ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ހުޅުމާލޭގައި ހުންނަ ފިވަތީގެ ފުރާޅުމަށްޗަށް ނޭރޭ ގޮތް ހެދުމަށް ޖެންޑާ މިިނިސްޓްރީއަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ފާސްކޮށްފިއެވެ.

އެގޮތަށް ކޮމިޓީން ފާސްކުރީ، ފިޔަވަތީގައި ތިބި ކުދިންތަކެއް މިދިޔަ ހުކުރު ދުވަހުގެ ރޭ އެތަނުގެ ފުރާޅުމައްޗަށް އަރައި ނުކިޔަމަންތެރިކަން ދައްކައި ތަންތަން ހަލާކު ކުރުމުގެ މައްސަލަތަކެއް ހިނގާފައިވާތީ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެ މައްސަލަ ބެލުމަށް ބޭއްވި އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައެވެ.

މިއަދު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިފު ޖީހާން ވިދާޅުވީ ފިޔަވަތީގައި ތަކުރާރުކޮށް ހިނގަމުންދާ މައްސަލަތަކާއި ހުކުރު ދުވަހުގެ ރޭ ހިނގައިދިޔަ މައްސަލައާ ބެހޭގޮތުން ހިއުމަންރައިޓްސް ކޮމިޝަން (އެހްއާރުސީއެމް) އާއި ޗިލްރަންސް އޮންބަޑްސް ޕާސަންގެ އޮފީހުން ދެ ރިޕޯޓެއް ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

އެ ދެ ރިޕޯޓަށް ބަލާއިރު ކަންބޮޑުވުންތައް ހިމެނޭ ހަތަރުކަމެއް ފާހަގަވެފައިވާ ކަމަށްވެސް ޖީހާން ވިދާޅުވިއެވެ.

އެގޮތުން ފިޔަވަތީގައި ތިބި ކުދިންގެ ރީ އިންޓަގްރޭޝަން އާއި ފޮސްޓާ ކުރުމުގެ މަސައްކަތް އެކަށީގެންވާ ސްޕީޑުގައި ކުރިއަށްގޮސް، އެކަމުގައި ލަސްތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އެކަމުގެ ސަބަބުން ފިޔަވަތީގައި ތިބި ނަފުސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ކުދިންގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަވާ ކަމަށްވެސް ޖީހާން ވިދާޅުވިއެވެ.

އޭގެ އިތުރުން އެތަނުގައި ތިބީ އެއް އަހަރާއި 14 އަހަރާ ދެމެދުގެ ކުދިން ކަމަށްވުމުން އުމުރުގެ ފަރަގު ބޮޑުވެ ބޮޑެތި ކުދިން އަމަލުކުރާ ގޮތުގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ އަސަރު ކުރާކަން ފާހަގަ ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ނަފުސާނީ އެހީތެރިކަމަށް ބޭނުންވާ ކުދިންނާ އެހެނިގެން ކުދިން އެއްތަނެއްގައި ގެންގުޅުމާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ނަފުސާނީ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ވަގުތު ބޭނުންވާ ވަރަށް އެހީތެރިކަން ލިބިނުދެވޭކަންވެސް ޖީހާން ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އެ ކަންތައްތައް ރަނގަޅު ކުރުމަށް ޖެންޑާ މިނިސްޓްރީއަށް އެންގުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ހާއްސަކޮށް އެތަނުގެ ކުދިން ފުރާޅަށް އެރުމަކީ ސަލާމަތީ ގޮތުން އިންތިހާއަށް ނުރައްކާ އޮތް ކަމެއްކަން ފާހަގަކޮށް، ކުދިންނަށް ފުރާޅަށް ނޭރޭ ގޮތަށް މިހާރުން މިހާރަށް ހެދުމަށް ޖެންޑާ މިނިސްޓްރީއަށް އެންގުމަށްވެސް ކޮމިޓީން ފާސްކުރިއެވެ.