ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ހުޅުމާލޭގައި ބައިތިއްބާ ފިޔަވަތީގައި އެއްވެސް "ރަޔަޓެއް" ހިންގާފައިނުވާ ކަމަށާއި އެތަނުގައި އެއްވެސް ކުއްޖަކަށް އަނިޔާވެފައި ނުވާ ކަމަަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ހުޅުމާލޭގެ ފިޔަވަތީގެ ހާލަތު އިތުރަށް ގޯސްވެ، ރޭ ވަނީ ބައެއް ކުދިން އެތަނުގެ ފުރާޅު މައްޗަށް އަރައި ވަރަށް ގިނައިރު ވަންދެން އަޑުގަދަކޮށްފައެވެ. އަދި މިއަދުވެސް ވަނީ އެތަނުގެ ކުދިންތަކެއް ހަމަނުޖެހުން ހިންގައި، އެތަނަށް ގެއްލުންދީފައެވެ.
އެތަނުގައި ކުދިން ރަޔަޓެއް ކުރިއަށްގެންދާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި އެތަނުގެ ކުއްޖަކު އެމްބިއުލާންސްގައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.
އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ދާދި ދެންމެއަކު ކުރި ޓުވީޓެއްގައި ވަނީ ފިޔަވަތީގައި އެއްވެސް ރަޔަޓެއް ހިންގާފައި ނުވާ ކަމަށެވެ. އަދި އެމްބިއުލާންސްގައި ގެންދިޔަ ކުއްޖަކީ ނަފުސާނީ އެހީތެރިކަން ބޭނުންވާ ކުއްޖެއް ކަމަށާއި ވީޑިއޯގައި ފެނިގެންދިޔައީ އެކުއްޖާ ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދާ މަންޒަރު ކަމަށްވެސް ޖެންޑާއިން ބުންޏެވެ.
"އަޅުގަޑުމެންގެ އިލްތިމާސްއަކީ ކުދިންނާ ގުޅޭ މިފަދަ ހާއްސަ މައްސަލަތަކުގައި މީޑިއާގައި މައުލޫމާތު ހާމަކުރައްވާއިރު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރެއްވުމަށް ފަހު ރައްޔިތުންނަށް ހާމަކުރެއްވުން،" ޖެންޑާގެ ޓުވީޓުގައިވެއެވެ.
ހުޅުމާލޭގެ ފިޔަވަތީގެ ހާލަތުގެ ގޯސްވެ، މިދިޔަ ހުކުރު ދުވަހުވެސް ވަނީ އެތަނުގައި އުޅޭ ކުދިން އެތަނުގެ ފާރުމައްޗަށާއި ފުރާޅުމައްޗަށް އެރުމުގެ އިތުރުން ބައެއް ތަންތަން ހަލާކުކޮށް، އަލިފާން ޖަހައިފައެވެ. އެ މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުން އަންނަ އިރު، މި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީންނާއި ކަމާބެހޭ އެހެނިހެން އިދާރާތަކުންވެސް އަންނަނީ ބަލަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު