މަނީ ލޯންޑަރިންގެ ކުށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތު ކުރެވޭނީ އެކައުންޓަށް ޖަމާވި ފައިސާއަކީ ގއ. ވޮޑަމުލާގެ ފައިސާކަން ސާބިތުކޮށްދީގެން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފައިވަނީ ވޮޑުމުލާ ކުއްޔަށް ދީގެން އެމްއެމްޕީއާރުސީއަށް ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގެ ކަރަންޓު އެކައުންޓަކަށް އެއް މިލިއަން ޑޮލަރު އެސްއޯއެފުން ވަނީ ޖަމާކޮށްފައެވެ. އެސްއޯއެފް ކުންފުންޏަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ ބޮޑަށް ބައިވެރިވި ކުންފުންޏެވެ.

ކުރިމިނަލް ކޯޓުންނާއި ހައި ކޯޓުން ވަނީ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފައެވެ. ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދަނީ ހައި ކޯޓުގެ ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތަކެވެ. ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ޔާމީން ލޯންޑާ ކުރެއްވީ ސީދާ ވޮޑަމުލާގެ ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށެވެ.

ދައުލަތުގެ ވަކީލުގެ ވާހަކަތަކަށް ރައްދު ދެއްވައި ޑރ. އަބްދުﷲ ދީދީ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލޯންޑާކުރީ ވޮޑަމުލާގެ ފައިސާކަން ސާބިތުވެގެން ނޫނީ ޔާމީންގެ މައްޗަށް ކުށް ސާބިތު ނުކުރެވޭނެ ކަމަށެވެ. ލޯންޑާކުރީ ވޮޑަމުލާގެ ފައިސާކަން ދައުލަތަށް ސާބިތު ނުކޮށްދެވޭނަމަ ކުށުގެ އުންސުރު ހަމަނުވާނެ ކަމަށް ވެސް ޑރ. އަބްދުﷲ ދީދީ ވިދާޅުވިއެވެ.

"ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާކަމުގައި ދައުލަތުން ދައުވާކުރާނަމަ، އެކަން ސާބިތު ކުރުމުގެ އިތުރުން އެ ފައިސާއަކީ ގާނޫނު ނަންބަރު 10/2014 ގެ ހަތްވަނަ މާއްދާއާ ހަވާލާދީ ކޮން ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން ވެސް ސާބިތުކޮށް ދިނުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް،" އަބްދުﷲ ދީދީ ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ޔާމީންގެ އެކައުންޓަށް ޖަމާވީ ވޮޑަމުލާގެ ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭކަމަށް ދައުލަތުން ވިދާޅުވިޔަސް ދަށު ކޯޓުތަކުގެ އަޑުއެހުންތަކުގައި ދައުލަތުން ވިދާޅުވެފައި ވަނީ ޔާމީންގެ އެކައުންޓަށް ޖަމާވެފައި ވަނީ ވޮޑަމުލާގެ ފައިސާ ކަމަށެވެ. ޑރ. އަބްދުﷲ ދީދީ ފާހަގަކުރެއްވި ކަންކަން ޔާމީންގެ ގާނޫނީ ޓީމުން ވެސް ވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ.

އެ އަޑުއެހުމުގައި ދައުލަތުން ވިދާޅުވެފައި ވަނީ، ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެއީ ދަށު ކޯޓުތަކުގައި ފާހަގަ ނުކުރާ ނުކުތާތައް ސުޕްރީމް ކޯޓުގައި ޔާމީންގެ ފަރާތުން ފާހަގަކުރާތީއެވެ. ދައުލަތުން ވަނީ ޔާމީންގެ ބައެއް އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދިނުމަށް ވެސް ދެކޮޅު ހަދައިފައެވެ. ނަމަވެސް ޝަރީއަތުން ހުރިހާ ނުކުތާތަކަށް ޖަވާބުދާރީވާން އެންގުމުން ދައުލަތުން ވަނީ ޖަވާބުދާރީވެފައެވެ.