ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވާނީ ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ރާއްޖެއަށް ކުރައްވާ ދަތުރުފުޅެއްގައި ކަމަށް ރާއްޖެއިން ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލު ވިދާޅުވެއްޖެއެވެ.

ސައުދީގައި އިނގިރޭސި ބަހުން ނެރެމުން އަންނަ ނޫހެއް ކަމަށް ވާ، އަރަބް ނިއުސް އަށް ހަލީލު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސަލްމާން މިސްކިތަކީ ރާއްޖެ އާއި ސައުދީ އަރަބިއާއާ ދެމެދު އޮންނަ އަހުވަންތަ ގުޅުން ރަމްޒުކޮށްދޭނެ ތަނެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލު ރަމްޒުކޮށްދޭނެ ބިނާއެއް ކަމަށްވެސް ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ، ސަލްމާން މިސްކިތުގެ މަސައްކަތް ނިމި، ވަލީއަހުދު މުހައްމަދު ރާއްޖެއަށް ކުރައްވާ ދަތުރުފުޅެއްގައި އެ މިސްކިތް ހުޅުވަން ނިންމާފައިވާ ކަމަށެވެ. ސީދާ ތާރީހެއް ވިދާޅެއްނުވެ އެވެ.

ނަމަވެސް ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާތަކެއް ކުރުމަށް ސައުދީ ސަރުކާރުގެ ވަފުދެއް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެ ވަފުދުން ވަނީ އަންނަ އަހަރު ރޯދަ މަސް އައުމުގެ ކުރިން މިސްކިތް ހުޅުވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ސައޫދީ ރަސްގެފާނުގެ އެހީގައި މާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އިމާރާތް ކުރަން ހަމަޖައްސައި، އެކަމާ ގުޅޭ މަސައްކަތްތައް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައެވެ. އެ މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ)ގެ ބަޖެޓަކާއެކުއެވެ.

އެ މިސްކިތް މީގެ ކުރިން ހުޅުވަން ނިންމާފައި އޮތީ މިދިޔަ އަހަރު މާޗު މަހު ސައުދީގެ އިސްބޭފުޅުން ވަޑައިގެންނެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މިސްކިތް ހުޅުވުން ފަސްކުރި ގޮތަށް، އަދިވެސް އެތަން ހުޅުވައިފައެއް ނުވެއެވެ.