ދ. ކުޑަހުވަދޫ މަގުތަކުގެ ތާރު އެޅުމުގެ މަސައްކަތް ރޯޑު ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކުޑަހުވަދޫ މަގުތަކުގައި ތާރު އެޅުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހަސަން ސައީދެވެ.

މި މަޝްރޫއުގެ ދަށުން 5.85 ކިލޯމީޓަރުގެ މަގުތަކުގައި ތާރު އެޅުމާއި މަގުގެ ފެންހިންދާ ނިޒާނު ގާއިމު ކުރުން ހިމެނެއެވެ. އޭގެ އިތުރުން މަގުބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫއު ތެރޭގައި ހިމެނެއެވެ.

މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ ޖުމުލަ 122.8 މިލިއަން ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.