އައްޑޫ ސިޓީގެ ގަމުގައި ހުންނަ އޭޝިއަން އެކެޑަމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އާއެކު ވެފައިވާ އެއްބަސްވުން އެވިޑް ކޮލެޖުން މިއަދު ބާތިލުކޮށްފިއެވެ.

ޕައިލެޓުން ތަމްރީނު ކުރުމަށް އައްޑޫގައި ހިންގާ އޭއޭއޭއާ އެކު އެވިޑުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.

އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި އެ ކޮލެޖްގެ ޗެއާމަން އަބްދުالله މުސްތާގު ރަޝާދު ވިދާޅުވީ އޭއޭއޭއާ އެކު ހަދާފައިވާ އެގްރީމެންޓް މިއަދުން ފެށިގެން އުވާލާފައިވާ ކަމަށެވެ، އެހެންކަމުން އޭއޭއޭއާ ގުޅޭ އެއްވެސް ކަމެއްގައި އެ ކޮލެޖްގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުސްތާގު ވިދާޅުވީ އައްޑޫގައި ފްލައިން ސްކޫލު ހިންގުމަށް އެވިޑް ކޮލެޖުން ޕްލޭންތަކެއް ހެދި ކަމަށާއި އެ ކަންކަން ކަމާބެހޭ އެންމެހާ ފަރާތްތަކާ ހިއްސާކުރެވުނު ކަމަށެވެ. އަދި އެކަންކަން ކާމިޔާބުކުރެއްވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ ދުވަސްތަކުގައި ކުރެވިގެންދިޔަ ކަމަށްވެސް މުސްތާގު ވިދާޅުވިއެވެ.

"އެހެންނަމަވެސް އެއްބަސްވުން އުވާލަން ޖެހުނީ މަސް ދުވަސް ތެރޭގައި ބައެއް މުއައްސަސާތަކުން މިކަމަށް ލިބެން ޖެހޭ މިންވަރަށް އެއްބާރުލުން ދީފައިނުވާތީ އެކަމުގެ ސަބަބުން އެވިޑް ކޮލެޖަށް އިތުރަށް ކުރިއަށް ނުދެވޭނެ ކަމަށް ޤަބޫލް ކުރެވޭތީ،" މުސްތާގު ވިދާޅުވިއެވެ.

މުސްތާގު ވިދާޅުވީ ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި މިހާތަނަށް ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އަދި އެފައިސާ އަނބުރާ އިއާދަ ނުކުރެވޭނެ ކަމަށާއި އެއީ އެވިޑް ކޮލެޖަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށްވެސް ވިދާޅުވިއެވެ.

އޭއޭއޭއާ އެކު ވެފައިވާ އެއްބަސްވުން އުވާލި ނަމަވެސް އެވިޑް ކޮލެޖުން ފްލައިން ސްކޫލެއް ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ހުއްޓާނުލާނެ ކަމަށްވެސް މުސްތާގު ވިދާޅުވިއެވެ.