އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއު ޔޯކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަޑައިގެންފިއެވެ.

ނިއުޔޯކުގެ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓުން ރައީސަށް މަރުހަބާ ދެންނެވީ އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އެމެރިކާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިނެވެ.

މި ދަތުރުފަތުރުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސް ސޯލިހު ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ. މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކާއި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ރައީސް އޮފީހުން ބުނީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި އެ މަޖިލީހުގެ ރައީސްގެ މަގާމު މިފަހަރު ދިވެއްސަކު ފުރުއްވަމުން ގެންދަވާކަމީ ރާއްޖެ، އދ. އާ ގުޅުނުތާ މިވީ ދިގު ތާރީހުގައި ވެސް ރާއްޖެއަށް ނުލިބޭ ފަދަ މުހިންމު ކާމިޔާބީއެއް ކަމަށެވެ.

ރައީސް ސޯލިހު އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.