އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ހެލްކޮޕްޓަރުތައް ދުއްވަން ދިވެހި ސިފައިން ތަމްރީނުކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފުން މިހެން ބުނެފައިވާ އިރު، އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން ދިވެހި ސިފައިންގެ ފައިލެޓުން ތަމްރީނު ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ތިން ސިފައިން ތަމްރީނަށް ފަހު ރާއްޖެ އައިސްފައިވާ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރު ވެސް ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިންޑިއާއިން އެމްއެންޑީއެފްގެ ޕައިލެޓުން ތަމްރީން ކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް އެމީހުން ދުއްވަން ފަށާނެ ކަމަށެވެ.
"އެ މީހުންނާ އެޕޮއިންޓްމަންޓް ހަވާލުކުރުމާއި އެހެނިހެން އިދާރީ ކަންކަމާއި ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން،" އަދުނާން ވިދާޅުވިއެވެ.
އިންޑިއާއިން ރާއްޖެއަށް ފުރަތަމަ ހެލިކޮޕްޓަރެއް ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެ ހެލިކޮޕްޓަރު އައްޑޫގައި ބާއްވާފައި އޮންނަ އިރު، އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ގަމުގައެވެ. އެ ހެލިކޮޕްޓަރުތައް ދުއްވަނީ އިންޑިއާ ސިފައިންނެވެ.
ޚަބަރު
ޚަބަރު