ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ ރިޕޯޓު ލިބެމުން އަންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
ރާއްޖެއަށް މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. މުޅި ރާއްޖެއަށް އެލާޓު ނެރެފައިވާއިރު ނ އަތޮޅުން ފެށިގެން ދ. އަތޮޅާ ހިސާބަށް ވަނީ އޮރެންޖު އެލާޓު ނެރެފަ އެވެ. އަދި ހއ. އިން ފެށިގެން ލ. އަތޮޅަށް ޔެލޯ އެލާޓު ވަނީ ނެރެފަ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
އެމްއެންޑީއެފުން ބުނީ ކުރިއަށް އޮތް ތަނުގައުި ރާއްޖޭގެ އެކި ސަރަހއްދުތަކަށް ވައިގަދަވެ، ކަނޑުގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ކަމަށާއި، އެހެން ކަމުން އުޅަނދުފަހަރުގެ އޮޑިވެރިންނާއ، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ފަހު ނޫނީ ދަތުރުތައް ނުރޭވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އޭގެ އިތުރުން ދަތުރުކުރާ ފަރާތްތަކުން، ދަތުރަށް ފުރުމުގެ ކުރިން އަންގަން ޖެހޭ ފަރާތްތަކަށް އެންގުމާއި، އުޅަނދުގައި ލައިފްޖެކެޓާއި މުއާސަލާތީ ނިޒާމާއި ދިޔަ ހިއްކާ ޕަންޕުފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ބަލައި ޗެކް ކުރުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެ އެވެ. އަދި ވަކީން ހާއްސަކޮށް، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުތަކުގައި ރޭގަނޑު ދަތުރު ނުކުރުމަށާއި ވިއްސާރައިގައި ދަތުރު ނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
މުދާ އުފުލާ އުޅަނދުފަހަރުތަކުންވެސް މުދާ ބަރުކުރުމުގައި ސަމާލުވުމަށާއި ހެދިފައިވާ ގަވާއިދިތަކަށް އަމަލު ކުރުމަށާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ފަޅުތެރެ އާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުތަކުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑި ދޯނި ފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިއަދު މާލެސިޓީ އަށްވެސް ބޯކޮށް ވާރޭވެހި މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. އަދި ވައިގަދަވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވެއްޓުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. ވައި ގަދަވުމުގެ ސަބަބުން ދިމާވެދާނެ ހާދިސާތަކުން ރައްކާތެރިވުމަށް ބުރިޖު ހައިވޭ އިން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު