ލައިފް ސްޓައިލް

ސްޕެއިނުގެ ''އަޖައިބުކުރުވަނިވި ގެ'' ފަރުބަދައެއް ގޮވައި ދުންތައް ވަށާލިއިރުވެސް ދެގޮތެއް ނުވެ ކޮޅަށް!

ސްޕޭނުގެ ކެނެރީ އައިލެންޑަށް ނިސްބަތްވާ ލެ ޕާލްމާ ކިޔާ އަވަށުގައި ހުރި މި ގެ އަކީ ފަރުބަދައެއް ގޮވައި އެ ސަރަހައްދަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތުން ހުރި ހަމައެކަނި ގެއެވެ.

މިދިޔަ އާދިއްތަ ދުވަހު އެ ސަރަހައްދު ކައިރިން ފަރުބަދައެއް ގޮވައި ބޭރުކުރަމުންދިޔަ ދުމާއި އަލިފާނުގެ ސަބަބުން ކެނެރީ އައިލެންޑުގެ ލެ ޕާލްމާގައި ހުރި ގިނަ ގެތަކާއި ދަނޑުބިންތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު މިހާރުވެސް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

އެ ސަރަހައްދަށް ލިބުނު ގެއްލުންތަކުގައި 100 އަށްވުރެ ގިނަ ގެ ހަލާކުވެފައިވާއިރު 6000 އެއްހައި މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގޮސްފައެވެ. ލިބެމުންދާ ގެއްލުންތަކުގައި ސަލާމަތުން ހުރި މި ގޭގެ ވެރިފަރާތަކީ ޑެންމާކުގެ ދެމަފިރިން ކަމަށްވާ އިންގަ އަދި ރެނިއާ އެވެ. މި ދެމަފިރިންނަށް ވަނީ ކޮވިޑާ ގުޅިގެން ދަތުރުކުރުންތަކަށް ބުރޫ އެރުމުގެ ސަބަބުން މި ގެއަށް ދެވޭ ގޮތް ނުވެފައެވެ. މި ގެ އިމާރާތްކޮށްފައިވަނީ އަނާ މޮނިކެންޑަން ކިޔާ އަންހެނަކާއި އޭނާގެ ފިރިމީހާ އެވެ. ސްޕޭނުގެ އެލް މުންޑޯ ކިޔާ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އަނާ ބުނެފައިވަނީ އެ ގެއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ވާހަކަ އަޑު އިވުމުން އުފާވި ކަމަށާއި ނަމަވެސް ރައްޓެހީންނާއި އެހިސާބުގައި ދިރި އުޅޭ އަވަށްޓެރިންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާތީ ހިތާމަ ކުރާ ކަމަށެވެ. އަދި އެ ގެ ބަލަހައްޓާނެ މީހަކު ނެތި އެކަނި އެތަނުގައި ހުރުމުން ދެރަވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކަމްބަރެ ވިއެޖޯ ވޮލްކޭނޯގައި އަދިވެސް ގޮވުންތައް ގޮވަމުންދާ އިރު އެކަމަށް ސީދާ ހުއްޓުމެއް އަންނާނެ އިރެއް ބުނަން ނޭނގޭ ކަމަށް ޖިއޮލޮޖިސްޓުން ބުނެއެވެ. ލެ ޕާލްމާގައި ސަލާމަތުން ހުރި އަޖައިބުކުރުވަނިވި މި ގޭގެ ފޮޓޯ ނަގާފައިވަނީ ފޮޓޯގުރާފަރެއް ކަމަށްވާ އެލްފޯންސޯ އެސްކަލެރޯ އެވެ.