ފަސްވަނަ ޖީލުގެ މަސްދޯނި ފަހަރު ފަރުމާކުރުމަށް ހަވާލުކޮށްފިއެވެ.
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަސްދޯނި ފަހަރު ފަރުމާކުރުމަށް ހަވާލުކޮށްފައި ވަނީ ޕްރިސިޝަން މެރިން ޕްރައިވެޓް ލިމިޓެޑާއެވެ. އެކަމުގެ އެއްބަސްވުމުގައި އެސްޑީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނަދެވެ. ޕްރިސިޝަންގެ ފަރާތުން ސޮއިކުރެއްވިީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އުމަރު މަނިކެވެ.
އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ބައިވެރިވެލެއްވިއެވެ.
އެސްޑީއެފްސީން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޔަތު ކުރިއަރުވައި ތަރައްގީ ކުރުމަށް މި ސަރުކާރުން އަޅައިފައިވާ ބިންގާ އިތުރަށް ވަރުގަދަވެގެންދާނެ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ. އަދި މި އާ ފަރުމާގެ ސަބަބުން މަސްވެރިންގެ އަތުން ތެލަށް ކުރާ ހަރަދު ކުޑަކުރެވި ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ހުރި އާމްދަނީއެއް ހޯދުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށްވެސް ބުންޏެވެ.
އެސްޑީއެފްސީން އިތުރަށް ބުނީ ރާއްޖޭގެ އިގުތިސޯދު ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި ބޭނުންވާ ލޯނުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްޑީއެފްސީން އިސްކަންދޭ ދާއިރާތަކުގެ ތެރެއިން އެއް ދާއިރާއަކީ މަސްވެރިކަމުގެ ދާއިރާ ކަމަށެވެ. އެގޮތުން އެސްޑީއެފްސީން މިހާތަނަށް މަސްވެރިކަމުގެ ދާއިރާއިން 215 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު މަސްދޯނި ފަހަރާ ގުޅުންހުރި 145 މިލިއަން ރުފިޔާގެ 71 ލޯނު ދޫކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު