ސައިބާ އެޓޭކްތަކުން ރައްކާތެރިވުމަށް ވިޔަފާރިތަކުގެ އަމިއްލަ ނެޓްވޯކްތައް ބޭނުން ކުރުމުގައި ޔުނިފައިޑް ތްރެޓް މެނޭޖްމެންޓް (ޔޫޓީއެމް) ހިދުމަތް ދިރާގުން ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ ޔޫޓީއެމް މެދުވެރިކޮށް ގެސްޓްހައުތަކާއި ހޮޓާތަކާއި މެދުފަންތީގެ ވިޔަފާރިތަކުން ފެށިގެން އެންމެ ބޮޑެތި ވިޔަފާރިތަކަށް ވެސް ރައްކާތެރިކަމާ އެކު ހިދުމަތް ދިނުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި ޔޫޓީއެމް މެދުވެރިކޮށް ސައިބާ އެޓޭކެއް އަންނަ ނަމަ ދެނެގަނެ އެކަން ރިޕޯޓް ކުރާނެއެވެ. އަދި ވިޔަފާރިތަކުން ބޭނުންކުރާ ނެޓްވޯކްގެ ޑޭޓާ ރައްކާތެރިކޮށްދޭނެ ކަމަށްވެސް ބުންޏެވެ.

މި ހިދުމަތް އެކުންފުނީގެ ބިޒް ފައިބާ ބްރޯޑްބޭންޑް ހިދުމަތް ހޯދާ ކަސްޓަމަރުންނަށް އެޑިޝަނަލް ހިދުމަތެއްގެ ގޮތުގައި ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. މި ހިދުމަތް ބޭނުން ކުރުމުން ޕްރައިވެޓް ނެޓްވޯކް ތެރޭގައި ހިންގާ ހުރިހާ މުއާމަލާތްތަކެއް ފަސޭހައިން މޮނީޓާ ކުރެވޭނެއެވެ.

ދިރާގުން ވަނީ އޮފީހުން ބޭރުގައި ހިންގާ މުއާމަލާތްތައް ރައްކާތެރިކަމާ އެކު ކުރުމަށް "ކްލައުޑް ވީޕީއެން" ހިދުމަތްވެސް ތައާރަފުކޮށްފައެވެ.