ވާހަކަ

ވާހަކަ: ދިން ނަޒަރުން ކުރުވި ވައުދު - 04

ޖެހެމުން ދިޔަ ފިނިވައިރޯޅިއާއެކު ނޭފަތުގައި އެއްކަލަ ނުބައި ވަސް އަނެއްކާވެސް ޖެހިއްޖެއެވެ. އެކަމަކު އެއީ ކިހިނެއްވެގެން ކޮންތާކުން ދުވާ ވަހެއްތޯ ދެނެގަންނާކަށް ޝިވާނަކަށް މުހިންމު ނުވިއެވެ. ވަށައިގެން އަނދިރިކަން ވެރިވަމުން ވިއްސާރައިގެ ކުލަވަރަށް ބަދަލުވަމުންދާ މޫސުމާ މެދު ސަމާލުވުމުގެ ބަދަލުގައި ޝިވާން އޭނާގެ ގާތުގައި އިން ހުނާއަށް ބަލައިލިއެވެ. ހަމަ ކުޑައިރުކޮޅެއް ކުރިން އޭނާއާ ބައްދަލު މިވީ ކޮންފަދަ ފުރިހަމަ ރީތިކަމެއް ހެއްޔެވެ.

"ހީވަނީ އަހަރެން ދާން ޖެހުނީހެން.."

ހުވައިނާ ޝިވާންގެ އަތުގައި ހިފައި ގާތަށް ޖެހިލިއެވެ. ދިމާ ކުރިމަތިން ކަނޑުން ނަގާ ރޯޅިއާއެކު ހުވައިނާގެ ނިއްކުރި މައްޗަށް ވެއްޓިފައިވާ ފަން އިސްތަށިކޮޅުގެ ލާނެތް ސަމާސާއިން ސަލާމަތްވުމަށް އޭނަ ބޮލަށް ކުއްލި ހަރަކާތެއް ގެންނަމުން ޝިވާންގެ ކަނދުރާގައި މޫނު ޖައްސާލިއެވެ.

"އެހާ އަވަހަށް ދާން ޖެހުނީ ކީއްވެ.. އަދި އެއްވެސް ވާހަކައެއްވެސް ނުދެއްކެއެއްނު.. ހުނާގެ ރަށާއި ފެމިލީއާ ބެހޭ އެއްވެސް އެއްޗެއް ނުބުނެދީ ދިޔައީމަ އަހަރެން ހުނާ ހޯދާނީ ކިހިނެއް.."

"މިތަނުން ބައްދަލު ވާނެއޭ... އަހަރެންގެ ގެ ހުންނަނީ މިތަނާ އެހާ ދުރަކު ނޫނޭ...."

ހުވައިނާގެ ރީތި އަޑުގައިވެސް ދަމާ ބާރެއް ވާކަހަލައެވެ. ޝިވާނަކީ ރާއްޖެއިން ބޭރުންނާއި ރާއްޖެއިންވެސް އެތައް އެތައް އަންހެން ކުއްޖަކު ދަންނަ ޒުވާނެކެވެ. އޭނާގެ ރީތިކަމާއި ތައުލީމީ ފެންވަރު ރަނގަޅުވުމުގެ ސަބަބުން އެތައް އަންހެން ކުދިން އޭނާއަށް މަރުދެއެވެ. އެހެންނަމަވެސް ހުވައިނާ ތަފާތެވެ. ކޮންމެވެސް އާދަޔާހިލާފު ބާރެއް އޭނާ ހުވައިނާއާ ކައިރިއަށް ގެންގޮސްފިއެވެ. ދާދި ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުވައިނާ އޭނާއަށް ވަރަށް ހާއްސަ ކުއްޖަކަށް ވެއްޖެއެވެ. އޭނާއަށް ނޭނގި ފޮރުވިފައި އޮތީ ހުވައިނާގެ ކިހާ ބޮޑު ހަގީގަތެއްކަން އިހުސާސްވުމެއް ނެތި މި އަލަށް ދިމާވި އަންހެންކުއްޖާއާ މާބޮޑަށްވެސް ގާތް ވެވިއްޖެއެވެ.

ބޯމަތިން ނަގާފައިވާ ކަޅު ވިލާގަޑާއެކު ބާރު ރޯޅިއެއް އައިސް ޝިވާންގެ މޫނުމަތީ ބާރަށް ޖެހިގެންފިއެވެ. އެއްފަރާތަކަށް އެއްލިގެން ދިޔަ ކަނދުރާއަށް ތަދުވިވަރުން ކޫސްވެސް ދަމާލެވުނެވެ. މުޅި ކަންމަތީފަންނަށް ވެރިވެފައި އޮތީ ކަނު އަނދިރިކަމެކެވެ. މިފަހަރު އެއްކަލަ މުޅަކުނި ވަސް އޭނާގެ ސިކުނޑިއަށްވެސް އަސަރު ކުރުވިއެވެ. ގާތުގައި އިން ހުވައިނާއާ މެދު އޭނާގެ ދެވިފައިވާ ފުރިހަމަ ސަމާލުކަންވެސް ގެއްލިގެންދިޔައީއެވެ. އަމިއްލަ އިހުތިޔާރަކާ ނުލައެވެ.

ކަންފަތުގައި އައިސް ޖެހުނީ ތޫނު ފިނި ކަމަކާއެކު ވޭނީއާހެއްގެ އަޑެވެ. ޝިވާނަކީ އެއްވެސް އިރެއްގައި ބިރުގެ ކަންފުޅެއްވެސް ހުންނަ މީހެއް ނޫނެވެ.

ފާޑުފާޑުގެ ރޫހާނީ ބާރުތަކުގެ ވާހަކައާއި ޖިންނި ހަންޑި ވާހަކަތަކާއި ޝައިޠާނީ ސިހުރު ހާހޫރަ ފަންޑިތަ މިއިން އެއްވެސް ކަމެއް ސައިންސްގެ ހަގީގަތުން ބޭރުން ޝިވާން ގަބޫލެއް ނުކުރެއެވެ.

"އޭހޭ...ކޮބާ..ހުނާ...ހުވައިނާ..." ކަނދުރާގައި އަތްއަޅައިގެން އެނބުރިލިއިރު ހުވައިނާ ފެންނާކަށް ނެތެވެ. ޝިވާން ވެލިގަނޑު މަތިން ތެދުވެ ގައިން ވެލިފޮޅަމުން ވަށައިހެން ހޯދައިލިއެވެ. ހުވައިނާގެ އެއްވެސް ހިލަމެއް ނެތެވެ. ދުރަށް މާދުރަށް ދެމިގެން ގޮސްފައިވާ މަގޫގަސްތަކާއި ކަނޑޫފަލުތަކުގެ އިތުރުން ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުތަކުގެ ފޮނުގަނޑުވެސް މި އަނދިރީގައި ފެންނަނީ ނާމާން ފާޑަކަށެވެ. މި ފަޅު އަނދިރިކަމުގެ ތެރޭގައި ހުވައިނާ އެކަނިމާ އެކަނި އެދިޔައީ ކޮންތާކަށްބާވައެވެ. ގެއަށް ދާން ބޭނުންވެގެން ބުނިނަމަ އޭނާ ހުވައިނާ ގޮވައިގެން ގެއާ ހަމައަށް ގޮސްދިނީހެވެ. އަޖާއިބެއް ކަހަލަ އަންހެން ކުއްޖެކެވެ. އައިނައި ތަނެއް ނޭނގެއެވެ. ދިޔަނުދިޔަ ގޮތެއްވެސް ނޭނގެއެވެ. އަމިއްލަ ތައާރަފަކަށް އެއްވެސް ތާކުންތާކު ޖެހޭ މުހިންމު ވާހަކައެއް ނުބުނެދެއެވެ.

"އުމުރުދޯ... ސަތޭކަ ފަންސާސްފަސް އަހަރޭ ބުނިއްޔާ ގަބޫލު ކުރާނަންތަ." މިއީ އުމުރު އެހުމުން ހުވައިނާ ދިން ޖަވާބެވެ.

"މަންމައާއި ބައްޕަ އެބަތިބި.. މަންމަ ވަރަށް މަޑުން ހުންނާނީ... ވަރަށް ވާހަކަ ނުދައްކާނެ... ހުނާގެ ފެމިލީ ވަރަށް ބޮޑުވާނެ... ބޮޑޭ އަކީ ގޭގެ ވެރިޔާ... އެންމެންވެސް ބޮޑޭ ދެކެ ވަރަށް ބިރު ގަންނާނެ.. އަމުދުން މިގޮތަށް ދަންވަރު ބޭރަށް ނުކުމެ އުޅުމަކީ ބޮޑޭގެ ގާނޫނާ މުޅިން ހިލާފު ކަމެއް... މިރޭ ހަވޭއްޔަށް ތޫފާނެއް އަންނާނެ ހުނާ މިގަޑީގައި މި ހިސާބަށް އައިކަން އެނގިއްޖެއްޔާ.."

"ހަވޭއްޔޭ... މިކަހަލަ ރާއްޖޭގެ ރަށެއްގައި ހަވޭލި ހުންނަ ކަމެއް އެއްގޮތަކަށްވެސް ނޭނގޭ..."

"ވަރަށް ބޮޑުވާނެ ހުނާގެ ކޮޓަރިވެސް... ޝިވާ ގެންދާނަން އިނގޭ.. އުނހު... ޝިވާއަށް އަސްލު ވަރަށް ފަސޭހަވާނެ އަހަރެންގެ ކޮޓަރިއަށް ދާން... ފްލައިޓު ދުއްވަމޭ ބުނީމެއްނު.... ފްލައިޓުގައި ދަމުން ދޮރު ހުޅުވާލާފައި ވިލާގަޑުމައްޗަށް ފުންމާލާނީ.. އޭރުން ހުރެވޭނީ ހަވޭލީގެ ދާދި ކުރިމަތީގަ... މި ދިމާލުން މަތީގަ.... ބަލާ... އެހެރަ ތިންތަރި ފެނޭތަ.."

"ކެސިއޯޕިއާ....!"

"އާ... ކެސިއޯޕިއާ.. އެއީ އަހަރެމެންގެ ހަވޭލީގެ ދިމާ ދޮރާށި..." ވިލާތައް ގިނަވެ ކެސިއޯޕިއާގެ ތަރިތައް ގެއްލުމުގެ ކުރިން ހުވައިނާ އިނީ ވަރަށް މަޖާވެފައެވެ. ކެސިއޯޕިއާގެ ތަރިތަކުގެ ތާރީހުވެސް ހުވައިނާ ފޯރީގައި ޝިވާނަށް ކިޔައިދިނެވެ.

"ކެސިއޯޕިއާގެ ތަރިތައް އެއީ ރާނީއަށް ދެވޭ އަދަބު ފެންނަން ހުރި ހެއްކެއް... ހުނާގެ ހޫރުކާފަ ކެސިއޯޕިއާގެ ކިބުރުވެރިކަމާ ބޮޑާ ކަމަށް ކަލާނގެ ދެއްވި އަދަބު ހަމަ ލޮލުން ދުށީމޯ..." ޝިވާނަށް ހީނގަނެވުނީ ބާރަށެވެ.

"އެއީ ފްލޯކު ވާހަކައެއް... ސާބަސް ކަނބުލޮއަށް... ކަނބުލޮ ބޮޑާހޭކީމަ ހައްދަން ލޮއްސަން ކަނބުލޮގެ މަންމަމެން މާމަމެން ފިސާރި މޮޅު ވާހަކަ ކިޔައިދީފަ އެބަހުއްޓެއްނު... ކެސިއޯޕިއާގެ ތަރިތައް އެއީ ޖަސްޓް އެންޝެންޓް ގްރީކް މީތޮލޮޖީ.... އަހަރެމެން ދިވެހިންނާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން... އަމުދުން އަހަރުން މީ މުސްލިމުންނޭ..." ޝިވާން ހުނުން ހުއްޓާލަމުން ސީރިއަސް ރާގެއްގައި ބުންޏެވެ.

ވިލާ ގިނަވެ ކުއްލިއަކަށް ޖެހުނު ރޯޅިއާއެކު އެ މަޖާ އަންހެންކުއްޖާ ގެއްލިއްޖެއެވެ. އަތިރިމަތިން އެއްވެސް ހިލަމެއް ފެންނާކަށް ނެތެވެ. ކަންމަތީފަންނުން އެއްގަމަށް ރަށުތެރެއަށް ދާން ނުކުންނަން އޮންނަ މަގާ ދިމާއަށް ދިއުމުގެ ކުރިން ޝިވާން އުޑާ ދިމާއަށް ބަލާލިއެވެ. ހަމަ ކުޑައިރުކޮޅެއް ކުރިން ކަޅުކޮށްލި އުދަރެސް އަލިވާން ފަށައިފިއެވެ. ކަޅުވިލާތައް ކެހެމުން ތަރިތައް ދިއްލެމުންދާ މަންޒަރު ފެނުނު ވަގުތު އެއްކަލަ ޑަވިޔަނި ޑަބްލިއުގެ ސިފައަކަށް ހުންނަ ތަރިތަކުގައި ޝިވާންގެ ނަޒަރު ހަރުލައިފިއެވެ. ކޮންކަހަލަ މޮޔަ އަންހެން ކުއްޖެއް ހެއްޔެވެ.

ކެސިއޯޕިއާގެ ވާހަކަ ހުވައިނާގެ ސިކުނޑީގައި ހަރުލާފައި ހުރީ ވަރަށް ބޮޑަށް އެވާހަކަ އޭނާއަށް ކޮންމެވެސް މީހަކު ޝައުގުވެރިވާ ކަހަލަ ގޮތަކަށް ކިޔައިދީފައި ވާތީކަން ޔަގީނެވެ. އެކަމަކު އެ ވާހަކަ އެހާ ގަޔާވެގެން ކިޔައިދީދީ އިން ހުވައިނާ ކުއްލިއަކަށް ދިޔައީ ކޮންތާކަށްބާވައެވެ.

ވައިރޯޅިއާއެކު ނޭފަތާއި ސިކުނޑި ހަރާބު ކުރި ވަސް މިހާރު އެއްވެސް ވަރަކަށް ނުދުވައެވެ. އުޑުމަތި ސާފުވެ ހަނދުގެ ރިހި އަލިން ކަނޑުގެ ލޮނުގަނޑުވެސް ރިހިފަތެއްހެން ވިދާލިއެވެ. ޝިވާން އަތިރިމަތީގެ މި ހިތްގައިމު މާހައުލުން ގެއަށް ދާހިތެއް ނުވެއެވެ. ގެއަށް ގޮސް ކުރާނެ ވަކި ކަމެއް އޮތީއެއް ނޫނެވެ. މާދަމާ ރެއާ ހަމައަށް އެނބުރެން ޖެހޭނީ ފޫހިކަންމަތީގައެވެ. މި އަތޮޅަކީ އަމިއްލަ އުފަން އިންތިހާއަށް ލޯބިވާ މަރްހޫމު ބައްޕަގެ އަމިއްލަ އަތޮޅަށް ވިޔަސް ޝިވާނަށް މިއީ ބީރައްޓެހި ތަނެކެވެ.

ބައްޕަގެ ހަނދާން ވުމުން ޝިވާންގެ ހިތުގައި ޖެހިއްޖެއެވެ. ބައްޕަ ދެކެ އިންތިހާއަށް ޝިވާން ލޯބިވެއެވެ. ބައްޕަގެ ހެޔޮ ހަޔާތުގައި ބައެއް ޗުއްޓީތަކަށް ޝިވާން ގޮވައިގެން މި ހިސާބަށް އައިސް އުޅުނެވެ. ކަންމަތީފަންނުގެ މި ސަރަހައްދު އޭނާއަށް ހާއްސަވާ ސަބަބަކީ އެއީއެވެ. މިތާގައި އެތައް ހަނދާނެއް ފޮރުވިފައިވެއެވެ. އެންމެފަހުން މިރޭ އޭނާއަށް ހިތްއެދޭ ފަދަ ރީތި ޕަރީއާ ވެސް ބައްދަލުވީ މިތަނުންނެވެ. ކުރިއަށްވުރެ މިތަން ހާއްސަވީއެވެ.

މާބޮޑަށްވެސް ދަން ވެއްޖެއެވެ. ގެއަށް ދާހިތް ނުވި ނަމަވެސް ހިތާ ދެކޮޅަށް ޝިވާން އެއްގަމަށް ދާން އޮންނަ މަގާ ދިމާއަށް ފިޔަވަޅު ނެގިއެވެ. އޭރުވެސް ހުވައިނާގެ އެއްވެސް ހިލަމެއް ވޭތޯ އޭނަގެ ލޮލާއި ކަންފަތް ހޯދަމުންދިޔައެވެ.

"އޭހ.. މިހިރަ މީހާ... މިތަނުން ދާށޭ... ކަލެއަށް ރަނގަޅަށް ހެޔޮ އެދިގެން މިބުނަނީ.. އަވަހަށް މިތަނުން ދާން އުޅޭ..."

ޝިވާނަށް ކުއްލި ސިހުމެއް ލިބުނީ އޭނައާ ދާދި ގާތުން ބަރު އަޑެއް އިވުމުންނެވެ.

"ހައިރާންވީދޯ.. ބިރު ނުގަންނަ މީހެއް ނުންތީ.."

ޝިވާން އެނބުރި ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

"އަހަރެން ފެނޭތޯ ބަލާނެ ކަމެއް ނެތް... އަވަހިއްޔާ އަވަހަށް ރައްކާވާން އުޅޭ.."

އެ އަޑުގައި ހުރީ ގަދަފަދަ ބުން ކަމެކެވެ. ހީވަނީ ދުރުން، މާދުރުން ކޮންމެވެސް ބަރު ފިރިހެން އަޑެއް ބެދިފައި ހުރި ތަނެއްގެ ތެރެއިން ވާހަކަ ދައްކާހެނެވެ.

"ބުނަން ރަނގަޅު ވާހަކައެއް... ބަފާ ހިނގި މަގުން ހިނގަން ކޮންމެހެން އުޅޭނެ ކަމެއް ނެތް... އެހެން އުޅެން ހަދައިގެން ބަފައަށްވުރެ ހިތި ނިމުމަކުން ކަލޭގެ ނިމުން އަތުވެދާނެ..."

"ކާކު... މަގޭ ބައްޕައާ ބެހެނީޔޯ... ހާދަހާވާ ފިނޑިވެސް މީހެކޭ ދޯ... މަގޭ ބައްޕަ ހިނގި މަގަކުންވެސް ކަލެއަކަށް ނުހިނގޭނެ.. ފެންވަރުން އުޅެބަލަ.."

ބައްޕައަކީ ޝިވާންގެ މޭގެ އެތިކޮޅެކެވެ. އެއްވެސް މީހަކު ތައުރީފާއި ސަނާ ކިޔުމަށް ނޫން ގޮތަކަށް ބައްޕަގެ ވާހަކަ ދައްކައިގެން ނުވާނެއެވެ. އޭނާ އެފަދަ ކަމެއް ބަލައެއް ނުގަންނާނެއެވެ.

"އައްދޭ... ވަރަށް ހިތުގައި ޖެހިއްޖެއެއްނު... ބަލަ އަހަރުމެންވެސް ލައްކަ ހިތާމައެއް ކުރީމޭ.... ވޭނީ އަސަރުވެސް ކުރިއޭ. އަހަރެމެން ކިހާ އާދޭހެއް ކުރިންތަ.. ކަލޭގެ ބައްޕައަކަށް އަޑެއް ނީވުނު... އަހަރެމެންގެ ލޮލުގެ ކުރިމަތީގައި އަހަރެމެންގެ ލޯބިލޯބި ދަރިފުޅު އެއްލާލާފަ ކަލޭގެ މަންމައާ އެކީ ދިޔައީ... ކަލޭގެ ބައްޕައަށް ކަލެއާއި ކަލޭގެ މަންމަ އަމިއްލަ ފުރާނައަށް ވުރެ މުހިންމު..." މިފަހަރު އެއަޑު ބަދަލުވީ ވަރަށް ބުންހުރި ވަރުގަދަ އަންހެން އަޑަކަށެވެ. ޝިވާން ވަށައިގެން ހޯދި ނަމަވެސް އެއިން އެއްވެސް އަޑެއްގެ ވެރިއަކު ނުފެނުނެވެ. އޭނާ ހައިރާންވެފައި އެ އިވޭ ވާހަކަތަކާ މެދެ ވިސްނާލިއެވެ. އަނެއްކާ މިޖެހުނީ ކޮންފަދަ ބޮޑުކަމެއް ހެއްޔެވެ.

"އޭހ... މާ ހަޔާތްކުޑަ... ވާހަކަ ނުދައްކާ... ކުރިމައްޗަށް އަންނަން ނުކެރެންޏާ ފާޑުފާޑުގެ ވާހަކަ ނުދައްކާ..." ޝިވާން ރުޅިވެރި އަޑަކުން ބުނެލިއެވެ.

"ކަލެއަށް ހަޔާތް ކުޑަ މީހެއް ފެނުނިއްޔާ އެނގޭނެތަ... ކަލޭ ހިތުން ތިއުޅެނީ ބައްޕައާ އެއްގޮތަކަށް އުޅެން ވެގެނެއްނު... ބަފާހެން މިތަނަށް ފާވެގެން އަހަރެމެންގެ އަތުން އަހަރެމެންގެ ދަރިފުޅު އަތުލަންކަމަށްތަ.." މިފަހަރު އެއަޑުގައި ހުރީ ކޮންމެވެސް ވަރެއްގެ ހިތާމައިގެ އަސަރެކެވެ. ޝިވާންގެ ހައިރާންކަން އިތުރުވިއެވެ.

ކޮން ދަރިފުޅެއްގެ ވާހަކަބާވައެވެ. މިއީ ކޮންބައެއްގެ އަޑެއް ހެއްޔެވެ. އެބަޔަކު ފިލާ ތިބެގެން ވާހަކަދައްކަނީ ކީއްވެގެން ހެއްޔެވެ. އޭނާ އަދިވެސް ވަށައިގެން ހޯދަނީއެވެ. އެކަމަކު އެއްވެސް މީހަކުގެ އެއްވެސް ހިލަމެއް ނުވިއެވެ. ފުރަ މެންދަމަކަށް ފެށެނީއެވެ. ރޭގަނޑެއްގެ މިފަދަ ދަން ގަޑިއެއްގައި މީހުން އުޅޭ ހިސާބާ އެތައް ދުރުގައި އޮތް މި ފަޅު ކަންމަތީފަންނުގައި އޭނާގެ އާއިލާގެ މާޒީ އެނގޭ މީހުންތަކެއް އެއުޅެނީ ކީއްކުރަންބާވައެވެ. ހުވައިނާ ކަހަލަ ރީތި އަންހެން ކުއްޖަކު އެކަނިމާއެކަނި މި އަނދިރި ރޭގަނޑު މިތަނަށް އައިސް އެ އުޅުނީ ކީއްކުރަންބާވައެވެ. ހަމަ އެންމެ ވިއްސަކަށް މިނިޓް ގާތުގައި އުޅެފަ ހުވައިނާ ފިލައިގެން ދިޔައީ ކީއްވެގެން ކޮންތާކަށްބާވައެވެ. އަސްތާއެވެ.

ކުއްލިއަކަށް ޝިވާންގެ ސިކުނޑިއަށް ވިދުވަރެއް ފަދަ ހަނދާނެއް އައިސްފިއެވެ.

ޔާރައްބީ... އޭނަ އެހާ ހަނދާން ބަލިވީ ކޮންއިރަކު ހެއްޔެވެ.

މިރެއަކީ ހޮނިހިރު ވިލޭރެއެވެ. މިރޭގެ ތާރީހުގައި އެއްވެސް މީހަކު މިހިސާބަކަށް ނާންނާނެއެވެ. ބައްޕަގެ ހެޔޮހަޔާތުގައި ނުހަނު ބޮޑަށް މަނާކޮށްފައި އޮތް ކަމެކެވެ. މަންމައަށް އެނގިއްޖެއްޔާ ވަރަށް ގޯސްވީއެވެ. އެކަމަކު އެކަހަލަ ބޯދާ އެއްވެސް ވާހަކައެއް އޭނަ ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. އެއްވެސް އިރެއްގައި އޭނާ އެކަހަލަ އެއްވެސް ކަމެއް ގަބޫލެއް ނުކުރެއެވެ.

"އޭހ... އަދިވެސް ތިހުންނަނީޔޯ... ދާން އުޅޭށޭ.." ބާރު ގުގުރިއެއްހެން ގަދަފަދަ ފިރިހެނެއްގެ ބުން އަޑު އަނެއްކާވެސް ޝިވާން ސިއްސުވާލައިފިއެވެ. މިފަހަރު ޝިވާން ކިތަންމެ ހިތް ގަދަފަދަ ވިޔަސް ސިހުމެއް ގެނުވައިފިއެވެ. އެ އަޑާއެކު ތޫފާނީ ރޯޅިއެއްގެ ބީހުން ޝިވާންގެ ލޯލިތައް ކޮޅައް ޖަހައިފިއެވެ. ހީވީ ކޮންމެވެސް ބާރު އަތަކުން އޭނާގެ ބުރަކަށީގައި އަތްއަޅައި ކޮއްޕާލިހެނެވެ. ހިފަހައްޓާ ނުލެވިގެން ގޮސް އަރިއަޅާލުމަކާއެކު ވެއްޓި އޭނާގެ ބޯ ބޮޑު ގާގަނޑެއްގައި ޖެހުމާއެކު ހެއަށް ގޮތެއް ވިކަން އެނގުނެވެ. ކަޅި އަރައިގެން ގޮސް ހޭހުސްވި ވަގުތު މަޑުމަޑު ފިނި އަތްތިލައެއްގެ އިހުސާސް އޭނާގެ ކަދުރާއަށް ކުރިކަން ޔަގީނެވެ. ޔަގީނުންވެސް ގިސްލެވިފައިވާ އެ އާދޭހުގެ އަޑަކީ ހުވައިނާގެ އަޑެވެ. މާރަނގަޅަށް ކީނުކީ އެއްޗެއް ސާފު ނުވިޔަސް އެންމެ ޖުމުލައެއް ޔަގީން މިންވަރަށް ޝިވާންގެ ކަންފަތަށް އިވުނެވެ.

"އެހެން ނަހަދާ.. ހެޔޮނުވާނެ.."

(ނުނިމޭ)