ވާހަކަ

ޖޫދް - 22

1

ބާވީސްވަނަ ބައި

ފިހާރައަށް އެޅި ފުރަތަމަ ފިޔަވަޅާ އެކު ޖޫދަށް ލިބުނީ ހައިރާން ކަމެކެވެ. ކައުންޓަރުގައި އިނީ ފިހާރައަށް އަލަށް ވެއްދި ކުއްޖެކެވެ. ފިހާރައިގެ ތެރޭގައި އެންމެ ކަސްޓަމަރުން ގިނަ ވަގުތެވެ. ކައުންޓަރުގައި އިންނަ ކުއްޖާ ފެނޭތޯ ބަލަމުން ގޮސް ޖޫދު ކައުންޓަރު ކައިރީގައި ހުއްޓުނެވެ.

"ކޮބާ އައްޔަ" ކައުންޓަރުގައި އިން ވާރިޝް ޖޫދަށް އިހުތިރާކުމުރުމުގެ ގޮތުން ކޮޅަށް ތެދުވެލިއެވެ. "ބޭންކަށް ދިޔައީ" ވާރިޝް ބުންޏެވެ.

"ބެންކަށޭ. ކީއްކުރަން މިވަގުތު" ޖޫދު ބުންޏެވެ. ވާރިޝް އެއްކައިރިއަކަށް ޖެހުމުން ވަށާލާފައި ގޮސް ޖޫދު ގޮނޑީގައި އިށީނެވެ.

"އާނ. އަދި އެބަހުއްޓޯ ޖަމާނުކުރެވޭ ފައިސާ" ވާރިޝް ބުންޏެވެ. "ބުނި ވަރަށް އަވަހަށް އަންނާނަމޭ"

"އޯކޭ. ވާރިޝް ދޭ ކަސްޓަމަރުން ކައިރިއަށް" ލާރި ވަތްގަނޑު ހުޅުވާލަމުން ޖޫދު ބުންޏެވެ. އޭނާއަށް ބަލަހައްޓައިގެން ހުރި ވާރިޝްގެ ތުންފަތް މައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިކުރުވިއެވެ. އޭނާ ދިޔައީ އިރުކޮޅެއް ވަންދެން ޖޫދަށް ބަލަހައްޓައިގެން ހުރެފައެވެ.

ތަޅުލާފައި ހުރި ވަތްގަނޑު ހުޅުވާލާފައި ޖޫދު ނެގީ ނޫ ކުލައިގެ ފައިލެކެވެ. އޭގެތެރެއިން ފަހަރަކު ކަރުދާސްގަނޑެއް ނަގައިގެން ޗެކު ކުރަމުން ދިޔައެވެ. އެންމެފަހު ގަނޑުގައި ސޮޔާއި ފިންގަ ޕްރިންޓް ޖަހަން އިންތަން ހުސްކޮށް އިނުމުން އޭނާ ހައިރާންވިއެވެ. އެއްބަސްވުން ކިޔާ ނިންމާފައި ސޮޔާއި ފިންގަ ޕްރިންޓް ޖެހި ހަނދާން އޭނާ ވިއެވެ. އެކަމަކު އެބައި ހުސްކޮށް އޮތުމުން އޭނާގެ ހަނދާނާ މެދު ހިތުގައި ޝައްކު އުފެދުނެވެ. ދެފަރާތަށް ބޯހޫރާލާފައި އަލުން އެބައި ފުރިހަމަކުރިއެވެ. އޭނާ ހަނދާން ބަލިވީ ކަމަށް އަމިއްލައަށް އޭނާ ނިންމައިފިއެވެ. އެއީ އޭނާ ޕިކަޕެއް ގަންނަން ވެގެން ބަޔަކާ އެކު ހެދި އެގްރިމެންޓެކެވެ. އެ ލިޔުންތައް ބަހައްޓާފައި ރޭގައި އޭނާއަށް ގެއަށް ދެވުނީ ހަނދާން ނެތިއެވެ.

"ވާރިޝް" ކަސްޓަމަރަކަށް އެހީތެރިވާން ހުރި ވާރިޝް ބަލައިލިއެވެ. "އައްޔަ އައިމަ ބުނައްޗެ މަށަށް ގުޅާށޭ" ޖޫދު ބުންޏެވެ.

ޖޫދު ނުކުމެގެން ގޮސް ސައިކަލުގައި ދުއްވާލަންދެން ވާރިޝް ބަލަހައްޓައިގެން ހުއްޓެވެ. އެއަށްފަހު އޭނާ ގޮސް ހުއްޓުނީ ކައުންޓަރު ކައިރީގައެވެ. އޭނާ ފޮރުވާފައި އޮތް ތަނުން ޖޫދު ގެންގުޅުނު ކަހަލަ ފައިލެއް ނެގިއެވެ. އޭގެއަށް ނަޒަރެއް ދެވުމާއެކު އޭނާގެ ނުލަފާ ގޮތަކަށް ހީލައިފިއެވެ.

"ޖޫދު. މިއީ ކަލޭގެ ބަރުބާދީގެ ފެށުން" ވާރިޝް ބުންޏެވެ.

ގޭތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ވަގުތަކީ މެންދުރު ފަހުގެ ވަގުތެވެ. އަންބަރް ކޮޓަރީގައި އޮވެފައި ނުކުތީ ބަނޑުހައިވެގެންނެވެ. ޒަހާ މެންދުރު ނަމާދުކޮށްގެން އަދި ނުނިކުމެއެވެ. އަންބަރް ބަދިގެއަށް ވަންއިރު މޭޒު މަތީގައި ކާން ތައްޔާރުކޮށްފައި ހުއްޓެވެ. އޭނާ ފަހަރަކު ތައްޓެއްގެ މަތިނަގާފައި ބެލިއެވެ. ހޫނު ގަރުދިޔަ އާއި ގަރުދިޔަ ބޮލާއި ބަނޑައިދުލާ ފެނުމުން އަންބަރް ހޮޑުލަވައިގަތެވެ. އޭނާ މޫނު ކުނިކޮށްލާފައި ވައްތަރެއް ޖައްސާލިއެވެ. އެމަންޒަރު ބަލަހައްޓައިގެން އޭނާއާ ދާދި ކައިރީގައި ނީލަމް ހުރި ކަމެއް ނޭނގެއެވެ.

"ސިއްސައިގެނޭ އެދިޔައީ" އަންބަރް ބުންޏެވެ. އަންބަރް ޖެއްސި ހުރިހާ ވައްތަރުތަކެއް ނީލަމަށް ފެނުނެވެ. އޭނާ އިތުރަށް އަންބަރް ދެކެ ފޫހިވެއްޖެއެވެ. ހިތްމޮޅުވިޔަސް ބޮޑުވަރެވެ.

"ތީ...ތީ މިގޭ މެއިޑު ދޯ" އަންބަރް ބުންޏެވެ. ނީލަމްގެ ދެބުމަ ގޮށްޖެހުނެވެ. "އަހަރެން އެއްވެސް އިރެއްގައި ގަރުދިޔައެއް ނުކަން. އަހަރެންނަށް ޕާސްތާ ހަދައިދީބަލަ" އަންބަރް ބުންޏެވެ. "ޗީޒް އަޅާފަ އިނގޭ ހަދާނީ" އަންބަރްގެ އަޑުގައިވަނީ އަމުރުވެރި ރާގެކެވެ. ނީލަމް ހުރިތަނުން ގުޑާވެސްނުލައެވެ. އަންބަރަކީ ކޮން ފެންވަރެއްގެ މީހެއްކަން އެންމެ ހިނދުކޮޅަކަށްވެސް އޭނާ ހަނދާނެއް ނެތެއެވެ.

"އަހަރެންނަކީ ކަލޭގެ ނޯކަރެއް ނޫން" މޫނުފޮތިކޮޅު ބޯމައްޗަށް އުފުލައިލަމުން ނީލަމް ބުންޏެވެ. "އަދި މިގޭ މެއިޑެއްވެސް ނޫން" ނީލަމް ބުންޏެވެ. އޭނާގެ އަޑު މަޑަސް ކުޑަ ހަރުކަށި ކަމެއް ހުއްޓެވެ. އަންބަރަށް ހުރެވުނީ ނީލަމްއަށް ބަލަހައްޓައިގެންނެވެ.

"ވަޓް...؟" އަންބަރަށް ބުނެވުނެވެ.

"ކަލޭގެ ސަބަބުން އެކަކުގެ ދިރިއުޅުމެއް ނޫން ބަރުބާދުވެގެން ދިޔައީ. އަނެއްކާ ތިއުޅެނީ އަނެއް ބައެއްގެ މުޅި ދިރިއުޅުން ހަލާކުކޮށްލަން. އަހަރެން ކަލެއަށް އެކަން ކާމިޔާބުވިޔަކަ ނުދޭނަން" ނީލަމް ބުންޏެވެ.

ފުރަތަމަ ފަހަރަށް އަންބަރް މީހަކު ދެކެ ޖެހިލުންވިއެވެ. ނީލަމްގެ މޫނަށް ބަލަހައްޓައިގެން އޭނާ ހުރީ އެއީ ކާކުކަން ދެނެގަތުމަށްޓަކައެވެ. ނީލަމް ފެނުނު ފުރަތަމަ ދުވަހުވެސް އޭނާއަށް ދަންނަ މޫނަކާ ވައްތަރުވިއެވެ.

"ރަނގަޅަށް ބަލާ. އަހަރެން މިއީ ކާކުކަން ހަނދާންވަންދެން ބަލާ" އަންބަރް ބަލަހައްޓައިގެން ހުންނަން ފެށުމުން ނީލަމް ބުންޏެވެ. އަންބަރް ޖަވާބެއްނުދިނެވެ. އިތުރަށް ނީލަމްގެ ކުރިމަތީގައި އޭނާގެ ހެދުން ބޭލިދާނެތީ ހިނގައިގަތެވެ.

"ކިހިނެއްވީ؟ ހަނދާން ނުވިތަ؟" ހިނގައިގަތް އަންބަރްގެ އަތުގައި ނީލަމް ހިފެހެއްޓިއެވެ.

"ތިއީ ލިބާގެ ކޮއްކޮ ނޫންނަމަ އަހަރެން ކަލޭ މުޅި ދުނިޔޭގެ ކުރިމަތީގައި ބޭޒާރު ކުރީމުސް" ނީލަމް ބުންޏެވެ.

"ދޫކުރޭ އަހަރެން އަތުން. އަހަރެންނަށް ނޭނގޭ ތިއީ ކާކު ކަމެއް" އަންބަރް ބުންޏެވެ. އޭނާގެ އަތަށް ނީލަމް ލުއި ދިނުމާ އެކު ހިނގައިގަތެވެ. ބާރަށް ހިނގާފައި ގޮސް އޭނާ ވަނީ ކޮޓަރިއަށެވެ.

އެނދުގައި އިށީންގޮތަށް އޭނާއަށް ނިޔަފަތި ހެފެން ފަށައިފިއެވެ. ނީލަމްގެ ވާހަކަތަކުން މާބޮޑަށް އޭނާ ހާސްކުރުވައިފިއެވެ. އޭނާ އާއި ވާރިޝްގެ ގުޅުން ނީލަމަށް އެނގޭކަން ޔަގީނެވެ. އެހެން ނޫނީ އެފަދަ ވާހަކައެއް ނީލަމް ނުދައްކާނެއެވެ.

ޖީބުގައި އޮތް ފޯނު ނަގާފައި އޭނާ ގުޅީ ވާރިޝްއަށެވެ.

ކެފޭއެއްގެ ތެރޭގައި ކޮފީތައްޓެއް ހިފައިގެން ވާރިޝް އިނެވެ. އަންބަރްގެ ކޯލު އަންނަން ފެށީ އޭނާ ފޯނަށް ބަލަހައްޓައިގެން އިންދައެވެ. އެ ފޯނު ކޯލު އޭނާއަށް މުހިންމު ނުވިއެވެ. ފޫހިކަމާ އެކު އޭނާއަށް ފޯނު ދުރުގައި ބޭއްވިއެވެ. އެހެން އިންއިރު އިރުކޮޅަކާ އޭނާގެ ލޯމައްޗަށް ނީލަމް ބަލަހައްޓައިގެން ހުރި ގޮތް ސިފަވަމުން ދިޔައެވެ.

"މިރަށުގަތަ މިހުރިހާ ދުވަހު އުޅުނީ" ވާރިޝްގެ ހިތަށް އެރިއެވެ. އޭރުވެސް އޭނާގެ ފޯނަށް ހުއްޓުމެއްނެތި އަންބަރް ގުޅަމުން ދިޔައެވެ. އެންމެ ފަހުން އޭނާ ފޯނު ނެގީ ބޮލަށް އުނދަގޫ ވެގެންނެވެ.

"އަހަރެން ފަހުން ގުޅާނަން. ވަރަށް ބޮލުގައި ރިއްސާތީ މިއުޅެނީ" ފޯނު ނެގި ގޮތަށް ވާރިޝް ބުންޏެވެ.

"ނީލަމް ދަންނަންތަ؟" ފުރަތަމަވެސް އަންބަރް އެހީ އޭނާ ބޮލަށް އުނދަގު ކުރަމުން ދިޔަ ސުވާލެވެ. "އަހަރެން މިއެހީ ނީލަމް ކިޔާ މީހަކު ދަންނަންހޭ. ވާރު... އެބަ އިނިންތަ؟ ޖަވާބުދީބަލަ. އަހަރެމެން ދެމީހުންގެ ހުރިހާ ކަމެއް އޭނާއަށް އިނގޭ"

ވާރިޝްއަށް ދެލޯ މަރައިލެވުނެވެ. އެ ސުވާލު އަންބަރް އޭނާއާ ކުރާނެކަން މާކުރިންވެސް އޭނާއަށް އިނގެއެވެ. ނީލަމްއާ އަންބަރް އެއް ގެއެއްގެ ތެރޭގައި އުޅޭ ކަމަށްވާނަމަ ނީލަމްގެ އުނދަގޫތައް އަންބަރަށް ކުރިމަތިވާނެއެވެ. ވާރިޝްގެ ބޮލުގައި ރިއްސައިގަނެއްޖެއެވެ.

"ވާރު، އަހަރެން ވާރު އާއޭ ވާހަކަ މިދައްކަނީ" އަންބަރްގެ އަޑު ކުރިއަށް ވުރެ ބާރުވިއެވެ. ފޯނުގައި އިންކަން އަންބަރަށް އަންގާލަން ވާރިޝް އަޑެއް ލައްވާލިއެވެ.

"އަހަރެން މިއަހަނީ އެއީ ކާކުހޭ. އޭނަ މިގޭތެރޭގައި އުޅެންޏާ އަހަރެން އެއްވެސް ކަމެއް ކުރިޔަ ނުދޭނެ" އަންބަރް ބުންޏެވެ.

އަހަރެންނާ ބައްދަލުވާނެތަ؟ މިގަޑީގަ. ޓޫވަންޓޫ ކެފޭ އިން"

ތައްޔާރުވެގެން އަންބަރަށް ނުކުމެވުނީ ޒަހާ ގޮވައިގެން ކޮޓަރިން ނުކުތް ނީލަމްގެ ކުރިމައްޗަށެވެ. އަންބަރަށް ހުއްޓެވުނީ ބިރެއް ފެނިގެން ހުއްޓުނު ކަހަލަ ގޮތަކަށެވެ. އަންބަރަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"އިބާ، ދަރިފުޅު. މެންދުރު ކާ ގަޑި ޖެހުނީއެއްނު" ޒަހާ ބުންޏެވެ.

"އެބަ އަންނަން" އަންބަރް ބުންޏެވެ.

"ކޮންތާކަށް ތިދަނީ. ހާދަ އަވަސް އަރުވާލާފަ" ޒަހާ އެހިއެވެ. ނީލަމް ފާޑަކަށް އަންބަރަށް ބަލަހައްޓައިގެން ހުއްޓެވެ.

"ގެއިން މުހިންމު އެއްޗެއް ބަލާ. ވަރަށް އަވަހަށް އަންނާނަން" އަންބަރް ބުންޏެވެ. ޒަހާއަށް އިތުރަށް އެއްޗެއް ނުބުނެވެނީސް އަންބަރް ނުކުމެގެން ދިޔައެވެ. ނީލަމްގެ ފޯނަށް މީހަކު ގުޅީވެސް އެވަގުތުގައެވެ.

"ޖޫދު. އަނެއްކާ ކިހިނެއްވީބާ؟" ނީލަމް ބުންޏެވެ. އެގެއަށް ނީލަމް އައިފަހުން ޖޫދު އޭނާއަށް ވަރަށް ނުގުޅައެވެ.

"ޒަހާއްތަ ސޯފާ ކައިރީގައި މަޑުކޮށްލާނަން ޖިޔާ އަންނަންދެން" ޒަހާ ބުންޏެވެ. "ރިމޯޓްދީފަ ދޭ" ނީލަމް ބެލްކަންޏަށް ނުކުތީ ޒަހާ އެދުނު ފަދައިން ކަންތައް ކޮށްދީފައެވެ.

ޖޫދު އެދުނީ އޭނާއަށް ޖިޔާ ނަގަން ސްކޫލު ކައިރިއަށް ނުދެވޭނެ ކަމަށެވެ. އޭނާ ނީލަމްގެ ކުރިން އެދުނީ އެކަމަށް އެހީއަކަށެވެ. ވަގުތުން ނީލަމް އެއްބަސްވިއެވެ. ސްކޫލު ކައިރިއަށް ގޮސް ޖިޔާ ގެއަށް ގެނައުމަކީ އޭނާއަށް ބުރަ ކަމެއް ނޫނެވެ.

ޒަހާ ކައިރީގައި ބުނެފައި ނީލަމް ބޭރަށް ނުކުތެވެ. ލިފްޓުން އޭނާއާ ބައްދަލުވީ އަލިޝްބާއެވެ. އެކަކު އަނެކަކަށް ބަލައިލާފައި ދެ އެކުވެރިން ހީލައިފިއެވެ.

"އައިމަން މިއަދު ބަލި ދުވަހެއް. އެހެންވެ ގަމޫ ބަލާ މިދަނީ" އަލިޝްބާ ބުންޏެވެ.

"އޭ މަވެސް. ޖީއްކޮ ބަލާ. ޖޫދު ބިޒީކަމުން ނުދެވިގެން" ހީލަމުން ނީލަމް ބުންޏެވެ.

"އަސްލުތަ. މާ ރަނގަޅަކަށްނު މިދިމާވީ"

ސްކޫލު ކައިރީން ދެކުދިން ނަގައިގެން އަލިޝްބާ އާއި ނީލަމް އައީ ހިނގާލާފައެވެ. ފަހަތުގައި ތިބި ގަމަރާއި ޖިޔާ އެކަކު އަނެކަކަށް ބަލައިލާފައި އިޝާރާތުން ވާހަކައެއް ދައްކައިފިއެވެ. ވާހަކައިގައި ތިބެފައި ފަހަތަށް ނީލަމް ބަލައިލީ ޖިޔާ އާއި ގަމަރުގެ ލަސްލަހުން ހިނގާތީއެވެ.

"ދޮންބެދައްތާ. ހިނގާ އޭނދަތަނުން ޖޫގޯ ގަނެގެން ގެއަށް ދާން" ގަމަރު ބުންޏެވެ. ގަމަރު އިޝާރާތްކޮށްގެން ހުރި ތަނަށް އަލިޝްބާ ބަލައިލިއެވެ. އެމީހުން ތިބި ހިސާބާ މާ ދުރުގައި ހުރި ތަނެއް ނޫނެވެ. ދީފައިވާ ގަދަ އަވީގެ ތެރެއިން އަލިޝްބާއަށް އެދިމާލަށް ބެލުނީވެސް ލޯކުޑަކޮށްލާފައެވެ.

"ޒަހާއްތަ އެކަނި ގޭގަ" ނީލަމް ކަންބޮޑުވިއެވެ.

"ނީލަމްދައްތާ. ޕްލީޒް ދެން ހިނގާބަލަ. ލަހެއް ނުވާނެއްނު. ގަނެގެން ގެއަށް ގޮސްފައި ބޯނީ" ޖިޔާ ބުންޏެވެ.

"އޯކޭ ޝަރުތެއްގެ މަތިން. ޖޫގޯ ބޮޔަސް ބަތްކާން ޖެހޭނެ އިނގޭ" ނީލަމް ބުންޏެވެ.

ކައުންޓަރަށް ލާރި ދައްކާފައި ނީލަމް އެނބުރިލިތަނާ ކުރިމަތީ ހުރި ކެފޭ ތެރެއިން ނުކުތް އަންބަރް ފެނިއްޖެއެވެ. އަންބަރް ފަހަތުން ނުކުތް ފިރިހެން ކުއްޖާ ފެނިފައި ނީލަމް ގަނޑުވިއެވެ. ހުރެވުނީ ހުވަފެނެއްގައި ކަމަށް ހީކުރެވުނެވެ. އެހެންނަމަވެސް އެއީ ހުވަފެނެއް ނޫން ކަމާއި ކުރިމަތީގައި ހުރީ ހަގީގަތުގައި ވެސް ވާރިޝް ކަން އޭނާއަށް އިނގުނެވެ. ވާންވީ އުފާކަމެއް ދެރަކަމެއްވެސް ނޭނގުނެވެ. ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލީ ވާރިޝް އިބާ ކައިރީގައި ހުއްޓާ ފެނުމުންނެވެ.

"އެއީ އިބާ ތަ"؟ އެންމެފަހުން އަންބަރު އަލިޝްބާއަށް ވެސް ފެނިއްޖެއެވެ. "ކެފޭއިން ދޯ ނުކުތީ. އޯ ގޯޑް އިބާ ވާރިޝްއާއެކު" އަލިޝްބާއަށް ހީވީ އޭނާގެ ކުރިމަތިން ބިރުވެރި މަންޒަރެއް ސިފަވަމުން ދިޔަ ހެންނެވެ. އަންބަރްދެކެ އިންތިހާއަށް ރުޅިއައެވެ.

"އެދެމީހުން އެއްކޮށްތަ ކެފޭއިން ނުކުތީ" އަލިޝްބާ އެހިއެވެ. އޭނާ ބޭނުންވީ އިތުރަށް ޔަގީންކުރާށެވެ.

"ހީވަނީ" ކޮންމެވެސް ސަބަބަކާ ހުރެ ނީލަމްއަށް ތެދަށް ބުނަން ނުކެރުނެވެ.

މެންދުރުގެ ކެއުމަށްފަހު ނީލަމް އޭނާގެ ކޮޓަރިއަށް ވަނެވެ. ވާރިޝް ފެނުމުން އޭނާއަށް އެނޫން ކަމަކާ ނުވިސްނެއެވެ. އެހާ ދުވަސްފަހުން ފެނުމުން އޭނާގެ ހިތުގައި ލޯބި އުތުރިއަރައިގަތެވެ. ދުވަސްތަކަކަށްފަހު ފެނުނު އިރުވެސް ވާރިޝްގެ އަމަލުތައް ގޯސްކަން އޭނާއަށް އިނގިއްޖެއެވެ. ދެރަވެސް ވިއެވެ. ދުވަހަކުވެސް ސޯލިހު މީހެއްގެ ގޮތުގައި ވާރިޝް ނުފެންނާނީ ހެއްޔެވެ؟

"އަހަރެން ކިހިނެއް ވާރިޝް އާ ބައްދަލު ކުރާނީ؟" އެނދުގައި އިށީންދެފައި އަމިއްލަ ނަފުސަށް ނީލަމް ބުންޏެވެ. ކުއްލިއަކަށް ހިތަށް އައިސް ވަނީ ވާރިޝްއަށް ފޯނު ކުރުމަށެވެ. ފޯނު ހޯދާލާފައި އަނެއްކާ އައިސް އިށީނީ އެނދުގައެވެ. ކޮންޓެކްޓް ލިސްޓުން "މައުސް" ޖަހާފައި އޭނާ ސޭވްކޮށްފައި އިން ނަންބަރަށް ގުޅާލިއެވެ. މާޔޫސްކަމާ އެކު ކަންފަތާ ފޯނު ދުރުކޮށްލީ އެ ނަމްބަރު ނިއްވާލާފައި އޮތުމުންނެވެ. ވާރިޝްއާ ހަމައަށް ދިޔުމަށް އޭނާއަށް އެންމެ ފަސޭހައިން ފެނުނު މަގަކީ އަންބަރެވެ. އޭނާ ކޮޓަރިން ނުކުތީ އަންބަރާ ބައްދަލުކުރުމަށް އެ ކޮޓަރިއަށް ދާށެވެ.

"ކަމަނާ،" ކޮޓަރިއަށް ވަދެފައި ސޯފާގައި އިށީންނަމުން ޖޫދު އަންބަރަށް ގޮވާލިއެވެ. ޑްރެސިންޓޭބަލް ކުރިމަތީގައި އަންބަރް ހުރީ އިސްތަށިގަނޑު އޮމާކުރާށެވެ. ޖޫދުގެ އަޑު އޭނާއަށް ނީވޭ ކަހަލައެވެ.

ކުއްލިއަކަށް އަންބަރް ސިހުނީ އޭނާގެ އަތުގައި ޖޫދު ހިފެހެއްޓުމުންނެވެ.

"ވަޓް ދަ..." އަންބަރް ގަދަހަދާލިއެވެ. އެހެންނަމަވެސް ޖޫދަށް ގުޑުމެއްވެސް ނޭރިއެވެ. އެންމެފަހުން އަންބަރް ގަދަހެދުން ހުއްޓާލައިފިއެވެ. އޭނާއަށް ވުރެ ޖޫދު ބާރުގަދަކަން ގަބޫލުކޮށްފިއެވެ.

"ހަނދާންނައްތާ ނުލައްޗޭ ތިއީ އަހަރެންގެ އަނބިމީހާ ކަން" އަންބަރް ގޮވައިގެން އެނދާ ދިމާލަށް ދަމުން ޖޫދު ބުންޏެވެ.

"ކަލޭ ދެން އަހަރެންގެ ގައިގައި އަތްލައިގެން ނުވާނެ" އެނދާ ހަމައިން ޖޫދު އޭނާގެ އަތުން ދޫކޮށްލުމާ އެކު އަންބަރް ބުންޏެވެ.

"އަތްލާނަން. ކަމަނާ ޖެހޭނީ އަހަރެންގެ އަމުރަށް ކިޔަމަންވާން. އަދި އަހަރެން ކަމަނާއަށް ބާރުގަދަކަމެއް ނުދައްކަމެއްނު. ފާއިތުވެ މިދިޔަ ސިކުންތުކޮޅުގެ ތެރޭގައިވެސް އިނގިއްޖެ އެއްނު އަހަރެން ކަމަނާއަށް ވުރެ ބާރުގަދަކަން" ޖޫދު ވާހަކަދެއްކިއެވެ. އެނދުގައި އިށީންދެފައި އޭނާ ގާތުގައި އަންބަރް ބޭންދިއެވެ. އަންބަރް ހިމޭނުން އިނީ ގަދަބާރުން ފިރިއެއްގެ ހައްގު ހޯދަން ޖޫދު މަސައްކަތް ކޮށްފާނެތީ އެކަމާ ޖެހިލުންވެގެންނެވެ.

"އަން. މިއީ ކަމަނާއަށް" އަންބަރް އަތަށް އެތެރެ ނުފެންނަ ކޮތަޅެއް ލައިދެމުން ޖޫދު ބުންޏެވެ. "ބަލާބަލަ ތީގެ އެތެރޭގައި އޮތް އެއްޗެއް"

އަންބަރް ކޮތަޅުތެރެ ބަލައިލިއެވެ. ނަމާދުކުރަން ބޭނުންވާ ސަމާނާ އެކު ކަޅު ހެދުމާ މޫނުފޮތިކޮޅާ މުސްހަފަށް ދަންދެން ކޮތަޅުގައި ހުއްޓެވެ. "މިއީ... މޮޔަވީތަ؟" އަހަރެން މިއެއް ބޭނުމެއްނޫން" އަންބަރް ބުންޏެވެ. އެތަކެތި ފެނުމުންވެސް އޭނާ މޭކަރައިގަތެވެ. ދެއިނގިލިން އެތަކެތީގައި ހިފާ ދުރުކޮށްލިއިރު ހީވީ ނަޖިހެއްގައި އަތްލެވުނު ހެންނެވެ.

"ތީގެ ބޭނުން ކަމަނާ ޖެހޭނީ ކުރަން" ޖޫދު ބުންޏެވެ. "އެހެންނޫނީ"

"އެހެންނޫނީ... އެހެންނޫނީ ކީއްކުރެވޭނީ. ތިގޮތަށް ކަލެއަށް އަހަރެންނަށް ބިރެއް ނުދެއްކޭނެ" ކޮތަޅު އެނދު މައްޗަށް ޖަހާފައި ތެދުވަމުން އަންބަރް ބުންޏެވެ. ޖޫދު އެއްޗެއް ނުބުނެ ހީލައިފިއެވެ.

"އަހަރެން ޑިވޯސް ކުރިއްޔާ މާ ރަނގަޅު" އަންބަރް ބުންޏެވެ.

"ހެހެހެ... ތިއީ އަހަރެން ދުވަހަކުވެސް ކުރާނެ ކަމެއް ނޫން" ޖޫދު ބުންޏެވެ. އޭނާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ޖޫދަށް ކޮޓަރިން ނުކުމެވުނީ ނީލަމް ކުރިމައްޗަށެވެ. ޖޫދުގެ މޫނުމަތިން ފެނުނު ނުތަނަވަސްކަން ނީލަމްއަށް ފާހަގަވިއެވެ. އޭނާގެ ހިތުގައި ޖޫދާ މެދު ހަމްދަރުދީ އުފެދުނެވެ. އަންބަރް ކަހަލަ ޖާހިލު އަންހެނަކު ހަޔާތަށް ގެނެވުމުން ކޮންމެ މީހަކުވެސް ހިތާމަ ކުރާނެއެވެ.

"އަންބަރް އެބަ އުޅޭދޯ" ތުންފަތް މައްޗަށް ހިނިތުންވުމެއް ގެނުމަވަމުން ނީލަމް އެހިއެވެ. ޖޫދު ބޯޖަހާލިއެވެ.

ބައްދަލުކޮށްފައި ވާރިޝް ދެއްކި ވާހަކަތަކުން އަންބަރްގެ މޫޑު ހަރާބުވެއްޖެއެވެ. އިއްތިފާގުން އެކަކު އަނެކަކާ ބައްދަލުވެ މީހުންގެ ނަސީބު ބަދަލުވެގެން ދަނީ ލޯބީގެ ވާހަކަތުގަ އާއި ފިލްމުތަކުންނެވެ. ހަގީގީ ދިރިއުޅުމުގައި އެކަހަލަ ކަމެއް ދިމާވުމުން ގަބޫލުކުރަން އަންބަރަށް ދަތިވިއެވެ.

"އަދި މި މީހާގަނޑުވެސް އުޅޭނީ އަހަރެންނަށް ޖެއްސުމަށް" އެނދުމަތީގައި އޮތް ކޮތަޅު ނަގާފައި ދުރަށް ހޫރާލައިފިއެވެ. އަވަސް ނޭވާތަކެއް ލަމުން އޭނާ އެނދުގައި އިށީންދެއްޖެއެވެ. ވާރިޝް ދެއްކި ވާހަކަތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އިސާހިތަކު މަންޒަރުތައް ފިލްމެއްގެ ސިފައިގައި އޭނާގެ ލޯމަތީގައި ނިއުޅުވެން ފަށައިފިއެވެ.

"ހަނދާންވޭތަ އަހަރެމެން މެރީކޮށްގެން ދިޔަފަހުން އަހަރެންނަށް ވަރަށް ގުޅިއެއްނު އަންހެން ކުއްޖެއް" ވާރިޝް ބުންޏެވެ. އަންބަރްގެ ނިތަށް ރޫ އަރުވާލިއެވެ. އެދުވަސްތައް ވަރަށް ފަސޭހައިން އޭނާގެ ސިކުނޑިއަށް ނަގައިގަނެވިއްޖެއެވެ.

"އާނ. އަހަރެން ވަރަށް ރުޅިވެސް އައިސްގެން އުޅުނިން އެކުއްޖާ ގުޅާވަރުން. ވާރު އުޅުނީ 'ކެޓް' ޖަހާފައި އެނަން ސޭވްކޮށްގެނެއްނު" އަންބަރް ބުންޏެވެ.

"އިނގޭތަ އެއީ އަސްލު ކާކުކަން" ވާރިޝް އެހިއެވެ.

"އަހަރެން ނޫޅެން ބަލަން. މިހާރު އިނގިއްޖެ އެއީ ވާރުގެ އެކްސެއް ކަން" އަންބަރް ބުންޏެވެ. ވާރިޝް ކައިރިއަށް ހިނިއައެވެ.

"އެއީ އަހަރެންގެ އެކްސެއް ނޫން. އެއީ އަހަރެންގެ"

ބިއްލޫރިތަކެއް ތަޅައިގެން ގޮސް އެތިކޮޅުކޮޅު އެކި ދިމާލަށް ބުރައިގެން ދާ އުސޫލުން އަންބަރްގެ ހިޔާލު އެކީ ވިއްސި ވިހާލިވެގެން ދިޔައީ މީހަކު ދޮރު ހުޅުވާލި އަޑަށެވެ. ކުރިމަތިން ނީލަމް ފެނުމުން އަންބަރަށް ހީވީ ބިރުވެރިކަމެއް ފެނުނު ހެންނެވެ. ފުންމައިގެން ތެދުވެއްޖެއެވެ.

"އަހަރެންނަށް ވާރިޝްގެ ނަމްބަރު ދީ" އަންބަރް ހައިރާންވިއެވެ. ނީލަމް ފާޅުގައި ވާރިޝްގެ ނަން ބޭނުންކުރީތީ، ވާރިޝް ދެއްކި ވާހަކަތަކުގައި ހަގީގަތެއް ވާކަން ގބޫލުކުރަން ފަސޭހަވިއެވެ.

"އަހަ....އަހަރެން އަތުގައި ވާރިޝްގެ ނަންބަރު ކީއްވެ އޮންނަންވީ" އަންބަރް ބުންޏެވެ. އެހާ ފަސޭހައިން ވާރިޝް އާއި އޭނާއާ ގުޅުމެއް އޮތްކަމަށް އެއްބަސްވާން އޭނާ ބޭނުމެއް ނުވިއެވެ.

"ތިއީ ދެލޯބިވެރިން ވީމަ" ނީލަމް ބުންޏެވެ. "ބޭކާރު ވާހަކަތައް ދައްކާކަށް އަހަރެންނަށް ވަގުތެއް ނެތް" ނީލަމް ބުންޏެވެ.

"އަހަރެން... އަހަރެންނާ ވާރިޝްއާ މިހާރަކު ގުޅުމެއް ނޯވޭ" އަންބަރް ބުންޏެވެ. މީހުން ކައިރީގައި ދޮގު ހެދުމަކީ އަންބަރަށް އުނދަގު ކަމެއް ނޫނެވެ. އެހެންނަމަވެސް ނީލަމް ކުރިމަތީގައި ދޮގުހަދަން އޭނާއަށް ފަސޭހަކަމަކަށް ނުވިއެވެ.

"ތިބުނީ މިގޭ ޖޫދާ އިނދެގެން އައިސް އުޅެނީ ހުދު ފޮތިކޮޅެކޭތަ؟ ވަރަށް މަޖާ" މަލާމާތުގެ ރާގަކަށް ނީލަމް ބުންޏެވެ. ހިންދިރުވާލުން ފިޔަވައި އިތުރުކަމެއް އަންބަރަށް ނުކުރެވުނެވެ.

"ކޮބާ ފޯނު" އެނދުމަތީގައި އޮތް ފޯނާ ދިމާލަށް ނީލަމް ދިޔުމުގެ ކުރިން އަންބަރް ފޯނު ނަގާ ބާރަށް ހިފަހައްޓައިފިއެވެ.

"ކަލޭ ތިހުރީ ފަޅާއަރައިފަ. މިއަދު ވާރިޝް އާ ދެމީހުން ކެފޭގައި ބައްދަލުކުރިކަމާއި އަދިވެސް ތި ދެމީހުން ގުޅުން އޮންނަކަން އެނގިއްޖެ. އެމަންޒަރުތައް އަހަރެމެންނަށް ފެނިއްޖެ" ނީލަމް ބުންޏެވެ. "ލިބާއަށް ވެސް ހުރިހާ ކަމެއް އެނގިއްޖެ. ކަލޭ މިއަދު އަހަރެންނަށް ވާރިޝްގެ ނަމްބަރު ނުދީފިއްޔާ މުޅި ދުނިޔޭގެ ކުރިމަތީގައިވެސް އަހަރެން ކަލޭ ބޭޒާރު ކުރާނަން. ކަލެއަށް މިހާރު އޮޅިފައެއް ނޯންނާނެ އަހަރެންނާއި ވާރިޝްއާ އޮތީ ކޮން ގުޅުމެއް ކަމެއް" ނީލަމް ވާހަކަދެއްކިއެވެ.

އަލިޝްބާއަށް ހަގީގަތް އިނގެޔޭ ބުނި ހިސާބުން އަންބަރް ނޭވާލާންވެސް ހަނދާންނެތިއްޖެއެވެ. އެތެރެހަށީގައި ނޭވާ ތާށިވީކަމެއް ނުވަތަ އެތެރެހަށިން ނޭވާ ހުސްވީ ކަމެއް އޭނާއަށް ނޭންގުނެވެ. ފެން އެއްޗެއްގެ ތެރޭގައި ނޭވާ ހާސްވެގެން ތެޅޭހެން އޭނާ ތެޅެން ފަށައިފިހެން ހީވިއެވެ.

އެންމެފަހުން ނީލަމް ނުކުތީ އޭނާ ބޭނުންވި ކަންތައް ކޮށްގެންނެވެ.

"ވާރިޝް، އަހަރެން ކަލެއާ ބައްދަލުކުރާނަން. ކުށެއް ނެތް ބަޔަކަށް ކަލޭ ދޭން ތިއުޅޭ ލަނޑުން އެމީހުން ސަލާމަތްކުރާނަން" ނީލަމް ހިތާހިތާ ކިޔާލިއެވެ.

(ނުނިމޭ)