ވިލިނގިއްޔާ މާލެއާ ދޭތެރޭ ކަނޑުމަތިން ވޭލް ސަބްމެރިން އަޑިއަށްދާ ވާހަކަ، ވޭލް ސަބްމެރިން މޯލްޑިވްސްގެ ވެރިޔާ އަދި ކުރީގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު ދޮގުކުރައްވައިފި އެވެ.
ވޭލް ސަބްމެރިން އަޑިއަށް ދާ ކަމަށް ދޭހަވާ ވީޑިއޯ ތަކެއް އަދި ފޮޓޯތަކެއް ވަނީ މިއަދު ސޯޝިއަލް މީޑިއާގައި އާންމު ވެފަ އެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން އުމަރު ނަސީރު މިއަދު ވިދާޅުވީ، ސަބްމެރިން އަޑިއަށް ނުދާ ކަމަށާއި ސަބްމެރިން އޮތީ އަރިއަޅާލާފައި ކަމަށެވެ. ސަބްމެރިން މައްޗަށް އަރާ އަދި އަޑިއަށްދާ ވަގުތު ތަކުގައި ބައެއް ފަހަރު އެހެން އަރި އަޅައިލާ ކަމަށާއި އެއީ ދޭތެރެއަކުން ވާގޮތެއް ކަމަށެވެ.
"ކޮންމެ ދުވަހަކުވެސް ސަބްމެރިން އަޑިއަށް ގޮސް މައްޗަށް އަރާނެ. ދެން މިއީ އަލަށް ވެގެން އުޅޭ ކަމެއްވެސް ނޫން. އެގޮތަށް އަޑިއަށް ގޮސް މައްޗަށް އަރާއިރު އަރި އަޅާލާނެ. އެއީ ކުޑަކުޑަ ޓެކްނިކަލް އިޝޫއެއް. ސަބްމެރިން ތެދުކޮށްލީމަ ރަނގަޅުވާނެ." އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ، އެ ހިސާބުގައި ދިރިއުޅޭ މީހުންނަށް އެއީ ދޭތެރެއަކުން ސަބްމެރިންނަށް ދިމާވާ ކަމެއްކަން އެނގޭނެ ކަމަށެވެ. އަދި ބައެއް ނޫސްތަކުން ވޭލް ސަބްމެރިން އަޑިއަށް ދިޔައީ ކަމަށް ބުނެ ދޮގު ހަބަރު ފަތުރާފައިވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން "ވަން" އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، ވޭލް ސަބްމެރިން އަޑިއަށްދާ ކަމުގެ އެއްވެސް ރިޕޯޓެއް މިއަދު ކޮށްފައި ނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު