މިދިޔަ އަހަރު ސުޕްރީމް ކޯޓުގައި ރަޖިސްޓަރީ ކުރީ 121 މައްސަލަ ކަމަށާއި އޭގެ ތެރެއިން ހުކުމް ކުރީ 90 މައްސަލައެއްގައި ކަމަށް އެ ކޯޓުން ބުނެފިއެވެ.
ސުޕްރީމް ކޯޓުން މިހެން ބުނެފައިވަނީ އެ ކޯޓު އުފެއްދިތާ 13 އަހަރު ފާހަގަކުރުމުގެ ގޮތުން މިއަދު ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ސުޕްރީމް ކޯޓުން ބުނިގޮތުގައި ފާއިތުވެދިޔަ ދެ އަހަރަކީ ކޮވިޑުގެ ސަބަބުން މުޅި ދުނިޔެއަށް ބަދަލުތަކެއް ގެނުވި ދެ އަހަރު ކަމަށެވެ. އޭގެ ތެރޭގައި އިގުތިސާދީ ހަރަކާތްތަކާއި އިދާރީ އިންތިޒާމުތަކަށް ލޮޅުން އަރައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލާން ޖެހުނު ދެ އަހަރު ކަމަށް ބުނެފައިވެއެވެ.
އެ ގޮންޖެހުންތަކާއެކުވެސް ސުޕްރީމް ކޯޓުގެ އަމާޒަކީ މެދުކެނޑުމެއްނެތި އަވަސްކަމާއި ހަލުވިކަމާއެކު އަދުލު އިންސާފު ފޯރުކޮށްދިނުމުގެ މަސައްކަތުގައި ދެމިތިބުން ކަމަށް އެ ކޯޓުން ބުނެފައިވެއެވެ.
ކޮވިޑުގެ ސަބަބުން މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އިޖުރާއީގޮތުންނާއި އިދާރީގޮތުން ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް އާ ވަސީލަތްތަކުގެ ބޭނުން ހިފައި ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ދާއިމީ ގޮތެއްގައި ދުރުން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސިއެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ޝަރީއަތްތަކާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށްޓަކައި އިޖުރާއީގޮތުން ގެންނަން ފެނުނު ބަދަލުތައް ދެނެގަނެ އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި އެގޮތުން ކުރެވުނު މަސައްްކަތްތަކާއެކު ސުޕްރީމް ކޯޓުގެ ގަވާއިދުގައި އެ ބަދަލުތައް ހިމަނައި މިދިޔަ އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުގެ އާ ގަވާއިދު އާއްމުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން ބުނީ ހާމަކަން ބޮޑު ގޮތެއްގައި ޝަރީއަތްތައް ހިންގުމުގެ ސިޔާސަތަކީ މިދިޔަ އަހަރުން ފެށިގެން ސުޕްރީމް ކޯޓުން އަމަލު ކުރަމުން އަންނަ ސިޔާސަތެއް ކަމަށާއި އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ 16 ވަަނަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓުން ހިންގާ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އާންމުކޮށްފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިދިޔަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު ފަށައި، މި ސިޔާސަތާ އެއްގޮތަށް ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މާލަމުގައި ބޭއްވޭ ޝަރީއަތްތައް ވެސް ލައިވް ސްޓްރީމް ކުރަން ފަށާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން ބުނި ގޮތުގައި އެ ކޯޓުގެ ތަފާސްހިސާބަށް ބަލާއިރު މިއަހަރަކީ ކުރީ އަހަރަށްވުރެ ކާމިޔާބު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 އިން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް 225 މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި 121 މައްސަލަ ރަޖިސްޓްރީ ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ތެރޭގައި 369 އަޑުއެހުން ބޭއްވިފައިވާ އިރު، 90 މައްސަލައެއްގައި ހުކުމް ކޮށްފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ އަހަރު ހުކުމްކުރި އަދަދަށްވުރެ 29 ޕަސެންޓުގެ ކުރިއެރުމެއް ކަމަށްވެސް ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން ބުނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ އާ ތަސައްވުރާއެކު އެ ކޯޓުގެ ޝަރީއަތުގެ މަޖިލިސްތައް ހިންގުމުގައި ކަރުދާސް މަދުކޮށް އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފަސޭހަކަމާއި ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ހާސިލުކުރެވުނު މުހިއްމު އެއް ކާމިޔާބަކީ ޝަރުއީ ދާއިރާގެ ކޭސް ރިޕޯޓާ އެޕްލިކޭޝަން ތަރައްގީކޮށް ސުޕްރީމް ކޯޓު އުފެދުނީއްސުރެ މިއަދާ ހަމައަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް އެ އެޕްލިކޭޝަނަށް އަޕްލޯޑްކޮށް އެތެރޭގެ ބޭނުންތަކަށް ބޭނުން ކުރުމުގެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
އެ މަސައްކަތުގެ ދެވަނަ ފިޔަވަހި ނިމިގެންދާއިރު އެ އެޕްލިކޭޝަން ބޭނުން ކުރުމުގެ އެކްސެސް ގާނޫނީ ވަކީލުންނާއި ގާނޫނު ކިޔަވާ ދަރިވަރުންނަށްވެސް ހުޅުވާލެވިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު