ހުވަދު އަތޮޅުގެ ރަށެއްގައި 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ މަތި ދެކުނު ޕޮލިސް ޑިވިޝަން (ގއ. ގދ. އަތޮޅު) ގައި ހިމެނޭ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ދާދި ފަހުން ވަނީ އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރާ މައްސަލައެއް ވެސް ފުލުހުންނަށް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ތުހުމަތުވަނީ ފުލުސް މީހަކަށެވެ. އެ ފުލުސް މީހާ އިއްޔެ ހައްޔަރުކުރީ އޭނާ ހައްޔަރުކުރުމަށް ގޮވާލައި، އޭނާގެ ދިރިއުޅޭ ގޭގެ ކުރިމަތީ ގިނަ ބަޔަކު އިހުތިޖާޖުކުރި ފަހުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުސް މީހާ ދަނީ އެ ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން ޖިންސީ ގޯނާ ކުރަމުންނެވެ. މިހާރު ކުއްޖާގެ އުމުރުން 16 އަހަރެވެ.