިން އެ މަސައްކަތުގައި އުޅޭތާ އެތައް އިރެއް ވެއްޖެއެވެ. އޭނާ ހުރިހާ ކުދިންނަށް ޖޫސް ހަދައިގެން އައީ ކަމެއް ކޮށްދިނުމުގެ ބޭނުމުގައެވެ.

"ހާތިމް ހާދަ އުފަލެއް ވާނޭ ތިހުރިހާ ކަމެއް ކޮށްފައި ބެހެއްޓީމަ" ފަހަރަކު ކުއްޖެއްގެ އަތަށް ޖޫސްތަށި ލައިދެމުން ޝަމްސު ބުންޏެވެ.

"އެހެންވެގެން މިކަން މިކުރަނީ. އޭރުން ބައްޕަ އަންނަގޮތަށް ޖެހޭނީ ހުޅުވޭ ދުވަހަށް ގުރުޢއާން ކްލާހުގެ ކުދިކުދި ކަންތައް ކޮށްލަން. ކުދިންގެ ހާޒިރީ އާއި ފީ ކާޑުތައް ތައްޔާރުކޮށް ގާތްގަނޑަކަށް މި ނިމުނީ" އަލިޝްބާ ބުންޏެވެ.

"މިއީ ވަރަށް ރަނގަޅު ވިޔަފާރިއަކަށް ވާނެ މަންމާ. ފުރަތަމަ ރަޖިސްޓްރީ ވާން ހުޅުވާލި ދުވަހުވެސް ފަންސާން ކުދިން ފޯމު ފުރި. އަދި އެއް ގުރުއާން ޓީޗަރު ހޯދައިދޭންވީ ބައްޕައަށް" އަލިޝްބާ ބުންޏެވެ.

"ކައިރިން ގުރުއާން ޓީޗަރަކު އަތުޖެހެން އޮއްވަައި ކީއްކުރަން ދުރުން ހޯދަނީ" ޝަމްސު އެހެންބުނުމާ އެކު އަލިޝްބާ އާއި އަންބަރް އެކަކު އަނެކަކަށް ބަލައިލިއެވެ. ޝަމްސުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޖިޔާއަށް ވެސް ހެވުނީ ޝަމްސު އެދައްކަނީ ކާކުގެ ވާހަކަ ކަން އިނގުމުންނެވެ.

ރޭގަނޑުގެ ކެއުމުގެ ވަގުތުތައް ކުރިއަށް ދިޔައިރު ނީލަމް ކައިރީގައި އަތްގާތްކޮށްދޭން އަންބަރް ހުއްޓެވެ. އެމަންޒަރު އެއްފަހަރުން ބަލައިލާފައި ޖޫދަށް ނުފުދުނެވެ. އެހެންކަމުން އޭނާ އެތައް އިރަކު އަންބަރަށް ނޭނގޭނެހެން އެމަންޒަރު ބެލިއެވެ. އެއިން އެއްވެސް މީހަކަށް ނޭނގުނީ އެއީ ވާރިޝްގެ އެދުމުގެ މަތިން އޭނާ ކުރަން ފަށާފައިވާ ކަމެއް ކަމެވެ. އޭނާ ޖޫދުގެ އާއިލާ ކުރިމަތީގައި ފޫހި ދިރިއުޅުމެއް އުޅޭތަން އެމީހުންނަށް ފެންނަ ނަމަ ހާސިލުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމުގައި ވާރިޝް ބުންޏެވެ. އެހެންކަމުން އޭނާ ހުރީ ވާރިޝް އެދުނު ފަދައިން ކަންތައްތައް ކޮށްދޭން ތައްޔާރަށެވެ.

ދަރިފުޅު ކައި ނިމިގެން މަންމަ ކޮޓަރިއަށް އާދެވޭނެތަ؟" ޒަހާ އެދުނެވެ. އަންބަރް ބޯޖަހާލިއެވެ.

ކޮޓަރިއަށް ވަންގޮތަށް ނިދަންލާ ޕިޖާމާ ހިފައިގެން އަންބަރް ވަނީ ފާހާނާއަށެވެ. ޖޫދު ލިޔުންތަކެއް ހިފައިގެން ސޯފާގައި އިނެވެ. އަންބަރްގެ އެއްވެސް ކަމަކަށް އެވަގުތު އޭނާ ސަމާލުކަން ނުދެއެވެ.

"މިދަނީ މަންމަ ކޮޓަރިއަށް" ޖޫދު ބަލައިލީ އަންބަރް ވާހަކަދެއްކި އަޑަށެވެ. އޭނާ ބަލައިލުމާ އެކު އަންބަރް ހިނގައިގަނެއްޖެއެވެ. ޖޫދަށް އިނީ ގަބޫލުނުކުރެވިފައެވެ. އަންބަރްގެ ފުށުން ފަހަކަށް އައިސް ފެންނަމުންދާ ބަދަލުތަކަށް އޭނާއަށް އިތުބާރުކުރަން ދައްޗެވެ. އަންބަރްގެ އެ ބަދަލުވި މޫނުގެ ފަހަތުގައި މަކަރުވެރި ރޭވުމެއް ވާނޭ ޖޫދުގެ ހިތް ބުނެލީ ކީއްވެ ކަމެއް ނޭނގުނެވެ. ކޮންމެ ގޮތެއްވިޔަސް އެ ބަދަލު ހެޔޮ ބަދަލަކަށްވުމަށް އެދި ޖޫދަށް ހިތާ ހިތުން ދުއާ ކޮށްލެވުނެވެ.

އަންބަރް ކޮޓަރިއަށް ވަންއިރު ޒަހާ ލޯގަނޑު ކައިރީގައި އިނެވެ. އަންބަރް ފެނުމާ އެކު ޒަހާ ހީލިއެވެ. އިސްތަށިގަނޑު ނިއުޅުވާލައިގެން ފުނާ އަޅަމުން ދިޔަ ޒަހާ ފެނިފައި އަންބަރަށް އެހެން ދިމާލަށް ނަޒަރު ބަދަލުކޮށް ނުލެވުނެވެ. މީގެ ކުރިން ޒަހާގެ އެހާ ދިގު އިސްތަށިގަނޑެއް އޮންނަ ކަމެއް އޭނާއަށް އިނގިފައެއް ނެތެވެ. ޒަހާއަކީ ރީތި އަންހެނެއް ކަމަށް އަންބަރަށް އެއްބަސްވެވުނެވެ. ބަލާބެލުމަށް ދެދަރިންގެ މަންމައެއްހެން ހިއެއް ނުވެއެވެ.

"ތިއައީ ދޯ. އިށީނދޭ އެނދުގަ" ޒަހާ ބުންޏެވެ. އެނދުގައި އިށީނުމުގެ ބަދަލުގައި އަންބަރް ގޮސް ހުއްޓުނީ ޒަހާގެ ފުރަގަހުގައެވެ. ޒަހާ އަތުގައި އޮތް ފުނާ ނެގިއެވެ. ޒަހާ ދެކޮޅެއް ނަހަދައެވެ. އަންބަރް ޒަހާގެ އިސްތަށިގަނޑުގައި މަޑުމަޑުން ފުނާ އަޅުވަދެމުން ދިޔައެވެ.

"އޯ ގޯޑް. ވަޓްސް ރޯންގް ވިދް ޔޫ އިބާ" އަމިއްލަ ނަފްސަށް އަންބަރް ބުންޏެވެ.

"މަންމަ ކަމަކުތަ އަންނަން ބުނީ" އަންބަރް އެހިއެވެ. ޒަހާ އޭނާ ގެނައި ބޭނުން އެނގިފައި އަވަހަށް އެތަނުން ދާން އޭނާ ބޭނުންވިއެވެ.

"ހިނގާ އެނދަށް ދާން" ޒަހާ ބުންޏެވެ.

"އަރާ އެނދަށް. މިތާ މަންމަ ކައިރީގައި ބާލީހުގަ ލެގިލައިގެން އިނދެބަލަ" ޒަހާ ބުންޏެވެ. އަންބަރް ޒަހާ ބުނި ގޮތަށް އެނދަށް އަރާ އިށީނެވެ. މިއީ ކޮންފަދަ ކަންތައްގަނޑެއް ބާއޭ ހިތަށް އެރިއެވެ. ބޮލުގައިވެސް ރިއްސަން ފަށައިފިއެވެ.

"ހެހެހެ... މަންމައަށް މާބޮޑަށް އުނދަގު އެބަކުރެވޭ ދޯ. ހެހެހެ.. ދަރިފުޅު ނޫނީ މިވަގުތު މަންމަ ކުރަން މިއުޅޭ ކަންތައް ކޮށްދެވޭނެ ކުއްޖެއް ނެތް" ޒަހާ ބުންޏެވެ.

"ނޫން. އެއީ އެވަރު ކަމެއްނޫން. މަންމަ ބުނޭ އަ...އަޅުގަނޑު ކުރަންވީ ކަމެއް" އަންބަރް ބުންޏެވެ.

ހީލާފައި އަންބަރްގެ މޫނުގައި ޒަހާ ފިރުމާލިއެވެ. އަނެއް ފަރާތަށް އެނބުރިފައި އަރިމަތީ ކަބަޑު ހުޅުވާލާފައި އޭނާ ނެގީ ކަޅު ރަތްކުލައިގެ ކަވަރެއްލާފައިވާ ކުޑަ ފޮތެކެވެ. އޭގެ ބޭރުގައި އެއްވެސް ލިޔުމެއްވެސް ކުރެހުމެއްވެސް ނެތެވެ. އޭނާ އެ ފޮތް ނަގާފައި އަންބަރްގެ އުނގުމަތީގައި އޮތް ބާލިސް މަތީގައި ބޭއްވިއެވެ.

"މިއީ"

"ކޮންމެ ރެއަކުވެސް މިގަޑި މަންމަ ހޭދަކުރަނީ ތިކަހަލަ ފޮތްތައް ކިޔުމުގަ. މިއަދު މަންމަގެ އައިނު ހަލާކުވެއްޖެ. އެހެންވެ ތި ފޮތެއް ނުކިޔޭނެ. ނީލަމްވެސް ލިބާއާ އެކު ބޭރުގައި ވީ. ޖިޔާވެސް މިރޭ މާ އަވަހަށް ނިދި ރެއެއް. ހުރި މީހަކީ ހަމައެކަނި އިބާ. އެހެންވީމަ މަންމަ ބޭނުންވަނީ އިބާ މިރޭ މަންމައަށް ތި ފޮތް ކިޔައިދޭން" ޒަހާ އޭނާގެ ބޭނުން ހާމަކުރިއެވެ.

"އެވަރުގެ ކަމެއްނޫން" އެހެން އަންބަރް ބުނީ އޭގެ އެތެރޭގައި އޮތް އެއްޗެއް ނޭނގިއެވެ. ހުޅުވާލުމާއެކު ބޮޑު އަކުރުން 'ސުވަރުގޭގެ ވާހަކަ' ޖަހާފައިވާ ތަން ފެނި އޭނާއަށް އުނދަގޫ ގޮތެއް އިހުސާސްވިއެވެ. ނޭވާ އަވަސްވެ އަތްފައި ފިނިވާން ފެށިއެވެ. އެހެންނަމަވެސް ހިތްވަރާ އެކު އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އަންހެނުން ސުވަރުގެ ވައްދަވާނީ ހޫރަލްއީނުންނަށް ވުރެ މާރީތި ސިފައިގަ" ސުރުހީ ކިޔާލާފައި އަންބަރް ޒަހާއަށް ބަލައިލިއެވެ. ޒަހާ އިޝާރާތުން ކުރިއަށް ގެންދާށޭ ބުންޏެވެ.

"މާތް ﷲ ސުބްހާނަހޫ ވަތައާލާ ކޮންމެ އަންހެނަކުވެސް ސުވަރުގެ ވައްދަވާނީ ސުވަރުގޭގެ ހޫރަލްއީނުންނަށް ވުރެވެސް މާ ރީތިސިފައިގައެވެ. މާ މަތީ ޝަރަފަކާ އެކުގައެވެ. އަންހެން ކަނބަލުން ރީތިވާން ތިޔަކުރާ މަސައްކަތް ނުކުރި ނަމަވެސް ކޮންމެ މީހަކުވެސް ސުވަރުގެ ވައްދަވާނީ އެންމެންނަށް ވުރެ ވެސް މާ ރީތި ސިފައިގައެވެ. ރީތިވާން ލޯގަނޑު ކުރިމަތީގައި ތިޔަ ހޭދަކުރާ ވަގުތުތަކަކީ އޭގެއިން ތިޔަ ކަނބުލޭގެއަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫނެވެ. ވަގުތު ހޭދަކުރަންވީވެސް އަދި ގަދައަޅައި މަސައްކަތް ކުރަންވީވެސް ސުވަރުގެ ވަނުމަށެވެ. ﷲ ތައާލާ އަންގަވާފައިވާ ގޮތަށް އެކަލާނގެއަށް ކުރާ އަޅުކަމާއި ހޭދަތައް ގިނަ ކުރާށެވެ. ޒިކުރުކޮށް ތިމާ ކުރާ ހެޔޮ އަމަލުތައް އިތުރުކުރާށެވެ. އެކަންކަމުގެ ސަބަބުން ﷲ ތައާލާ ގިޔާމަތް ދުވަހު ދެއްވަވާ ރީތިކަން އިތުރަށް ރީތިކުރަން އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހޭނެއެވެ. ގިނަ ދުވަސްވާވަރަކަށް ދާނީ ޒުވާންކަމާއި ރީތިކަން އިތުރުވަމުންނެވެ. ނިކަން މި ވާހަކަކޮޅާ މެދު ފުންކޮށް ވިސްނާބަލާށެވެ. ރީތިވުމަށްޓަކައި މިއަދު އަޅުގަނޑުމެންގެ މޫނާ ހަށިގަނޑުގައި އޭރަކު ފިހާރަތަކުގައި ވިއްކަން ހުންނަ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ ފާޑުފާޑުގެ އެއްޗެހި ހާކަމު ނޫން ހެއްޔެވެ؟ ގިނަ ދުވަސްވާރަކަށް މޫނުގައި ޖެހޭ ރޫތައް ފިލުވުމަށް ކިހާ މަސައްކަތެއް ކުރަމު ހެއްޔެވެ؟ މޫނުގައި ބިހި ނުވަތަ ލަކުނެއް ނަގައިފިއްޔާ އެ ފިލުވަން ކިހާ މަސައްކަތެއް ކުރަމު ހެއްޔެވެ؟ އިނގޭ ހެއްޔެވެ؟ މަރުވީމަ ގެންގޮސް ބާއްވަނީ އެންމެންނާ ދުރުގައި މޭޒެއްގެ މަތީގައި ނުވަތަ އެފަދަ ކޮންމެވެސް އެހެން އެއްޗެއްގެ މަތީގައެވެ. އޭރު ތިބާގެ ފުރާނަ ވާނީ އެ ފުރާނައިގެ ހައްގުވެރި ފަރާތަށް ރުޖޫއަވެފައެވެ. މަރުވެފައިވާ ތިބާގެ މަސްގަނޑު ކައިރިއަށް ފެންވަރުވާ ނުވަތަ ހިނަވާ މީހުން އަންނަނީ ދުނިޔޭގައި ތިބާ ރީތިވާން ބޭނުންކުރި 'ކޮސްމެޓިކްސް' ގެ ބާވަތްތައް ހިފައިގެނެއްނޫނެވެ. އުނގުޅަނީ ލޯޝަނާ މޮޅެތި ސެންޓެއް ނޫނެވެ. މޫނުގައި އަގުބޮޑު އެއްޗެތި ނުހާކައެވެ. ހުދު ފޮތިގަނޑަކުން ތިމާގެ ވަށައިގެން އޮޅާލާފައި ފޮށްޓަކަށް ލައިގެން ގެންދަނީއެވެ. ބިމު އަޑިއަށް ތިމާ ދޫކޮށްލާފައި ދަނީއެވެ. އެއަށްފަހު ތިމާއަށް ހައްގުވަނީ ފިނިކަން ތޯ ނުވަތަ ހޫނުކަން ތޯ ކަނޑާއަޅާ ފަރާތް ތިމާއަށް ހައްގު ވަޒަނަށް ވައްދާނެއެވެ. ސުވަރުގެ ލިބިއްޖެނަމަ ތިއީ ނަސީބުވެރިއެކެވެ. ނަރަކަ ލިބިއްޖެނަމަ ތިޔައީ އަބާއްޖަވެރިއެކެވެ. އެ ނަރަކަ އަނގަ ހުޅުވައިގެން އޮވެ ތިބާއަށް އިންތިޒާރު ކުރާނެއެވެ. އިތުރު އެއްވެސް ޗާންސެއް ދެން ތިބާއަކަށް ނޯންނާނެއެވެ" އެ ހިސާބަށް ކިޔުނު އިރު އަންބަރްގެ އަޑު ރޫރު އަޅަމުންދާކަން ހުދު އޭނާއަށް ވެސް އިހުސާސް ވިއެވެ. ކުރިއަށް ގެންދަން އޭނާ މަސައްކަތް ކުރި ނަމަވެސް އިތުރަށް ކެތްނުވިއެވެ. ދެއަތުގައި ތުރުތުރުއަޅައި ދެފައިތިލައިން ދިލަ ނަގަން ފަށައިފިއެވެ. ބޮލަށްވެސް އެނބުރުން އަރާ ކަހަލައެވެ.

"މަންމާ" އަންބަރަށް އައި ބަދަލު ޒަހާއަށް ފެނުނެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޭނާގެ މަގުސަދަކީ އެދަރިފުޅު ބިރުގެންނެވުމެއް ނޫނެވެ. އެހެންނަމަވެސް އެ ދަރިފުޅަށް ކުރިއަށް ދާންވީ ސާފު ސީދާ މަގު ދެއްކެވުމެވެ. އެ ދަރިފުޅަށް ﷲ ހިދާޔަތް ދެއްކެވުމެވެ. މިދުނިޔެއަކީ ވަގުތީ އާލަމެއްކަން އަންގައި ދިނުމެވެ. ކޮންމެ މީހެއްގެވެސް ހަގީގީ މަންޒިލަކީ ކޮބައިކަން އަންގައިދޭށެވެ.

"އަ... އަޅުގަނޑު ވަރަށް ނިދި އައިސްފި މަންމާ" އަންބަރް ބުންޏެވެ.

"އެހެންތަ. ދެން މިރެއަށް ނިންމާލާނީ ދޯ" ޒަހާ ބުންޏެވެ. އަވަސް އަވަހަށް އަންބަރް ބޯޖަހާލިއެވެ.

"އިބާ ކިޔަނީ މަންމަ ހާދަ އަޑުއަހާހިއްވާ ކަހަލަ ގޮތަކަށޭ. މާދަމާ ރޭވެސް އަންނައްޗޭ މަންމައަށް ވާހަކަ ކިޔައިދޭން" ޒަހާ ބުންޏެވެ. އަންބަރް ބޯޖަހާލިއެވެ.

އަލިޝްބާ އާއި ނީލަމް ވާހަކަދައްކަމުން ނުކުތީ އަތިރި މައްޗަށެވެ. ރޭގަނޑުގެ ވަގުތު ކަމުގައި ވިޔަސް އެހިސާބުގައި މީހުން މަދެއް ނޫނެވެ. ހަނދުވަރުގެ ރިހި އަލީގައި އެތައް ބަޔަކު މަޑުކޮށްލައިގެން ތިއްބެވެ. ދެ އެކުވެރިން ގޮސް މަޑުކޮށްލީ މޫދާ އެންމެ ކައިރީގައި ހުސްކޮށް ހުރި ޖޯލިފަތީގައެވެ.

"މިތަން ހާދަ ހިތްގައިމޭ ދޯ" ނީލަމް ބުންޏެވެ.

"އާނ. މިރަށު އެންމެ ހިތް ފަސޭހަ ދިމާލަކީ މިއީ. މިތަނުން މީހުން ހުހެއް ނުވާނެ" އަލިޝްބާ ބުންޏެވެ.

"އަހަރެން އަދި ފުރަތަމަ ފަހަރަށް މިހިސާބަށް މިއައީ" ނީލަމް ބުންޏެވެ.

"ހާދަ އުފަލެއްވެއްޖޭ. މިހާ ހިސާބަށް ނީލޫ ގޮވައިގެން ފުރަތަމަ އައި މީހާގެ ޝަރަފު އަހަރެންނަށް ދޯ މި ލިބުނީ" އަލިޝްބާ ބުންޏެވެ. ނީލަމް ހީލިއެވެ.

"އަހަރެން އަބަދުވެސް އުޅެން ބޭނުންވީ މިކަހަލަ ރަށެއްގައި. އެކަމަކު ހަނދާން ހުންނަން ފެށީއްސުރެވެސް މަންމަ އަހަރެންނާއި ކޮއްކޮ ގޮވައިގެން އުޅެނީ މާލޭގަ. އިނގޭތަ މަންމަ އަސްލު ރާއްޖެތެރޭ މީހެކޭ" ނީލަމް ވާހަކަދައްކަމުން ދިޔައެވެ.

"އަހަރެން ލިބާއަށް ކިޔައިދެންތަ އަދި އެއްވެސް މީހެއް ކައިރީގައި އަހަރެން ނުދައްކާ ވާހަކައެއް" ނީލަމް ބުންޏެވެ. އެވާހަކަތަކާ އަލިޝްބާ ގަޔާވިއެވެ.

"މަންމަ އަބަދުވެސް ބުނާނެ އަހަރެންގެ ދައްތައެއް ހުންނަ ވާހަކަ. އެއީ މަންމަ އެންމެ ފުރަތަމަ އިން މީހާއަށޭ ބުނީ. އެމީހާ ކައިރިން ވަރިވެގެން މަންމަ މާލެ އައީ. މަންމަ ބުނީ އެދުވަސްކޮޅު އޭރު އިނދެގެން އުޅުނު މީހާގެ މައިންބަފައިން ގަބޫލުނުވީއޭ އެކުއްޖާ މަންމައަށް ދޭން. މިހާރެކޭ އެއްގޮތަށް އޭރުވެސް ނިކަމެތި މީހާއަށް ނިކަމެތި ގޮތޭ އޮންނަނީ" ނީލަމް ވާހަކަދެއްކިއެވެ.

"އެހެންވީމަ މާނައަކީ ނީލޫގެ ދައްތައެއް ހުރެއޭ ދޯ" އަލިޝްބާ ބުންޏެވެ. ނީލަމް ބޯޖަހާލިއެވެ.

"ހުއްޓަސް އަހަރެން ކިހިނެއް ހޯދާނީ" ނީލަމް ބުންޏެވެ.

"ތިބުނީވެސް ތެދެއް" އަލިޝްބާ ބުންޏެވެ. "އެކަމަކު މަސައްކަތް ކުރެވިދާނެއްނު"

"އަހަރެން އަބަދުގެބެސް ދުއާ އަކީ އަހަރެންގެ އެއްބަފާ ދައްތައެއް ހުރިނަމަ އަހަރެން މަރުވުމުގެ ކުރިން ދައްތައާ އަހަރެން ބައްދަލުވުން. ﷲ އިރާދަކުރެއްވިއްޔާ އެކަން އަހަރެންނަށް ކާމިޔާބުވާނެ" ނީލަމް ބުންޏެވެ. ނީލަމްއަށް ހިތްވަރު ދިނުމުގެ ގޮތުން އަލިޝްބާ ނީލަމްގެ އަތްތިލައަށް ފިތާލިއެވެ.

އެކުވެރިއެއްގެ ސައިކަލް ފަހަތުގައި ގެއެއް ކައިރިއަށް މަޑުކޮށްލި ވާރިޝްގެ ތުންފަތް މައްޗަށް ފަތަހައިގެ ހިނިތުންވުމެއް ވެރިވިއެވެ. ބައްދަލުނުކުރަން ބުނެފައިވެސް އަންބަރް ބައްދަލުވާން އެދުމުން އޭނާ އެ އައީ ފިހާރައިގައި ހުރެފައެވެ. އަންބަރް ބުނި ކޮޓަރިއާ ހިސާބަށް ދިޔައިރު އޭނާ ހުރީ ހަމަޖެހިލައިގެންނެވެ. އޭނާ ކަރުހިއްކުން ފިލުވާލަން އަންބަރް އަތުނުޖެހޭތާ ދުވަސްތަކެއް ވެއްޖެއެވެ.

"ވާރިޝް އާ ދެކޮޅަށް ނޫނެކޭ ބުނުމަކީ އެއްވެސް އަންހެންކުއްޖަކަށް ވި ކަމެއް ނޫން. ވިއިރު އިބާ ބޭބީއަށް ކިހިނެއް ބުނެވޭނީ" ލިފްޓަށް އެރިއިރު އޭނާ ހިތާހިތުން ކިޔަމުން ދިޔައެވެ.

އަންބަރް ފޮނުވާފައި އިން މެސެޖް އަދި އެއް ފަހަރު އޭނާ ކިޔާލިއެވެ. އޭގައި އިނީ ދޮރު ހުންނާނީ ހުޅުވާފައި ކަމަށެވެ. އެހެންކަމުން ޓަކިޖެހުމެއްނެތި ވާރިޝް ދޮރުހުޅުވާލިއެވެ. އެނދުގައި ފުރަގަހަށް އިށީނދެގެން އިން އަންހެންކުއްޖާ ފެނި ވާރިޝް ހީލިއެވެ.

"މިއަދު ކޮންފާޑެއްގެ ހެދުމެއް ލައިގެން އިން ދުވަހެއް" ކޮޓަރި ތަޅުލާފައި ލައިގެން ހުރި ޓީޝާޓް ބޮލާ ވަކިކޮށްލަމުން ވާރިޝް ބުންޏެވެ.

އެނދުގައި އިން އަންހެންކުއްޖާ އެނބުރުމާއެކު ވާރިޝް ހުރި ތަނަށް ގަނޑުވެއްޖެއެވެ. އޭނާއަށް ކުރެވުނީ ބިންގަނޑު ފައިދަށުން ކެހިގެން ދިޔަ ކަހަލަގެ އިހުސާސެކެވެ.

(ނުނިމޭ)