ދައުލަތާ ކުދިން ހަވާލުކުރުމަށް ގަވާއިދުން ވިހާ މީހުން އުޅޭ ކަމަށާއި އެކަމަށް ފިޔަވަޅު އަޅަން ގާނޫނު ހަރުކަށި ކުރަން ޖެހޭ ކަމަށް މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލޭ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ދައުލަތުން ކުދިން ބެލެހެއްޓުމަށް ހާއްސަކޮށްފައިވާ ފިޔަވަތިން ފަހަކަށް އައިސް ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން މިއަދު ވެސް ފިޔަވަތީގައި ދިރިއުޅޭ ކުދިންތަކެއް ވަނީ ފުރާޅު މައްޗަށް އަރައި އަޑުގަދަކޮށްފައެވެ. އޭގެ އިތުރުން މިރޭ ވަނީ ފިޔަވަތީގައި އަލިފާނުގެ ހާދިސާއެއް ވެސް ހިނގައިފައެވެ. ނަމަވެސް އެ ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވަނީސް، އަލިފާން ވަނީ ނިއްވާލައިފައެވެ.

ފިޔަވައްޗަށް ވަޑައިގެން އެތަނުގެ ތެރޭގެ ހާލަތު ބައްލަވައިލެއްވުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޝުޖާއު މިރޭ ވިދާޅުވީ ފާހަގަކުރެވުނީ ގާނޫނީ ބޮޑު ހައްލެއް ހޯދަން ޖެހޭ މައްސަލައެއްގެ ގޮތުގައި ކަމަށާއި އެތަނުގެ އޮފިޝަލުންނާ ވާހަކަދައްކާލީމާ ކަންބޮޑުވާ ބޮޑެތި މައްސަލަތަކެއް ފާހަގަކުރެވިގެންދިޔަ ކަމަށެވެ.

"މި ތަން ބެލި ބެލުމުން އަޅުގަނޑަށް ފާހަގަވެގެން ދިޔައީ ކުޑަކުދިންގެ ހިޔާ ހާއްސަކޮށް ފިޔަވަތި، އަޅުގަނޑަށް މިތަނުގެ އޮފިޝަލުންނާ ވާހަކަދައްކާލީމާ މި އެނގުނީ ބަރާބަރަށް ވިހާ މީހުން އެބަ އުޅެއޭ މިތަންތަނާ ކުދިން ހަވާލުކުރާ. ވިހާފައި މިތަންތަނާ ކުދިން ހަވާލުކުރާ އާއިލާތައް ވެސް އައިޑެންޓިފައި ކުރެވިފައި ހުރި ކަމަށް އެބަ ވިދާޅުވޭ. މިއީ ކަންބޮޑުވާން ޖެހޭ ކަމެއް. މިގޮތަށް އަމަލުކުރާ ބޭފުޅުންނާ ދޭތެރޭ ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅުތައް އެބަ އެޅެން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އެއްވެސް ވިސްނުމެއް ނެތި އާއިލާތަކުން ނުވަތަ މައިން ދައުލަތަށް ކުދިން ދޫކޮށްލާ މައްސަލައިގައި ވިސްނަން ޖެހޭ ކަމަށާއި އުނދަގޫ މަރުހަލާތަކެއް އޮންނާތީ ފިޔަވަތި ތޮއްޖެހިފައިވާ ކަމަށެވެ.

"މިތަނުގެ ފަންނީ ބޭފުޅުން މި ވިދާޅުވަނީ މިތަނަށް ކުދިން ގެނައުމުގައި މި އޮންނަނީ ވަރަށް އުނދަގޫ މަރުހަލާތަކެކޭ. އެހެންނަމަވެސް މި ކުދިން އަނބުރާ މުޖުތަމައަށް އައުމަށް އޮންނަ ފުރުސަތުތައް ވަރަށް ހަނި. އެހެންވީމާ ތޮއްޖެހެމުން، ޖެހެމުން ގޮސް މިތަންތަން ފުރެމުން މިދަނީ. އެހެންވީމާ މިއީ މުޅި ކޮމިއުނިޓީ، ހުރިހާ ސްޓޭކް ހޯލްޑާސް، ގާނޫނީ ބޭފުޅުން ކަމުގައިވީ ނަމަވެސް، ދައުލަތުގެ މުއައްސަސާތަކުން ވެސް ހާއްސަ ސަމާލުކަމެއް ދީގެން ހައްލުކުރަން ޖެހޭ ދިވެހިރާއްޖޭގައި އޮތް ބޮޑު މައްސަލައެއް،" އޭނާ ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ ފިޔަވަތި ހުންނަ ސަރަހައްދަކީ ގިނަ ބަޔަކު ދިރިއުޅެމުންދާ ތަނަކަށްވާތީ، އެތަނުގައި ދިރިއުޅޭ ކުދިންގެ އަހުލާގު ހުންނަ ގޮތުން ކަންބޮޑުވާން ޖެހޭ ކަމަށާއި ކުދިންގެ އަހުލާގު ރަނގަޅު ނުކުރެވެނީ އެތަނުގައި ނުކަތާ ވަރަށް ކުދިން ބައިތިއްބާފައި ތިބޭތީ ކަމަށެވެ. އަދި މިއަދަކީ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އިސްތިއުފާ ދެއްވަން ޖެހޭ ދުވަހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލަތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ބައެއް މެންބަރުން ވެސް މިރޭ ވަނީ ފިޔަވައްޗަށް ޒިޔާރަތްކޮށްފައެވެ.