އެމްޕީއެލުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓުތައް މުވައްޒަފުންނާ އަންނަ އަހަރު ހަވާލުކުރެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޕީއެލްގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ، އެ މަޝްރޫއަކީ މިހާތަނަށް އެމްޕީއެލުން ކުރި އެންމެ ބޮޑު އިންވެސްޓްމެންޓް ކަމަށާއި ކޮވިޑާ ގުޅިގެން މަސައްކަތްތައް ކޮންމެވެސް ވަރަކަށް މަޑުޖެހިލި ނަމަވެސް އެ މަޝްރޫއުގެ މަސައްކަތައްވެސް ކުރިއަށްދާ ކަމަށެވެ.

"އެމްޕީއެލް ހިޔާ ޕްރޮޖެކްޓުގެ މަސައްކަތްވެސް، މި މަޝްރޫއު އަންނަ އަހަރުގެ ކުރީކޮޅުގައި ނިމި، މުވައްޒަފުންނަށް ފުލެޓު ހަވާލުކުރެވޭނެ ކަމަށް އުންމީދު ކުރަން،" ޝާހިދު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލުން އިމާރާތް ކުރާ 14 ފަންގިފިލާގެ ތިން ޓަވަރުގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކާއި އެއް ކޮޓަރީގެ އެޕާޓްމަންޓުތަކެވެ.