އަލަށް ވަޒީފާއަކަށް ދާއިރު އެތައް ހިޔާލުތަކެއް ބޮލުތެރޭގައި އެނބުރޭނެ އެވެ. ވަޒީފާގެ މާހައުލުގައި މީހުން ތިބާ ބަލައިގަންނާނެތޯ އާއި މަސައްކަތްތައް ކުރެވޭނެ ކަމުގެ ގާބިލިއްޔަތު ހުރި ކަމާމެދު އަމިއްލަ ނަފުސަށް ޝައްކު އުފައްދާނެ އެތައް ހިޔާލުތަކެއް އުފެދޭނެއެވެ.
ވަޒީފާގެ ކުރީކޮޅު މަސައްކަތަށް އަހުލުވެރިވުމަށާއި އޮފީހުގެ ސޮފްޓްވެއާތަކަށް ފަރިތަވުމުގެ އިތުރުން މުވައްޒަފުންނާ ގުޅުން ބަދަހިކުރުމަށް ވަގުތު ބޭނުންވެ އެވެ. މިކަންކަން ހާސިލުކުރެވުމުން ހަމަޖެހުމުގެ ނޭވާއެއް ލެވުނަސް ވެރީންނަށް ތިމާގެ މަސައްކަތްތައް ބަލައިގަނެވޭ ކަމާމެދު ހިތުގައި އުފައްދާ ޝައްކު އެތައް ދުވަހެއް ވާންދެން ދެމިހުންނަ ގޮތްވެ އެވެ. މިކަމާ މެދު ވިސްނައި ފިކުރުބޮޑުވުމުގެ ބަދަލުގައި އަންނަނިވި ކަންކަމަށް ސަމާލުކަން ދޭށެވެ.
ކޮންމެ ދުވަހަކުވެސް ވަޒީފާއަށް ދަނީ ދާހިތުން ކަމަށް ވާނަމަ އަދި ދުވަހުގެ މަސައްކަތްތައް ބަރާބަރަށް ނިންމައިލެވޭނަމަ އެކަމުން ތިޔައީ މަސައްކަތުގައި ރަނގަޅު މީހެއްކަން އަންގައިދެއެވެ. އަދި ވަޒީފާ އަދާކުރަނީ ވަރަށް ޖޯޝުގައި، ކަމަށް ގަޔާވެގެން ކަމަށް ވާ ނަމަ މިއީ ހަމަ ޔަގީނުންވެސް އޮފީސް މާހައުލުގައި ތިމާއަށް ހުރިހާ ކަމެއް ރަނގަޅަށް ދާ ކަމުގެ ހެޔޮ ފާލެކެވެ.
ކަންކަމުގައި ލަފައަކަށް އެދި ނުވަތަ ފެންނަ ގޮތެއް ބުނުމަށް އެކުގައި މަސައްކަތްކުރާ މީހުން އަދި ވެރިން ތިބާ ގާތު އެހުން ހަމަގައިމުވެސް ހިތްހަމަޖެހުމަކަށް ވާނެއެވެ. ނަމަވެސް އޮފީސް ބައްދަލުވުންތަކުގައި ތިބާގެ މަޝްވަރާއަށް ވެރިން އަހާނަމަ މިއީ މަސައްކަތްތައް ބަލައިގަންނަކަމުގެ ފެހި ސިގުނަލެކެވެ. އެހެނީ އެކަމުގެ ސަބަބުން އެ ބުނެދެނީ ތިބާގެ ތަނަވަސް ހިޔާލަށް އިހުތިރާމުކޮށް އެކަން ބަލައިގަންނަކަމެވެ.
މަސައްކަތެއް ފުރިހަމައަށް ކޮށް ނިންމާލުމަށް ބޮސް ނުވަތަ މެނޭޖަރު އެކަމެއްގެ ޒިއްމާ އެންމެ އަވަހަށް ހަވާލުކުރަނީ ތިބާއަށެވެ. އަދި ކުންފުނި ރަމްޒުކޮށްދިނުމަށާއި ޕްރޮޖެކްޓްތަކުގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހަމަޖައްސާ ފަރާތަކީ ތިއީ ކަމުގައިވާނަމަ މަސައްކަތުގައި ތިބާއަކީ ކާމިޔާބު މީހެކެވެ. އޭގެ އިތުރުން ވެރިމީހާ ބައްދަލުވުމެއްގައި ނުވަތަ ރަށުން ބޭރުގައި ހުންނައިރު ކަންކަމުގައި ގުޅާނެ ފަރާތެއްގެ ގޮތުގައި ހިމަނާ މީހަކީ ތިއީ ކަމުގައި ވާނަމަ، ތިޔައީ ވަޒީފާގެ މާހައުލުގައި ތަރިއެކެވެ.
އެކުގައި މަސައްކަތްކުރާ މުވައްޒަފުން، ވަޒީފާގެ ތެރެއިން ނޭނގޭ ކަންކަން އޮޅުންފިލުވުމަށާއި ކަންކަމުގައި މަޝްވަރާ ހޯދަން އެންމެފުރަތަމަ އެނބުރެނީ ތިބާއާ ދިމާއަށް ކަމަށް ވާ ނަމަ، ތިޔައީ ކުންފުނީގެ އަގުހުރި ރައުސްމާލެކޭވެސް ބުނެވިދާނެއެވެ. އެހެނީ އެންމެންގެ ނަޒަރުގައި ތިއީ ހުރިހާ ކަމެއްގެ ހައްލު ހޯދައިދެވޭނެ ވަރުގެ މީހެކެވެ.
ތަނެއްގައި މަސައްކަތްތައް އާއްމުކޮށް ހަވާލުކުރާނީ މީހަކާ ގުޅިގެން ނުވަތަ ސުޕަވައިޒަރެއްގެ ބެލުމުގެ ދަށުން ކުރާ ގޮތަށެވެ. ނަމަވެސް އިތުރަށް ސުޕަވައިޒުކުރަން ނުޖެހޭ ފެންވަރަށް ވަޒީފާގެ ޒިއްމާ އަދާކުރާނެކަން ވެރިންނަށާއި އެކުގައި މަސައްކަތްކުރާ މީހުންނަށް ތިބާއާ މެދު ޔަގީން ކުރެވޭނަމަ އޮފީސް މާހައުލުގައި ތިޔައީ ވަރަށް ކާމިޔާބު މީހެކެވެ.
ތިބާއަށް މުހާތަބު ކުރާއިރު އިހުތިރާމުކުރާކަން ފާހަގަކުރެވޭނެ އެވެ. އިހުތިރާމު ކުރާކަން މީހުން ވާހަކަ ދައްކާއިރު ފާހަގަކުރެވޭ ނަމަ، އެއީ ތިބާގެ މަސައްކަތްތައް އެފަރާތްތަކުން ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށް ފުދޭނެއެވެ.
އެކުގައި މަސައްކަތްކުރާ ފަރާތްތަކުންނާއި ވެރިންގެ ކިބައިން ތިބާއަށް ތައުރީފުގެ ބަސްތައް ކޮންމެވެސް ވަރަކަށް ލިބޭނެ އެވެ. ސީދާ ދިމާލަށް މިފަދަ ބަސްތައް ނުބުނިކަމުގައިވިނަމަވެސް، އެހެން މީހެއް ގާތު މަސައްކަތުގެ ގޮތުން ތިބާއަށް ތައުރީފު ކުރުމަކީވެސް މަސައްކަތްތައް ބަލައިގަންނަކަން ރަމްޒު ކޮށްދޭ ކަމެކެވެ.
މަސައްކަތުގައި އުޅޭއިރު ގަޑި އަރައިގެން ދާ ގޮތް ނޭނގުމަކީ ވަގުތު މެނޭޖު ކުރަން ނޭނގުމެއް ނޫނެވެ. ގިނަފަހަރަށް ޝައުގުވެރި ކުރުވައި ކަމެއްގައި މަސްއޫލުވެ އުޅުމުގެ ސަބަބުންވެސް މިހެން ވެއެވެ. ވަޒީފާ އަދާކުރަނީ ކުރާ ހިތުން ނޫންކަމުގައި ވާ ނަމަ، ބައެއް ފަހަރު ދުވަސް ދިގުވާ ކަމުގެ އިހުސާސު ކުރެވޭނެ އެވެ. އެހެންކަމުން މަސައްކަތުގައި އުޅޭއިރު ދުވަސް ދާ ގޮތް ނޭނގުނަސް އެއީ މައްސަލައެއް ކަމަށް ނުދެކޭށެވެ. އެކަމުން އެނގެނީ ތިބާ މަސައްކަތުގައި ކޮންމެ ދުވަހަކު ލަނޑުދަނޑިތައް ހާސިލުކުރަމުން ދަނީ މަސައްކަތަށް ޝައުގުވެރިވެގެން ކަމެވެ.
ދެން ބަލައިލާށެވެ. މަތީގައި މި ބުނެދެވުނު ކަންކަމުގެ ތެރެއިން ތިބާގެ ފުށުގައި ހުރީ ކިތައް ކަންތައް ހެއްޔެވެ؟ ތިއީ ކާމިޔާބު މީހެއް ތޯ ނިންމަން މިހާރު އުނދަގުލެއް ނުވާނެ އެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް