ޚަބަރު

އަންނަ އަހަރުގެ ސެޕްޓެމްބަރު 17ގައި ބޯހިމަނަން ފަށަނީ

އައިޝަތު ނިއުޝާ

ރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނާއި އިގުތިސޯދީ މަސައްކަތާ ގުޅޭ ގޮތުން ތަފާސްހިސާބު އެއްކުރާ ބޯހިމެނުން، އަންނަ އަހަރުގެ ސެޕްޓެމްބަރު 17ގައި ފަށާނެ ކަމަށް މޯލްޑިވްސް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފިއެވެ.

ސްޓެސްޓިކްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބިޔުރޯގެ ޕޮޕިއުލޭޝަން އެންޑް ސޯޝަލް ސްޓެޓިސްޓިކްސްގެ ހެޑް ފާތިމަތު ރިޔާޒާ ވިދާޅުވީ، ބޯހިމެނުމަށް ވާންޖެހޭ އިދާރީ ތައްޔާރީތައް މިހާރުވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު މަސައްކަތަކަށް އޮންނާނީ ސުވާލުތައް އެކުލަވާލުން ކަމަށާއި އެ ސުވާލުތައް އެކުލަވާލާނީ އާއްމުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާޒާ ވިދާޅުވީ، އަންނަ އަހަރުގެ ބޯހިމެނުން ކުރިއަށް ގެންދާނީ އެ މީހަކު ހުރިތަނަކަށް ގޮސް މައުލޫމާތު ނަގައިގެން ކަމަށާއި އެ ހުރިހާ މައުލޫމާތެއްވެސް ނަގާނީ އެއްފަހަރާ ސުވާލު ކަރުދާހަކުން ކަމަށެވެ. އަދި އެކަމުގެ އިންތިޒާމުތައް ހުރީ ރަނގަޅަށްތޯ ބެލުމަށް އަންނަ މާޗު މަހު، ބޯހިމެނުމުގެ ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށާއި އެ މަސައްކަތަށް މީހުން ހޯދަން އަންނަ މަހު އިއުލާނު ކުރާނެ ކަމަށް ވިދާޅުވިއެވެ.

ސްޓެޓިސްޓިކްސް އިން ބުނީ، އެ މަސައްކަތަށް 4،000 އަށްވުރެ ގިނަ މީހުން ބޭނުން ވާނެ ކަމަށާއި އަދި މާލެއަށް އެކަނިވެސް 2،000 އަށްވުރެ ގިނަ މީހުން ބޭނުންވާ ކަމަށެވެ. އަދި ބޯހިމެނުން ނިންމުމަށްފަހު، އާބާދީއާއި ގޭބިސީ އަދި އިގުތިސޯދީ މަސައްކަތުގެ އިތުރުން ދިވެހިންނާއި ބިދޭސީންގެ އާބާދީ އިއުލާނު ކުރާނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގައި ކަމަށް ބުންޏެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު މައުލޫމާތު ނެގުމުގައި ބޭނުންކުރާނީ ޓެބްލެޓެކެވެ. އަދި ރާއްޖޭގެ އާބާދީއާއި މީހުން ދިރިއުޅޭ ތަންތަނުގެ އިތުރުން މި އަހަރު އަލަށް އިގުތިސޯދީ މަސައްކަތްކުރާ ތަންތަނުގެ މައުލޫމާތު އެއްކުރަން ހަމަޖެހިފައިވާ އިރު މާލެ އާއި ރަށްރަށުގައި، އެކިއެކި މަސައްކަތް ކުރާ ތަންތަނާއި ކުރާ މަސައްކަތާއި ވަޒީފާ އަދާކުރާ މީހުންގެ އަދަދު ފަދަ މައުލޫމާތުވެސް އެއްކުރާނެއެވެ.

ބޯހިމެނުމަކީ ރާއްޖޭގެ އާބާދީއާއި ގުޅުން ހުރި ކަންކަމާގުޅޭ ތަފާސްހިސާބު ދެނެގަތުމަށް ކޮންމެ 10 އަހަރަކުން ކުރާ ގައުމީ އެންމެ ބޮޑު މަސައްކަތެވެ. ރާއްޖޭގައި ބޯހިމެނުމުގެ މަސައްކަތް މިކުރަނީ އަށް އަހަރަށް ފަހުގައެވެ. އެގޮތުން އެންމެ ފަހުން ބޯހިމަނާފައި ވަނީ 2014 ގައެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމެނީ، 1985 ގައެވެ.