ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއި ބައެއް މިނިސްޓަރުން ހުޅުމާލޭގައި ހުންނަ ފިޔަވައްޗަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި އެތަނުގައި ދިރިއުޅެމުންދާ ކުދިންނާ ބައްދަލު ކުރައްވައިފިއެވެ.

ނައިބު ރައީސާއެކު ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވަނީ މިއަދު ފިޔަވައްޗަށް ވަޑައިގެންފައެވެ.

ރައީސް އޮފީހުން ބުނީ، ސަރުކާރުގެ އިސްވެރިންތަކެއް މިއަދު ފިޔަވައްޗަށް ވަޑައިގެން ފާއިތުވި ތިން ދުވަހު ހިނގާފައިވާ ހާދިސާއާ ގުޅިގެން އެތަނުގައި ތިބޭ ކުދިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި އެކުދިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

‎ޖެންޑާ މިނިސްޓްރީ އާއި ފެމިލީ އެންޑް ސޯޝަލް ސާވިސަސް އަދި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސްގެ ޓީމަކުން މިހާރު ވެސް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ކުރަމުން އަންނަ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ދައުލަތު ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި އުޅޭ ކުދިންތަކެއް އިއްޔެ ވަނީ އެތަނަށް ގެއްލުންދީ، ފުރާޅު މައްޗަށް އަރައި ހަމަނުޖެހުންތަކެއް ހިންގައިފައެވެ. އަދި އެތަނުގައި ވަނީ އަލިފާންވެސް ރޯކޮށްލައިފައެވެ. ނަމަވެސް އަލިފާންގަނޑު ނުފެތުރެނީސް ވަނީ ނިއްވާލައިފައެވެ.